މުނިފޫހިފިލުވުން

ވާހަކަ: އޯކިޑުގެ ހިޔަނީގައި


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ވާހަކަ ލިޔެފައިވަނީ: އިބްރާހީމް އަފްޟަލް ހ.ޖީޒާން

  • ހުށަހެޅީ: އާމިނަތު އަރޫޝާ ގދ.ހޯނޑެއްދޫ / މާހި

  • ފޮނުވީ: 12 މާރޗް 2024

ގަދަޔަށް އަނދަމުންދާ އަލިފާންގަނޑެއްފަދައިން މުޅި މާލޭތެރޭގައި ޚަބަރެއް ފެތުރިގެން ދިޔައެވެ. މި ޚަބަރު އިވުމުން، ބަޔަކު މީހުން އުފާކުރިއެވެ. އަދި ބަޔަކު މީހުން ހިތްހަމަނުޖެހިފައި، އެކަމަކު އެ ވަގުތުގެ ނާޒުކުކަމުން އެމީހުން ގެ ހިތުގެ ޝުޢޫރުތައް ފާޅުކުރަން ނުކެރިފައި ތިއްބެވެ. އަދި ބަޔަކުމީހުން ވަރަށް ހިތާމަ ކުރިއެވެ. މި މީހުންގެ ތެރޭގައި ފާތުމަތު ސާދާވެސް ހިމެނުނެވެ. އެނާ އެހެރަގެން ދަނީ ހަރުކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނަގެ ގެއަށް ދެވޭތޯއެވެ. އޭނަ އެ ހިނގަނީ ގިނައިން އިސްޖަހައިގެން ބިންމައްޗަށް ބަލަމުންނެވެ.

މީހަކާ ހަތަރުކަޅި ހަމަވެދާނެކަމަށް އޭނާ ޖެހިލުންވިއެވެ. އެރޭ ސާދާ އެގޭ ސިޓިންރޫމުގައި ދެރަވެފައި އިންދާ އެގޭތެރެއަށް އައިސްއެވަނީ ސާދާގެ ފިރިމީހާ މޫސާ އަހުމަދުފުޅެވެ. އިރެއްގާ ސާދާ މޫސަދެކެ ބޭއިންތިހާދަރަޖައަށް ލޯބިވިއެވެ. ނަމަވެސް މިހާރު މޫސަ އެގެއަށްވަންނަ ކޮންމެފަހަރަކު ސާދާގެ ހިތުގާ ބިރުވެރިކަންއުފެދެއެވެ. އޭނަގެ އަތްފައި ފިނިވެއެވެ. އޭނާއަށް ބިރުން އިސްއުފުލާ ބަލައިލާކަށްވެސް ނުކެރެއެވެ.

އާނއެކެވެ. ބަހާރުމޫސުން އޭގެ ފަރި ކުލަވަރުތަކާއި ހިތްއެދޭހާ މަންޒަރުތައް ދައްކަމުން މީސްތަކުން އޭގެ މަސްތުގައި އާޝޯޚު ކުރުވަމުންދާއިރު، އެ މޫސުމަކީވެސް ނިމޭނެ މޫސުމެއްކަމުގެ އެއްވެސް އިޝާރާތެއް ނުކުރާނެއެވެ. ސާދާގެ އުމުރުން ސޯޅައަހަރު ވީއިރަށް އެޒަމާނުގެ އާދަކާދައިގެ މަތިން ޒުވާން ފިރިހެންކުދިންތައް އޭނައާ ރައްޓެހިވެވޭތޯ މަލެއްގެ ވަށައިގެން މާބުރުތަކެއް އެނބުރޭފަދައިން އެނބުރޭންފަށާފިއެވެ. ސާދާ މިހުރިހާ ކުދިންތަކަށް ދިނީ ބީރުކަންފަތެކެވެ. އެކުދިންނަކީވެސް ސާދާފަދައިން ސޯޅަ ސަތާރަ އަހަރުގެ ކުދިން ކަމުން އެކުދިންނަކަށް ލޯބިހާމަކުރާކަށް އަދި ހުށަހަޅާކަށްވެސް ރަނގަޅަކަށް ނޭނގެއެވެ. މިގޮތުން އެކުދިންގެ ކިބައިންލިބޭ ޒާޔްޒާތުގެ އުނދަގޫތަކަށް ސާދާ ކެއްކުރަމުންދަނިކޮށް، އެހިސާބުގަނޑު މީހަކަށް މިމަންޒުތައް ފެނިގެން ސާދާގެ ބައްޕައަށް މިޚަބަރުތަށް ދީފިއެވެ. ދެން ސާދާގެ ބައްޕަ އުސްމާނަށް މިކަން ބޮޑުވެގެން، ސާދާގެ މަންމަ އައިމިނައާ މިވާހަކަތައް ދެއްކިއެވެ. އުސްމާނު ބޭނުންވީ އަވަހަށް ސާދާ މީހަކާ ދެވާށެވެ. ނަމަވެސް އައިމިނަ މިކަމާ ސާފުކޮށް އިންކާރު ކުރަމުން ބުންޏެވެ. "ސާދާއަކީ އަދި އަމީނިއްޔާ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއް. އެކުއްޖާގެ ތަޢުލީމު ފުރިހަމަވަންދެން އޭނަ މީހަކާ ދެވައިގެން ނުވާނެ. އަހަރެން ބޭނުން އަހަރެންނަށް ނުލިބުނު ފުރުސަތުތައް އޭނައަށް ހޯދައިދޭން."

