މުނިފޫހިފިލުވުން

ވާހަކަ: ނަފުސުގެ ކަސްތޮޅު


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ވާހަކަ ލިޔުނީ: އާމިނަތު ތަޙްސީނާ އިބްރާހީމް ހއ. އިހަވަންދޫ/ހޯރަ

  • ވާހަކަ ހުށަހެޅީ: އާމިނަތު ނަތާޝާ އަޙްމަދު. މ.ރޭޓް

  • ވާހަކަ ފޮނުވީ: 11މާރޗް 2024

  • ދިވެހިރާއްޖޭގެ އަޑުގެ ކުރުވާހަކަ މުބާރާތް ފޮނުވަނީ ކޮންމެ ދުވަހަކު 13:00ގައި

"ދޮންތީ! ދޮންތީ!"

ނިދީގެ ފޮނިމީރުކަން ދޫކޮށް އެސްފިޔަތައް ހުޅުވާލަން އަހަރެންނަށް މަޖުބޫރުކުރުވީ އަހަރެންގެ ކޮއްކޮގެ ނިޔަނެތި އަޑެވެ.

"ހޭލަބަލަ ދޮންތީ!"

އޭނާގެ ކުދިކުދި ދަތްތައް ސޭލް އަޅުވައިލައިގެން ހުރެ އަނެއްކާ ވެސް އެ ތުއްތު އަޑުން ގޮވާލިއެވެ.

"ދޮންތިގެ ލޯބިލޯބި ޝާޔަން! ދޮންތި މި ހޭލީ އޭ!"

އަހަރެންގެ ދެ އަތް ކޮއްކޮއަށް ޓަކައި ހުޅުވާލީމެވެ. ބަލަން ނުހުރެ ކޮއްކޮ އަހަރެންގެ އަތުތެރެއަށް ޖެހިގަތެވެ.

"ވާއު! ދޮންތީ، ނިޔު ފްލަރވާސް ތަކެއްތަ؟ އެކަމަކު ކީއްވެ ރޯސް؟" ޝާޔަންގެ ލޮލުގައި އެނދުގެ މަގަތުގައި ހުރި ކަބަޑު މަތީހުރި ރަތް ފިނިފެން މަލުގެ މާ ވަށިގަނޑު އަޅައިގަތީއެވެ.

"ދޮންތި ބުނީމެއްނު، ދޮންތިގެ ފޭވްއަކީ ލިލީ ފްލަރވާސް އޭ!"

ޝާޔަން އަހައިލީ ހައިރާންވެ ހުރެއެވެ.

"އާނ އެކަމަކު މިހާރު ދޮންތި ލައިކް ވަނީ ރޯސް އަށޭ"

ޝާޔަންގެ މޫނަށް އެޅިފައިވާ އިސްތަށިތައް އެއް ފަރާތް ކޮށްލަމުން އަހަރެން ޖަވާބު ދިނީމެވެ.

"ދޮންތި އަބަދު ވެސް ދޮންތިގެ ފޭވް އެއްޗެހި ބަދަލު ކުރާނެ! ކާ އެއްޗެހި ވެސް، ޑުރެސް ވެސް، ފޭވް ކަލަރ ވެސް، ސެންޓު......."

"ހޫން ހޫން ދެންހެވޭ. އެއީ މައްސަލައެއް ނޫނެއްނު."

އަހަރެން ޝާޔަންގެ ވާހަކަ ހުއްޓުވީމެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ޝާޔަންގެ އަނގަ އެކޭ ބޮލިރަވަ އެކޭ ތަފާތެއް ނުހުވީމައެވެ.

"އާއްޗާ!"

އަހަރެންގެ ނަޒަރު ޝާޔަންއަށް ހުއްޓުނު އިރު، އަހަރެންގެ އަތް ދަބަސްތެރޭ އޮތް ލިޕްސްޓިކް ނަގާ އޭނާގެ ތުންފަތް ރަތްކުލައިން ފަވައިލަނީއެވެ.

