ޚަބަރު

ކުރީ ސަރުކާރުން މަޝްރޫޢުތައް ފެށީ ފައިސާއެއްނެތި ސިޔާސީ ބޭނުމަށް: ޒިޔާދު


  • މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްފައިވަނީ ކްރެޑިޓަކަށްކަމަށް ވިދާޅުވި

  • ފައިސާ ދައްކާނެ ޕްލޭނެއް ކުރީ ސަރުކާރުގެ ނެތްކަމަށްވެސް ވިދާޅުވި

ކުރީ ސަރުކާރުން އަތޮޅުތަކުގައި މަޝްރޫޢުތައް ފެއްޓީ ސިޔާސީ ބޭނުމަކަށް ފައިސާ ނެތިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ރަށްރަށުގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއްހެން މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ށ. މާއުނގޫދޫއަށް ވަޑައިގެން ރައީސް ޞާލިޙު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފަށްޓަވާފައިވާކަމަށާއި، ނަމަވެސް މި ސަރުކާރުން އެ ހުރިހާ މަޝްރޫޢުތަކެއްހެން ހުއްޓުމަކަށް ގެނެސްފައިވާކަމަށް ތުޙުމަތުކުރައްވާފައެވެ.

ރައީސް ޞާލިޙުގެ މި ތުޙުމަތުތަކަށް ރައްދުދެއްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ކުރީ ސަރުކާރުން ރަށްރަށުގައި މަޝްރޫޢުތައް ފެއްޓެވީ ހަމައެކަނި ސިޔާސީ މަންފާއަށްކަމަށެވެ. އަދި މަޝްރޫޢުތަކަށް ސަޕްލައިކުރާ ކުންފުނިތަކުން އެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ސަޕްލައިކުރުވީ ކްރެޑިޓަށްކަމަށާއި، ފައިސާ ދޭނެ ޕްލޭނެއްވެސް ނެތްކަމަށެވެ. ތެޔޮވެސް އެޅުވީ ކްރެޑިޓަށްކަން ފާހަގަކުރައްވާ ޒިޔާދު ވަނީ އެމް.ޓީ.ސީ.ސީއަށް އެ ހާލު ޖެއްސީ ކުރީގެ ރައީސް ޞާލިޙު ކަމަށް ވިދާޅުވެފައެވެ.

އެމް.ޓީ.ސީ.ސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށް އެ ކުންފުނީގެ ސީ.އީ.އޯ ޒިޔާދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ކުރީގައި އޮތް މެނޭޖްމަންޓުން ޢަމަލުކޮށްފައިވާ ގޮތުން އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެގޮތުން ބައެއް މަޝްރޫޢުތައް ހިންގުމަށް މިދިޔަ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށްކަމަށާއި، ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.