އެޒަމާނަކީ އަދި އަލަށް އަންހެންކުދިންނަށް ސްކޫލެއްގައި ތަޢުލީމުދޭން ފެށުނު ޒަމާންކަމުން، ގިނަބަޔަކަށް މިކަމަކީ އެމީހުންނަށް ބަލައިގަނެވޭނެވަރުގެ ކަމަމަކަށްނުވިއެވެ. އެފަދަމީހުން ބުނެއުޅެނީ އައިމިނގެ ބަހަށް އޭނަގެ ފިރިމީހާ އުސްމާނުވެސް ދިން ކަހަލަ ޖަވާބެކެވެ. އައިމިނަގެ ވާހަކަ ނިމުމުން އުސްމާނު ފެއްޓިއެވެ. "ބުނަން އައިމިނާފުޅާ ރަނގަޅުވާހަކައެއް. އަހަރެން ކަނބުލޮގެ އެދުމަށް އަމިއްލަ ހިތާދެކޮޅަށް އެމަންޖެ އެ އަމީނިއްޔާ ސްކޫލުގަނޑަކަށް ވެއްދީވެސް. އެ ބޭރުން ކިޔަވާވަޑައިގެން އެހުންނެވި އަމީން ދީދީއަކީ އަހެރެން އެހާ ރުހޭ ބޭފުޅެއް ނޫން. އެބެފުޅާއޭކިޔައިގެން މީސްމީހުން އެދައްކާ ޒާތްޒާތުގެ ވާހަކަތަކެއް ކަނބުލޮއަކަށް ވާނޭނގޭނެ. އެބޭފުޅާ ބޭރުތެރޭ އުޅުއްވާ ގޮތްކޮޅުތަކެއް ކަނބުލޮއަކަށް ނުފެންނާނެ. އަންހެނުންނާ ފިރިހެނުން އެއްތާކު ހީސަމާސާކޮށް އެހެން އުޅެގެން ވާނީ ގެއްލުމެއް. ލިބޭނީ ހުތުރު ނަމެއް. އަދި މާލޭގެ ތިބުނާހެން ކިޔަވައިގެން އެއުޅުއްވާ އަންހެންބޭކަނބަލުން އެ އުޅުއްވާގޮތްކޮޅުތައް ކަނބޮލޮއަށް އެނގޭތަ؟ އެހަރަ ލާފަ ހުންނަ ކުރު ހެދުންތަކާ، ފޮތިފޭއްޔެއް އޮޅައިގެން އެހެރަ އުޅޭގޮތްތައް ފެންނަނަމަ އައިމިނައަށްވެސް އެނގޭނީ."
"އެއީ ފޮތިފޭއްޔެއް އޮޅަނީކީ ނޫނޭ. އެއަށް ކިޔަނީ ސާޅިއޭ. ކޮބާ އުސްމާނައްތަ މަށައްތަ ކަންކަން މި ނޭނގެނީ." އައިމިނަ ފޮނިވެލާފައި ހިނިތުންވެލަމުން ބުންޏެވެ.

"ސާޅިއެއްކަމެއް ބާޅިއެއްކަމެއް މަށަކަށް ނޭނގެ. އަހަންނަށް އެނގޭހާވެސް ކަމަކީ އަހަރެން އަހަރެންގެ މަންޖެ އެފަދަ ހެދުމެއް ލައިގެން އުޅޭ މަންޒަރު ބަލާކަށް ބޭނުމެއްނޫންކަން. ދެން އަޅެ ތި ސާޅި އެއްފަރާތްކޮށްފައި ބުނެބަލަ. އަންހެންވެރިން ގެއިންބޭރަށް ނުކުމެ އުޅެގަތުމުން ވިޔާނުދާހާކަންކަމަށް ހުށަހެޅި އެފަދަކަންކަމަށް މަގުފަހިވެގެންދާނެއެއްނޫންތަ؟ މިބުނީ ފަހެ ދޮގެއްތަ؟ އެމީހުން ވަކި ކިޔަވައިގެން ވާނީ ކޮން މޮޅެއްތަ؟ ދަރިންނާ ފިރިމީހާގެ ކަންތައްތައްބެލުމުގައި މާބޮޑު ކިޔެވުންތަކެއް ކިޔަވަންޖެހޭތަ؟ ތީ ހައްތަހާވެސް މި މާލޭގައި މިއުޅުއްވާ ބޮޑެތި މުއްސަނދި އާއިލާތަކުގެ އަންހެންބޭކަނބަލުން އެކަނބަލުންގެ ހުސްވަގުތުތައް ފުރާނެ ގޮތެއްނޭނިގެން ކުރައްވާހާ ކޫސަނި ކަންތައްތައް. ދެން އަހަރުމެންފަދަ އާދައިގެ މީހުންނަށްވެސް މިހީވަނީ އެއީ އަހަރުމެންވެސް ހަމަ އުޅޭން އެންމެ ރަނގަޅުގޮތްކަމަށް. ނަމަވެސް މީހުން ބެނެ އުޅޭނޫންތަ ކަނބުލޯ، އެކަކުންޏެއް ހަރުކޮންނަންވާނީ އެކަކުންޏެއްގެ ވަރުންނޭ. އަހަރުމެން މީ އާދައިގެ މީހުން. އަހަރުމެންގެ ދަރިން ކިތަންމެ ވަރަކަށް ކިޔެވިޔަސް މާކަ މޮޅެއް ނުލިބޭނެ. ތި އިސްކޫލަށް ފޮނުވުމުގެ ބަދަލުގައި އެ ކުއްޖާއަށް ރަނގަޅަށް ކަށްކަން ދަސްކޮށްދިނިއްޔާ މާ ރަނގަޅުވެފަ ފައިދާ ކުރާނެ. އެ މަންޖެއަކަށް ބަތްކޮޅެއްހާހިސާބުވެސް އަންދާލުނާ ކައްކާކަށް ނޭނގެއެއްނު؟ ދެން ފިރިއަކު އޭނާގެ އަނބިމީހާއަކީ އިސްކޫލުން ކިޔަވައިގެން ހުރި މީހަކަށްވާތީއޭ ހިތާ، އޭނައާއެކު އުމުރުދުވަސް ހޭދަކުރާނެ ކަމަށްހަމަ އައިމިނައަށް ހީވޭތަ؟ އެވަރުން ފުދޭނެކަމަށް ހީވަނީތަ؟"