"ޝާޔަން! ކިތައް ފަހަރުތަ ބުނާނީ... ބުނާނީ ދޮންތިގެ ލިޕްސްޓިކްގަ އަތް ނުލާށޭ!"

އަހަރެންގެ ބާރު އަޑަށް ޝާޔަން ސިއްސައިގެން ގޮސް ތުންފަތުން ބޭރުގައި ވެސް ލިޕްސްޓިކްގެ ރޮނގެއް އެޅުނެވެ.

އެ މައުސޫމު ދެލޮލަށް މަޑުމަޑުން ކަރުނަތައް ޖަމާވާން ފެށިއެވެ. އެ މަންޒަރު ފެނި އަހަރެންގެ ހިތަށް ތަދުވިއެވެ. ހަމްދަރުދީއިން މި ހިތް ފުރުނެވެ.

"ޝާޔަން!"

ވައި އަޑުން އަހަރެންނަށް ބުނެލެވުނެވެ. ޝާޔަންގެ ކޮނޑުގައި ޖައްސައިލުމަށް ހިއްލައިލި އަތް ފޮޅުވައިލުމަށްފަހު އޭނާ ދުއްވައިގަތީ އަހަރެންނާ ދުރަށެވެ. ކޮޓަރިން ބޭރަށެވެ.

ކުށްވެރިކަމުގެ އިހްސާސް އަހަރެންގެ މުޅި ނަފުސު ވަށައިލިއެވެ. ނުލަފާ ގޯސް ދައްތައެއްގެ ލަޤަބު އަމިއްލަ ނަފުސަށް ދެވުނެވެ. ރުޅި އަހަރެންގެ ހިތަށް ވެރިވިލެއް އަވަސްކަމާމެދު އަހަރެންގެ ހިތް ޝިކާޔަތުން ފުރުނެވެ. އެ ރުޅި އަމިއްލަ ނަފުސުގެ ބާރުގެ ދަށަށް ގެނައުމުގެ އިޙްތިޔާރު ލިބިފައި ނުވާ ކަހަލައެވެ. ބޭއިޙްތިޔާރުގައި އަހަރެންގެ ހިތަށް ސަވާރުވާ ރުޅީގެ ސަބަބުން ޝާއިންގެ ހިތުގައި ޖެއްސުނު ދުވަސްތަކުގެ އަދަދު ބުނަން ނޭނގެއެވެ. އަހަރެންގެ އަނގައިން ބޭރުވާ ވިހަގަދަ ބަސްތަކުން، ޝާޔަންގެ ހިތް ޒަހަމުވީ ކަމުގައިވިޔަސް، ކުޑަ ނަމަވެސް ޝަކުވާއެއް ނުކުރާކަމީ އެ ހިތުގައި އަހަރެންނަށް ޓަކައި ވާ ލޯބީގެ ހެއްކެކެވެ. ނަމަވެސް މިކަން މިހެން ތަކުރާރުވާން ފަށައިފިނަމަ، އެ ހިތުން އަހަރެންނަށް ޓަކައިވާ ލޯތްބަށް ފަނޑުވަމުން ހިނގައިދާނެ ކަމާމެދު އަހަރެންގެ ހިތް ބިރުގަނެއެވެ. އެކަމާ ފިކުރު ކުރެވެއެވެ.

