ޚަބަރު

ގައު ހުދުވުމުގެ މައްސަލަ މިއަހަރުވެސް


  • މިދިޔަ އަހަރު ވެސް މިދުވަސްވަރު ވަނީ ގައު ހުދުވެފައި

  • މިހާރު އޮތީ "ވޮޗް"ލެވަލްގައި

ގައު ހުދުވުމުގެ ބޮޑު ހާދިސާއެއް މިއަހަރުވެސް ހިނގާފާނެކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ލަފާކޮށްފިއެވެ.

މިދިޔަ އަހަރުވެސް މިދުވަސްވަރު ގައު ހުދުވާން ފެށިއެވެ.

ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ބައިނަލްއަޤުވާމީގޮތުން ގައު ހުދުވުމުގެ ގިންތިކުރާ މިންގަނޑުގެ" ވޮޗް" ލެވެލްގައިކަމަށެވެ. އަދި ކުރިއަށް އޮތް 1 ހަފްތާއާއި 4 ހަފްތާއާ ދެމެދު މި ލެވެލް " ވޯނިން"އަށް އަރާނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 ހަފްތާއާއި 8 ހަފްތާގެ ދެމެދު މިގިންތި އެލާޓް "ލެވެލް 1 "އަށް އަރާނެކަމަށް އަންދާޒާކޮށްފައިވާއިރު 9 ހަފްތާއާއި 12 ހަފަތްއާ ދެމެދު އެލާޓް "ލެވެލް2"އަށް އަރާނެކަމަށްވެސް އެ އިންސްޓިޓިއުން ވަނީ އަންދާޒާކޮށްފައެވެ.

ގައު ހުދުވެފައިވާ މަންޒަރު މިއަހަރު މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވިދާޅުވެއެވެ. އެމްއެމްއާރްއައިން ވަނީ ގައު ހުދުވާކަން ފާހަގަވެއްޖެނަމަ، އެކަމަށް ޚައްސަކޮށްގެން އެއިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދިފައެވެ.

ގައު ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު، އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވުމެވެ. އެއިދާރާއިން ވިދާޅުވީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގައުތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވާނެކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.