ކޮންމެއަކަސް، ސާދާގެ މަންމަގެ އާދޭހުގެ ސަބަބުން، ސާދާއަށް އޭނަގެ ތަޢުލީމު ފުރިހަމަކޮށް އެޒަމާނުގައި ނަގާ ސަނަދު ނެގުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް އޭނާ ސްކޫލު ނިންމި ދުވަހުގެ ހަވީރު އޭނަގެ ބައްޕަ އޭނައާ ބައްދަލުކުރަން މީހަކު އައިސް އެބައިން ވާހަކަ ބުންޏެވެ. ސާދާ ޖެހިލުންވެހުރެ އެގޭ ގޯތިތެރެއަށް ނުކުތްއިރު އެތާ ޖޯލިފަތީގައި، ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރިހެނަކު އިނެވެ. އެމީހާ ސާދާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. ސާދާއަށް ކުއްލިއަކަށް ވަރަށް އާދައާ ޚިލާފު އިޙުސާސްތަކެއް ކުރެވުނެވެ. އޭނާގެ ކޮލާ ކަންފަތް ކައިރިން ހޫނުވާހެން އޭނައަށް ހީވިއެވެ. އަދި އޭނާ ލަދުން އިސް ޖަހާލިއެވެ. އެކަމަކު ލަދުގަތްފައިހުރިއިރުމެ އޭނާއަށް ހުރެވުނީ ރަކި ހިނިތުންވުމެއްވެލައިގެންނެވެ. އެ މީހާ މަޑު ހިނިތުންވެލުމަކާއެކު އަމިއްލަ ނަފްސުގެ ތަޢާރަފު ކުރަމުން ބުންޏެވެ. "އަހަންނަށް ކިޔަނީ މޫސާ އަހުމަދުފުޅު. ތީ ސާދާ ދޯ؟ ސާދާގެ ބައްޕަ ސާދާގެ ވާހަކަ ވަރަށް ކިޔައިދިނޭ. އެކަމަކު އަހަރެން ބޭނުން ސާދާގެ ކިބައިން ސާދާއަކީ ކަކުތޯ އޮޅުންފިލުވާ ދަސްކުރަން."

އެރޭ ސާދާ ނިދަން އޮވެގެން އެދެމީހުންގެ ދެމެދު ދެކެވުނު ވާކަހަތަކާމެދު ވަރަށް ވިސްނިއެވެ. ސާދާގެ ހިތުގައި މޫސަގެ ތަޢުރީފުގެ މާތައް ފަށްފަށަށް އަމުނަންފެށިއެވެ. މޫސަ އެހެންމީހުންނާ ހާދަހާ ތަފާތެވެ. އެ ބެލުމުގައި އެހެރީ ހާދަ ތޫނުފިލިކަމެކެވެ. މިހީސާބުގަނޑުގައި އަހަންނަށް ގޯނާކުރާ ފިރިހެންކުދިންތަކާ މޫސައާ އެހެރީ އުޑާބިމާހާ ވަރުގެ ތަފާތުކަމެކެވެ. މޫސަގެކިބައިން ސާދާއަށް ފެނުނީ މާތް އަޚުލާގުން ޒީނަތްތެރިވެފައިވާ ދިރިއުޅުމެއްއުޅޭ ޝަރަފުވެރި މީހެއްގެ އަލާމާތްތަކެވެ. އޭގެ އިތުރުން އެ ދެލޮލުގާ އެހެރީ އޯގާތެރިކަމާ ލޯތްބެވެ.

އެޒަމާނަކީ ދެމީހަކު ކައިވެނިކުރާކަށް އެހާ އުނދަގޫ އަދި ޚަރަދުބޮޑު ޒަމާނެއްނޫންކަމުން، އޭގެ އެންމެ ދެ ހަފްތާވީއިރު، މޫސައާއެކު ސާދާގެ ޒަވާޖީހަޔާތްފެށިއްޖެއެވެ. އަލަތު ކައިވެނީގެ މާމުއިހަނދުގެ ދުވަސްތައް ދިޔައީ ވަރަށްވެސް އުފަލުގައެވެ. މޫސަގެ ކިބައިން ފެންނަމުން ދިޔައީ ސާދާ އުންމީދުކޮއްގެންހުރިފަދަ އޯގާތެރިކަމާ ލޯތްބެވެ. ސާދާ އަކީ ކެއްކުމަށް ވަރަށް ދެރަ ކުއްޖެއްކަމުން މޫސަގެ މަންމަގެ އެދުމަށް ސާދާ އެގެއަށް ކަށްކަންދަސްކުރަން ދާންފެއްޓިއެވެ.