މިއަދު ވެސް އެ އިދިކީލި ހިޔާލުތައް އަހަރެންގެ ސިކުނޑި ހިސޯރުކޮށްލީއެވެ. އެ ވަސްވާސް ތަކުން ހިތް ނުތަނަވަސް ކުރުވީއެވެ. އެހެން ފަހަރުތަކާ ވެސް އެއްގޮތަށް އަހަރެން އަވަސްވެގަތީ ހިތަށް ފިނިކަން ގެނެސްދޭ ބައިވެރިޔާ، ކިޔާންގެ މަދަދު ހޯދުމަށެވެ. އޭނާގެ އޯގާތެރިކަމުގެ ބަސްތަކުން ހިތަށް ތަސައްލީއެއް ހޯދުމަށެވެ. އޭނާއާއި އަހަރެންގެ މުޢާމަލާތުގެ މެދުވެރިޔާ ނަގައި މެސެޖެއް ފޮނުވައިލީމެވެ. ދެންމެ ހިނގައި ދިޔަ ކަންކަން އަކުރުން އަކުރަށް ކިޔައިދީފައެވެ. ހިތުގެ އިޙްސާސްތައް ބަޔާންކޮށް ދީފައެވެ. އޭނާގެ ޚަބަރެއްގެ އިންތިޒާރުގައި، ބައިގަޑިއިރުގެ ބައި ހޭދަވީއިރު ވެސް އެއްވެސް އިޝާރާތެއް ނުލިބުނެވެ. ނަތީޖާއަކަށްވީ ހާސްކަން އިތުރުވުމެވެ. މާޔޫސްކަން ދެގުނަ ވުމެވެ.

އަހަރެންގެ މެސެޖަށްވުރެން އޭނާއަށް ސަމާލުކަން ދެވިފައިވީ ކޮންކަމަކަށް ބާވައެވެ. އަހަރެންނަށްވުރެ އެހެން ކަންކަން އިސްކުރުމުން އަހަރެން ހިތަށް ތަދުވާނެވަރު އޭނާއަށް ނުވިސްނެނީ ބާވައެވެ. ކުޑަކޮށް ވެސް ތަސައްވަރު ނުކޮށްލެވެނީ ބާވައެވެ. އެހެންވެގެން ނުވާނެއެވެ. އެހެނީ މީގެ ކުރިން ވެސް އެތައް ފަހަރަކު މި ގޮތަށް ކަންތައް ދިމާވުމުން އަހަރެންގެ ޝިކާޔާތުތައް އޭނާގެ އުނގަށް ބަންޑުން ކޮށްލީމެވެ. ބައި އަހަރު ވެފައިވާ މި ގުޅުމަށް ކުންޏެއް ޖެހިފައިވާ ނަމަ އެކަމުގެ ފަރުދާގެ ފަހަތުގައިވަނީ ވެސް ހަމަ އެ ޝިކާޔަތުތަކެވެ. ސަމާލުކަން ނުދިނުމުން ކުރެވޭ ޝަކުވާތަކެވެ. ވީއިރު އެފަދަ އަމަލެއް ތަކުރާރުކުރަންވީ ކީއްވެ ހެއްޔެވެ؟ ބޭނުމަކީ އަހަރެންގެ ހިތުގައި ޖެއްސުން ބާވައެވެ. ނޫނީ އޭނާގެ ހަޔާތުން އަހަރެން އެއް ފަރާތް ކޮށްލުން ބާވައެވެ. އަނެއްކާ އެހެން އަންހެން ކުއްޖަކު މި ގުޅުމަށް ވިހަލީ ބާވައެވެ. ނޫނެކެވެ. އެހެން ވުމަކަށް އަހަރެން ނޭދެމެވެ.

