ޚަބަރު

އައްޑޫ ބުރިޖު ވާހަކައަކީ ކުރީ ސަރުކާރުތަކަށް ދައްކަން ނުކުރެނު ވާހަކައެއް: ނިޒާރު


  • ނިޒާރު ވިދާޅުވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް

  • ނިޒާރު ވިދާޅުވީ ބްރިޖް ހުވަފެން ހަޤީގަތަކަށް ހައްދަވައިދެއްވާނީ ރައީސް މުޢިއްޒުކަމަށް

މި ސަރުކާރުގައި އައްޑޫގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށްކަމަށާއި ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ، މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ތަރައްޤީއާއި ގުޅޭގޮތުން ކައުންސިލާއެކު ފުޅާ ދައިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ.

އެގޮތުން ކޮންމެ އަވަށަކަށް މުހިންމު މަސައްކަތަކާއި ގުޅޭގޮތުން އެ ދާއިރާއެއްގެ ކައުންސިލަރުން އެ ކަންކަން ހުށައެޅުމުގެ ފުރުޞަތު ވަކިވަކިން ދެއްވިކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން މުޅިން އަލަށް އުފެއްދެވި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއެކުވެސް ކައުންސިލުން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކައުންސިލުން ބޭނުންވާ ކަންކަމުގައި ސަރުކާރަށް ހުށައެޅުމުން އެ ކަންކަމުގެ ޖަވާބު ވަރަށް އަވަހައް ހޯއްދަވައިދެއްވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"ކައުންސިލާ ގުޅުންހުރި ކަންކަމުގައި ވަރަށް އަވަހަށް ޙައްލު ހޯއްދަވައިދެއްވާ. ކައުންސިލްގެ ހުށައެޅުންތައް ސީދާ ކެބިނެޓާ ހަމައަށް ގެންދަވާ މަޝްވަރާކުރެވޭ. ވަރަށް ދާތުން ދެ ފަރަރާތުން މަސައްކަތް ކުރަމުން ދަނީ." މޭޔަރ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މި ސަރުކާރުންވެސް އައްޑޫގެ ތަރައްޤީއަށް ވަރަށް ބޮޑެތި މަޝްރޫޢުތައް ރާވާފައިވާކަމަށެވެ.

އެގޮތުން އައްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއުގެ ވާހަކައަކީ މީގެ ކުރީގެ ސަރުކާރުތަކަށް ދައްކަން އުނދަގޫ ވާހަކައެއްކަމަށް ވިދާޅުވިއެވެ. އެއީ އެކަމުގެ ޔަގީންކަން ކުޑަވީމަ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ޢަމަލީ ގޮތެއްގައި އެކަމުގެ މަސައްކަތް ފަށްޓަވާތީ އެ ހުވަފެން ހަޤީގަތަކަށްވުމުގެ އުއްމީދު މިހާރު އައްޑޫގެ ރައްޔިތުންނަށް ބޮޑުކަމަށް މޭޔަރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫޢުއެއް ހިންގުމަކީ ރައީސެއްގެ އިޚްތިޔާރުގައި އޮތް ކަމަކަށް ވާތީ، ރައީސް މުޢިއްޒު އެހާ ޔަގީންކަމާއެކު ބުރިޖު އަޅައިދޭނެކަމަށް ވިދާޅުވާ ވިދާޅުވުމަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށެވެ. މިސްރުގެ ކުންފުންޏއްކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްގެން ޕްރޮޖެކްޓްގެ ސަރވޭގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ދެއްވި ޔަގީންކަމަކީ މި ދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާނެކަމުގެ ޔަގީންކަމެވެ.

"ކުރީގެ ސަރުކަރުތަކުގައި މިފަދަ ބޮޑު މަޝްރޫއެއްގެ ޚަރަދާ ޕްލޭން ބޮޑުވީމަ މި ވާހަކަ ދައްކަން އުދަގޫވެފައި ތިބީ. އެކަމަކު މި ސަރުކާރުގައި ރައީސް މުޢިއްޒު ޢަމަލީގޮތުން މަސައްކަތް ގެންދިއުމަށް ނިންމަވާ މަސައްކަތް ފެށީމައި އުފާކުރަން. މުޅި ސިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސް، ތަރައްޤީގެ މުޅިން އާ ނާރެހެން ހުޅުވޭނެ." އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އައްޑޫ ސިޓީގައި "އައްސޭރި ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭން"ގެ ނަމުގައި 6000 އެނދުގެ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ފެއްޓެވުމަށްވެސް ނިންމަވާފައެވެ. މީގެއިތުރުންވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރެއްވުން ފަދަ ބޮޑެތި މަސައްކަތްތައްވެސް ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނެއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރުމަށް ނިންމާފައިވާ ކަންކަމުގައި ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ފުރިހައަށް ދެއްވާނެކަމަށެވެ.

ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުން ފަށާފައިވާ އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމާއި އެއަރޕޯޓް މަޝްރޫޢުއަކީ ސީޓީގެ ތަރައްޤީއަށް ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ. އެ މަސައްކަތްތައްވެސް ހުއްޓާނުލާ ގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.