އެގެ ހުންނަނީ މޫސަމެންގެއާއި ވަރަށްކައިރީގައެވެ. ސާދާގެ މަންމައާ ޚިލާފަށް މޫސަގެ މަންމަ، ކަތްދައަކީ ކެތްމަދު ރުންކުރު މީހެކެވެ. ސަދާ އެގެއަށް ދިޔައީ ހަމަރަނގަޅަށް ކަތްދަގެކިބައިން ކައްކަން ދަސްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ދުވަސްކޮޅެއް ވީއިރަށް ސާދާއަށް އެނގުނުކަމަކީ ކަތްދަގެ ބޭނުމަކީ ސާދާއަށް ކައްކަން ދަސްކޮށްދިނުމެއް ނޫންކަމެވެ. ކަތްދަ ބޭނުންވީ ސާދާއަށް ފާޑުކިޔާ އޭނާ އެގޭ އެންމެންގެ ކުރިމަތީގައި ދެރަކޮށް ފަޟީހަތް ކުރުމެވެ. އެއްފަހަރަކު ސާދާ ކަތްދަމެންގެއަށް ވަންތަނާ ކަތްދަގެ އެންމެ ދޮށީ އަންހެންދަރި ބޮނޑިބަތްކޮޅެއް ކައްކައިގެން ގެނެސް ސާދާއަށް ދިއްކޮށްލިއެވެ. ސާދާ މީގެން ބޮނޑިބަތްކޮޅެއްގެ ރަހަބަލާލައިފާ ބުންޏެވެ. "އުމް، ހާދަ މީރޭ، ނަފީސާއައްތަ ވަރެއް ހަމަނެތް!"

ދެން ނަފީސާ ހިނިތުންވެލާފައި ކޮންމެވެސް އެހެން ކަމަކު ގޭގެއެތެރެއަށް ހިނގައްޖެއެވެ. އެވަގުތު ބޭރުން އައިސް ކަތްދަވަނެވެ. އޭނައަށް ސާދާކައިރީގައި ހުރި ބޮނޑިބަތްތަށި ފެނިގެން އައިސް އަހާލިއެވެ. "މީ ސާދާކެއްކި ބޮނޑިބަތްކޮޅެއްތަ. އަދި ސާދާ ބޮނޑިބަތްފަދަ އެއްޗެހި ކައްކާވަރެނުވެއޭ." މިހެން ބުނަމުން އޭނާ އެތަށިން ބޮނޑިބަތްކޮޅެއް ނަގާ ރަހަ ބަލާލިއެވެ، އެ ހިންދު އޭނަގެ މޫނުމައްޗަށް، މީހަކަށް ހުތްއެއްޗެއްކެވުނީމާ ޖައްސާލާނެފަދަ ވައްތަރެއް ޖައްސާލަމުން ބުންޏެވެ. "އޫން، އައްޗީޑި، ހީވަނީ ހަކުރު ބަސްތާއެއް އޮއްސާލާފަ އޮތްހެން، މި ބޮނޑިބަތް އަހަރެންގެ މޫސައަށް އަނެއްކާ ކާންނުދޭތި. އެފަކީރަށް ހޮޑުވެސް ލެވިދާނެއެއްނު!"

ސާދާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް، ނަފީސާ އެތަނަށް ނުކުމެ ހިނިތުންވެލާފައި ބުންޏެވެ. "މަންމާ، މީރުދޯ؟ އަހަރެން ހަމަދެންމެ ހަދައިގެން މިގެނައީ."

ސާދާއަށް ބޭއިޚުތިޔާރުގައި ހީނގަނެވުނެވެ. ކަތްދަ ރުޅިއައިސް ރަތްވެގެން ސާދާއަށް ބަލައިލިއެވެ. ދެން އިވިގެންދިޔައީ ސާދާގެ ކޯމަތީގައި ކަތްދަ ވަރަށްބާރަށް ޖެހި އެތިފަހަރުގެ އަޑެވެ. ސާދާ މިފަދަ ހަމަލާއަކަށް ނުވިސްނާ ހުރިކަމުން އޭނާ އެ ތަފާލުގެ ބާރުމިނުގެ ސަބަބުން ބިންމައްޗަށް ވެއްޓުނެވެ.
ނަފީސާ ސިއްސައިގެން ދެލޯބޮޑުވެފައި ހުރެ އޭނަގެ މަންމައަށް ބުންޏެވެ. "މަންމާ!"

ކަތްދަ އެންބުރި ނަފީސާއަށް ބައިލާފައި ބުންޏެވެ. "ދަރިފުޅަކަށް ނޭގޭނެ. މީ ހާދަހާ މަކަރުވެރި ހީލަތްތެރި، ކުއްޖެކޭ. އަހަރެންގެ މޫސަފަކީރުގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ. ކަމަކުންކުރެން ކަމެއް ކުރަން އެނގެނީކީއެއްނޫން. އަހަރެން އޭނައަށް ކައްކަން ދަސްކޮށްދޭން މިކުރާހާ މަސައްކަތުގެ ބަދަލުގައި އޭނަގެ ކިބައިން އެފެންނަނީ ނުކިޔަމަންތެރިކަމާ، ބޮޑާކަމާ، ލަދު ހަޔާތްކުޑަކަން. އަޅެ އަހަރެން ކިހާ ރަނގަޅަކަށްތަ ކަންތައްތައް މިކުރަނީ. ކިހާ މަސައްކަތެއް މިކުރަނީ. އެކަމަކު.. އެކަމަކު މިމީހުންނަކަށް.." މިހިސާބަށް ބުނިއިރު ކަތްދަގެ އަޑުގައި ތުރުތުއެޅުމެއް އުފެދުނެވެ.

އަދި އުޑުމަތި ބަނަކުރުމަށްފަހު ވާރޭ އޮއްސައިގަންނަފަދއިން އިސާހިތަކު އެ ތުރުތުރުއެޅުން ބަދަލުވީ ރުއިމަކަށެވެ. ދެން އެންމެންގަނޑު ތެޅިފޮޅިގަތީ ކަތްދަގެ ރުއިން ހުއްޓުވޭތޯއެވެ. މޫސަ އައުމުން ކަތްދައަދި ބާރަށް ރޯންފެށިއެވެ. ދެން މޫސަ މިކަމާ ކަންބޮޑުވެގެން އެހީމާ ކަތްދަ ބުންޏެވެ. "ދަރިފުޅާ ކަމެއްނުވޭ، ދަރިފުޅަށްވެސް އެނގޭނެ މަންމައަކީ ކިހާ ހިތްބަލި މީހެއްކަން، އެކަމަކު ބޭރުން އަންނަމީހަކަށް އެކަމެއްނެގޭނެއެއްނު. އެއީ އެކުއްޖާގެވެސް އެކަނި ކުށެއްނޫން. ހިތާމައަކީ އޭނައަށް ރަނގަޅު ތަރުބުއްޔަތެއް ދީފައިނެތީމަ."

މިބަސްތަކުން އިޝާރާތް އެކުރީ ސާދާއަށްކަން މޫސައަށް ވިސްނުނެވެ. ދެން އޭނާ ސާދާކައިރަށް ގޮސް ރުޅިއައިސްފައި ސާދާގެ ކޯމަތީގައި ޖެއްސެވެ. ސާދާހުރީ މިވާކަންތަކާމެދު ހައިރާންވެ ދެލޯބޮޑުވެފައެވެ. މިހާރު އޭނަގެ ދެލޯ ފެންކަޅިވެ އިސާއިތަކު ކަރުނަތައް ރޮނގުރޮގަށް އޮހޮރެންފަށައިފިއެވެ. ނަމަވެސް އޭނާ ބާރަކަށް ނުރޮއެވެ. އޭނާގެ މޫނުމަތިން ނިކަމެތިކަން ފާޅުވާހާލު އޭނައަށް މާފުކުރުމަށް އާދޭސްކުރިއެވެ. ދެން ކަތްދަވެސް މަޑުމަޑުންއައިސް މޫސަގެ ކޮންޑުގައި އަތްޖައްސާލަމުން ބުންޏެވެ.

"ދަރިފުޅާ، ދެން ތި ރުޅި މައިތިރިކޮށްބަލަ، އެމަންޖެއަށް އޭނައަށް ހެދުނުގޯސް ވިސްނިއްޖޭ. އަހަރުމެންނަކީ އޭނަގެ ދުޝަންނުންނެއްނޫނޭ. ދެން މިކަން މާބޮޑުކަމަކަށް ނުހަދާ ދޫކޮށްލާ. ސާދާވެސް ދެން ރަނަގަޅަށް ބަލައިގެން ތިމާމީހާއަށްވުރެން ބޮޑެތި މީހުންނަށް ކަމޭހިތާ އަދަބުއިޙުތިރާމުކުރަން ދަސްކުރާތި. ދެން އަޅާނުލާ، ދަރިފުޅާ ހިނގާބަލަ، ނަފީސާ އެހެރީ ވަރަށްމީރުކޮށް ބޮނޑިބަތް ކައްކާފަ."
އެދުވަހު ގެއަށް އައިއިރު މޫސަގެ ރުޅިގަނޑުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ދެން ސާދާ ހިތްހަމަޖައްސާލައިގެން އޭނަގެ ދިރިއުޅުމައިގެން ކުރިޔަށް ދިޔައެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން މޫސަ ސާދާދެކެ ރުޅިއަންނަކޮންމެފަހަރަކު އޭނަގެ ގައިގައި ތަޅަންފަށައިފިއެވެ. މިހަމަލާތަށް ދިޔައީ ފަހަރެއްފަހަރަކަށް ބޮޑުވަމުންނެވެ. މިހާރު ކުދިކުދިކަންތަކާވެސް ރުޅިއައިސްގެން މޫސަ ސާދާގެ ގައިގައި އަތުންނާ ފައިން ތަޅާ އަނިޔާކުރެއެވެ.

މޫސަގެ އަނިޔާތައް މުޅިންވެސް އަމާޒުކުރަނީ ސާދާގެ ގަޔަށެވެ، މޫނާ އަތްތިލަފަދަ މީހުންނަށް ފެންނާނެ އެއްވެސް ތާކު އޭނައެއްނުޖަހައެވެ. މިހެންވެ އޭނަދޭ ޒަޚަމަތައް އެހެންއެއްވެސް މީހަކަށް ނުފެނެއެވެ. މިހާރަކަށްއައިސް ހީވަނީ ސާދާއަށް އަނިޔާއެއްކޮށްނުލާ ނުވަތަ އިހާނެތިބަހެއް ނުބުނެ އެންމެދުވަހެއްވެސް ދޫކޮށްލުމީ މޫސައަށް އުނދަގޫކަމެއްހެންނެވެ. އެޒަމާނުގައި ދެމަފިރިންގެދެމެދުގާ ހިނގާ މިފަދަ ހަމަނުޖެހުންތަކުގެ މެދަކަށް ގިނަފަހަރު އާއިލާގެ މީހުންނެއްވެސް އަދި އެހެންމީހުންނެއްވެސް ނުވަންނާނެއެވެ. މިހެންކަމުން ސާދާ އޭނައަށް މޫސަގެކިބައިން ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކައެއް އޭނަގެ މައިންބަފައިނާވެސް ހިއްސާއެއް ނުކުރެއެވެ. ސާދާއަށް މިހާލަތަށް ހޭނެވުނީ ކީއްވެކަމެއް އަދި ކިހިނެއްކަމެއް ހުދުއޭނާއަކަށްވެސް ނޭނގެއެވެ. ނުދަނެހުއްޓާމެ އޭނަގެ ފިރިމީހާ އޭނަގެ ދުޝްމަނަކަށްވެއްޖެއެވެ.

ސާދާގެ ހަޔާތުގެ އޮއެވަރު ގަދަވެ ހަލަބޮލިވީހެން މާލޭގެ ސިޔާސީ މާޙައުލުވެސް ދިޔައީ ހޫނުވަމުން ކިލަނބުވަމުންނެވެ. އެންމެފަހުން ތާރީޙުގެ ފަތްފުއްތަކުގައި ޖެހުނީ ހުތުރު ލައްގަނޑެކެވެ. ދިވެހިން އެމީހުން އަމިއްލައަށް ބޭނުންވެގެން ވެރިކަމަށް އިސްކުޅަ ރައީސް އެމީހުންގެ އަމިއްލައަތުން ވަރަށްވެސް އަނިޔާވެރި އަދި އެހާމެ އިހާނެތިގޮތަކަށް ދުރުކޮށްފިއެވެ. އަލަށް އުފެދުނު ޖުމްހޫރިއްޔާ އަނެއްކާވެސް ރަސްކަމަކަށް ބަދަލުކޮށްފިއެވެ. މޫސަގެ އަނިޔާވެރި ކަމުގެ ދަށުވެފައިވާ ސާދާއަށް އަމީން ދީދީ ދެކެވުނީ އަންހެނުންނަށް އިތުރު ހައްޤުތަކާއި މިނިވަންކަމެއް ގެނެސްދިން ބަޠަލެއްގެ ގޮތުގައެވެ.

އަންހެންވެރިން ދުނިޔެއަށް ހޭލުންތެރިވެ ކުރިމަތިލާން ހިއްވަރުދީ އެ މީހުންގެ ދިފާޢުގާ ސާބިތުވެ ހުރި އައްޑަނައެއްގެގޮތުގައެވެ. ދެން އަމީންދީދީ ވެރިކަމުން ދުރުކޮށް އެ ހިންގި އަމަލުތަކުގެ ވާހަކަ އިވިފައި ސާދާއިނީ ވަރަށް މާޔޫސްވެ ހަށިގަނޑުން ވަރުވެސްދޫވެފައެވެ. މިހެންއިންދާ މޫސައައިސް އެވަނީ އުފަލުން ހެވިދިލިފައިހުރެއެވެ. އޭނައައިސް ސާދާ ކުރިމަތީ ހުއްޓިފައި މަލާމާތައް ބުންޏެވެ. "ކޮބާ ހީވެއްޖެ. މަބުނީމެންނު އެވައްތަރަށް ތެޅިގަނެގެން އުޅޭމީހުންނަކަށް އާޚިރުގާ ކާމިޔާބެއް ނުލިބޭނޭ. އޭނަ ކަލޭމެން އަންހެންވެރިންގެ ބޯކައިފި. ބޭރުތެރޭގެ ސުންޕާ ދަޅަތައްދައްކާ ކަލޭމެން މަގުން އެއްކިބާކޮށްފި. އެތާ މީހުންގަނޑު އެއްވެފައި އޮތްވަރުން އެތަނައް ގާތްވާން ވަރަށް އުނދަގޫވި، އެކަމުބުނަން، މަވެސް އޮންނާނީ އެތިފަހަރެއް އަޅާލާފަ. އެއޮތީ ބަރަހަނާހާލުގާ ފަޅުތެރޭގެ ދޯންޏަކަށް އެއްލައިލާފަ. އަރާމުގަ ރީތިކޮށް އުޅެވެން އޮއްވާ މާ އާގޮތްގޮތައް އުޅެންފެށީމަ ލިބޭނީ އެކަހަލަ ލަނޑު." މޫސަގެ މޫނުމަތިން ފާޅުވާން ހުރީ ބޮޑާކަމާ މަލާމާތެވެ.

މޫސަގެ މިބަސްތަކަށް ޖަވާބެއްނުދީ ސާދާއިނީ އިސްޖަހައިގެން ބިންމައްޗަށްބަލާށެވެ. ދެން މޫސައަށް އޭނަގެ ބަސްތަކުން ދިންހަމަލާތަކުން ފަރުނުޖެހިގެން އޭނާ ސާދާއިންގޮނޑީގައި ފައިންއަޅާ ކޮށްޕާލިއެވެ. ދެން ގޮންޑިއާއިއެކު ސާދާ ބިންމައްޗަށްވެއްޓުމުން، އޭނާފެށީ ސާދާގައިގައި ފައިންތަޅާށެވެ. ކުއްލިއަކަށް މޫސަ ސިއްސައިގެން ދިޔައީ، އޭނަގެ ފަހަތުން މީހަކު ބާރަށް އޭއްސޭކިޔާފައި ހަޅޭއްލަވައިގަތް އަޑަށެވެ. އޭނާ ފަހަތަށް އެނބުރިބަލައިލިއިރު އެތާގައި ރުޅިއައިސްރަތްވެފައި ތިބީ، ސާދާގެ ބައްޕައާއި މަންމައެވެ.

ސާދާގެ މަންމަ ދުވެފައިއައިސް ސާދާ ބިންމަތިންނަގާ އެފަކީރުގައިގައި ބައްދާލިއެވެ. އޭރު ސާދާ ހުރީ ބިރުން ތުރުތުރުއަޅައަޅައެވެ. ސާދާގެ ބައްޕަ މިމަންޒަރު ބަލަން ހުރެފައި އައިސް މޫސަގެ ވަރަށް ގާތައް ހުއްޓިއްޖެއެވެ. މޫސައަށް އުސްމާނުގެ މޫނުމަތިން ފެންނަންއެހެރަ ގަދަފަދަރުޅިއެއްގެ ސަބަބުން އެއްޗެކޭބުނާކަށް ނުކެރުނެވެ. އޭނާ އަވަހަށް ފަހަތައް ޖެހިލިއެވެ.

"އަހަރެން އަހަރެންގެ މިހިރަ ދަރިފުޅު ކަލެއާދެވީ، ކަލެއަކީ ރަނގަޅު ހެޔޮލަފާ މީހެއްކަމަށް ހިތާ. ދެންކަލޭތިހިތައްއެރީ މިހާރުދެން އެކުއްޖާ ކަލޭގެ އަންބަކަށްވީމާ، އެހިސާބުން އަހަރެން އެކުއްޖާގެ ބަފަޔަކަށްވުން ހުއްޓުނީކަމަށްތަ؟ އެއީއަދި އެހެންއޮތްކަމެއްނޫން. އަހަރެންމީ އަބަދުވެސް އެކުއްޖާގެ ބަފައޭ. އަދި ކަލޭ ހިތަށްއަރަނީތަ، ކަލޭ ހިތުހިރިހާގޮތެއް އެފަކީރަށް ހަދަން އަހަރެން ދޫކޮށްލާނެކަމަށް. އެފަދަ ކުށްހީއެއްގައި ކަލޭ ނުހުންނައްޗޭ. އަހަންނަށް އަހަރެންގެ ދަރިފުޅު ވަރަށްރަނގަޅަށް އެނގޭ. އެކުއްޖާއަކީ ވަރަށް ރަނގަޅު، ހެޔޮލަފާ، ކިޔަމަންތެރި، ހީވާގި އަދި މުރާލިކުއްޖެއް. ކަލެއަށް އޭނައަށް ތިހެން އަނިޔާއެއް ނުކުރެވޭނެ. އަދި އެހެންވިޔަކަވެސްނުދޭނަން. އަހަރެން މިދަނީ ސާދާގޮވައިގެން. ކަލެއަށް އޭނައާއެކު ރަނގަޅު ދިރިއުޅުމެއް ނޫޅެވެންޏާ އޭނަ ހެޔޮގޮތުގައި ދޫކޮށްލާ. އެކަމަކު ދެނެއް އަހަރެން އެފަކީރަށް ކަލޭގެ ކިބައިން އެއްވެސް އަނިޔާއެއް ވިޔަކަނުދޭނަން. ކަލޭ ނިކަން ރަނގަޅަށް ކަންފަތް ސާފުކޮށްގެން އަޑުއަހާބަލަ. އަހަރެންގެ ދަރިއަށް އަނިޔާކުރާ މީހަކަށް އަހަރެންވެސް އަނިޔާކުރާކަށް ފަހަކަށް ނުޖެހޭނެ."

ސާދާގެ ބައްޕަގެ މިބަސްތަކުން ސާދާއަށް އާ ދިރުމެއް ލިބުނުކަހަލައެވެ. އޭނާއަށް މިހާރު މޫސައާ ކުރިމަތިލުމުގެ ހިއްވަރުލިބިއްޖެއެވެ. ސާދާ މަޑުމަޑުން އައިސް އޭނަ ބައްޕަކައިރި ހުއްޓިލިއެވެ. މޫސަގެ މޫނަށް އޭނާ ޖެހިލުމެއްނެތި ބަލައިލިއެވެ. މޫސައާ ހަތަރުކަޅި ހަމަކޮށްލިއެވެ. "އަހަންނަކަށް ނޭނގެ ކޮން އިރަކުކަމެއް އަހަރެންދެކެ ލޯބިވި މޫސަ، ތި އަނިޔާވެރި ރަހުމުކުޑަ މޫސައަށް ބަދަލުވީކީ. އެކަމަކު މިހާރުދެން އަހަންނަކަށް ތި މޫސައާއެކު ދިރިއުޅެވޭކަށްނެތް. މޫސަހިތުން އަބިންނަކީ ތިމާގެ ފައިތިލަދަށުގައިވާ ފައިފުއްސެއް. އެކަމަކު އެއީ މޫސައަށް އަރާފައިވާ އޮޅުމެއް. އަހަރެން މިގެއަށް މޫސަގެ އަނބެއްގެ ގޮތުގައި އައީ ހަމަރަނގަޅުގޮތުގައި މޫސައާއެކު ހެޔޮލަފާ ރީތި ދިރިއުޅުމެއް އުޅެންކަމަށް. އެކަމަކު މިހާރުދެން އަހަންނަކަށް ހިއެއްނުވޭ އެއިކީ ވަނެކަމެއްހެނެއް. އަހަރެން މިދަނީ ބައްޕަމެންނާއެކީ."

އެތިން މީހުން އެގެއިން ނުކުންނަން އެގޭ ދޮރާއަރާ ހަމަވީތަނާ، އެމީހުންގެ ފުރަގަހުން މޫސަ ބުންޏެވެ. "ސާދާ ހީކުރަނީތަ ސާދާއާ ނުލާ އަހަރެންގެ ދިރިއުޅުން ބަރުބާދުވީކަމަށް. ތީ ސާދާއަށް އަރާފައިވާ އޮޅުމެއް. ތިހިރީ ވަރިކޮށްފަ. ސާދާ ނިކަން ބަލަން ހުންނާތި. ހަފްތާއެއް ނުވަނިސް އަހަރެން ދެވަނަ މީހަކާ އިންނާނަން. ސާދާ ދެން ހުރޭ ސާދާގެ ބައްޕަގެ ދަރިއެއްގެ ގޮތުގައި އެގޭގާ."
ސާދާ އެނބުރި މޫސައަށްބައިލިއެވެ. އެމޫނުގައިވަނީ ހިތާމައެއްނޫނެވެ. އެމޫނުމަތިން ފާޅުވާންހުރީ ހިތްހަމަޖެހުމެވެ. މުސީބާތަކުން ސަލާމަތްވުމުގެ އަސަރެވެ. ސާދާ މޫސަގެ އަނިޔާވެރިކަމުގެ މި ފަހު އަމަލަށް ދިން ޖަވާބަކީ، "ޝުކުރިއްޔާ."

ގެއަށްގޮސް ހަމަޖެހިލުމަށްފަހު ސާދާގެ ބައްޕައައިސް ސާދާ ކައިރި އިށީނދެލިއެވެ. އަދި ބުންޏެވެ. "ދަރިފުޅާ، ދަރިފުޅު އެއްވެސް ކަމަކާ ފިކުރު ބޮޑު ނުކުރޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ލިބޭނެ. އެ މޫސައަށްވުރެން ރަނގަޅު މީހަކުވެސް ލިބޭނެ. މިހުރިހާ ކަމަކުން ބައްޕައަށްވެސް ފިލާވަޅެއް ދަސްވެއްޖެ. އަމީންދީދީ އަންހެނުންނަށް ތަޢުލީމުދޭން އެހާ ބާރުއެޅީ ސަބަބަކީ، އަންހެނުންނަށްވެސް އަމިއްލަފައިމައްޗަށް ތެދުވެ ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމަކީ ވަރަށް މުހިއްމުކަމަކަށްވާތީ. އެއީ އެމީހުންގެ ހައްޤަކަށްވާތީ." އުސްމާނުގެ މިބަސްތަކުން ސާދާއަށް އިތުރު ހިއްވަރެއް ލިބުނެވެ. އޭނާ އޭނާގެ ދިރިއުޅުމުގެ މިސްރާބާދޭތެރޭ ފިކުރުކުރަންފަށައިފިއެވެ.

ވަރަށްވެސް އުޖާލާ ސާފު ހެނދުނެކެވެ. ހީވަނީ މުޅި ދުވަސްވެސް އާފެށުމެއްގެ އިންތިޒާރުގައި އޮތްހެންނެވެ. މަޑުނޫކުލައިގެ އަލިކަންގަދަ އުޑުގާ ހުދު ކަފަކޮޅުތަކެއްފަދައިން ފެތުރިފައި ވާ ވިލާތަކާ، ޖެހެމުންދިޔަ ހިތްގައިމު ވައިރޯޅީގެ ސަބަބުން ސާދާގެ ރޫހަށްދާންދެން ފިނިކަންލިބުނެވެ. ވަރަށް ރީތި އަލަށް ފަހައިފައިވާ، ކަނޑު ނޫކުލައިގެ ފާސްކުރި ހެދުމެއްގައި ސާދާ ހުއްޓިގެން އެހެރީ އަމީނިއްޔާ ސްކޫލުގެ ދޮރުމަތީގައެވެ. ދަރިވަރެއްގެ ގޮތުގައެއް ނޫނެވެ. މުދައްރިސެއްގެ ހައިސިއްޔަތުންނެވެ. އޭނާ ފުންނޭވައެއް ލުމަށްފަހު، ބޮލުގެ އިސްތަށިގަނޑާ ބޮލުފޮތިކޮޅު ހެއޮވަރު ކޮށްލިއެވެ. އަދި ނަލަ ހިނިތުންވުމެއްވެލާފައި، ސާބިތު ފިޔަވަޅުތަކެއް އަޅަމުން ސްކޫލުގެ އެތެރެއަށްވަނެވެ. އެ ހިނގުމުގައި ވަނީ ޢަޒުމެވެ. އެ އިސް އުފުލުމުގައިވަނީ ކެރިހުރިކަމެވެ. އެ ނަޒަރުގައި ވަނީ އުންމީދެވެ. އާނއެކެވެ. އެހެރަގެންދަނީ އޯކިޑުގެ ހިޔަނީގައި އުފެދުނު އައު ޖީލެއްގެ ދިވެހި އަނހެންބޭކަނބަލެކެވެ.
- ނިމުނީ -