އަހަރެންނަށް އެ ހިޔާލުތަކާ ދުރަށް ދެވުނީ ކަރުނައިގެ މުތީތައް ކޯތާފަތުގައި ބީހެން ފެށުމުންނެވެ. މީހެއްގެ އޯގާތެރިކަމަށް އަހަރެންގެ ހިތް އެދެވެން ފެށިއެވެ. ހިތަށް އައީ އެންމެ ނަމެކެވެ. ލާރާއެވެ. އަހަރެމެން އެންމެ ތުއްތު އިރުންސުރެއް އުޅެ ބޮޑުވީ އެކީގައެވެ. ގާތް ދެ މިތުރުންގެ އެއް ފުރައިގެ ދަރީންނަށް ވީތީއެވެ. އެއް ސުކޫލެއްގައި، އެއް ކިލާހެއްގައި ކިޔެވުމުގެ ނަސީބު ލިބުނީތީއެވެ. މަދަރުސީ ޙަޔާތުގައި އަހަރެންގެ ރަހުމަތްތެރީންގެ ފަތްކޮޅަށް އަބަދު ވެސް ނަންތައް އުނި އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް ލާރާގެ ނަން ފަނޑުނުވެ، ރަން އަކުރުން ފެވިފައިވާތާ 11 އަހަރު ފުރިހަމަ ވީއެވެ. އުއްމީދަކީ މުޅި އުމުރަށް ވެސް މި ގޮތުގައި އެ ގުޅުން ދެމި އޮތުމެވެ. ލާރާއާއި މެދު ވިސްނައިލެވުމުން އެކަނި ވެސް އަހަރެންގެ ހިތަށް ފިނިކަން ލިބުނު ކަހަލައެވެ. ލަސްކުރުމެއް ނެތި އޭނާއަށް ގުޅާލީމެވެ.

ދެތިން ފަހަރު ރަނގަބީލުވީ އިރަށް އޭނާ ފޯނަށް ޖަވާބުދާރީ ވެއްޖެއެވެ.

"ޝާޔާ އަޅޭ! ކިހިނެއްތަވީ ކަމަނާ!"

ބަރު އަޑަކުން ލާރާ އިތްވާލިއެވެ. އަހަރެންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ ލާރާއެވެ.

"ޝާޔޫއަށް ވެސް އެނގެއެއްނު އިސްކޫލު ބަންދު ދުވަހެއް ވެއްޖެއްޔާ އަހަރެން އޮންނާނީ ކަންނެތް ސުފުރާއިން މޭވާކާންކަން. މަގޭ ލޯބިލޯބި ނިދިކޮޅޭ ތި ގެއްލުވާލީ."

ލާރާގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވާހެން އަހަރެންނަށް ހީވިއެވެ. ވަސްވާސްތަކުން މި ހިތް އެކީ ފުރުނެވެ. ނަމަވެސް ބުނާނެ އެއްޗެއް އަހަރެންގެ ދުލަކަށް ނައެވެ. ބަހެއް ބުނުމެއް ނެތި ފޯނުކޯލު ކަނޑާލީމެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ ދެގޮތެއް ނުވާ އެކުވެރިޔާ ވެސް އަހަރެންނަށް ހިތްބަރުކުރީ ބާވައެވެ. މިއީ އެކުވެރިކަމުގެ ގުޅުމަށް ފަސްލެވެމުންދާ ކަމުގެ އަލާމާތެއް ބާވައެވެ. އަހަރެން އެބަޔަކު ދެކެ ނިހާޔަތަށް ލޯބިވާ މީހުން އަހަރެންނާ ދުރުވަނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ ލޯބިވާ ކޮއްކޮއެވެ. ދެން ހިތް އެދޭ ބައިވެރިޔާއެވެ. އެންމެ ފަހުން ގާތް މިތުރު ވެސް ހެއްޔެވެ؟ އެ މީހުންނީ އަހަރެންގެ އަނދިރިވެފައިވާ މި ހަޔާތަށް ލިބިފައިވާ ކުޑަ ނަމަވެސް އަލިކަމެކެވެ. ވީއިރު އެމީހުން އަހަރެންނާ ދުރަށްދާ ތަން ދެކެން އަހަރެންނަށް ކެތްވާނެ ހެއްޔެވެ؟ މި ހިތަށް އެކަން ބަރުދާސްތު ކުރެވޭނެ ހެއްޔެވެ؟

ހިތްދަތިކަމާއި މާޔޫސްކަމާއި ނުތަނަވަސްކަން އެކުވެ، އަހަރެންގެ އިހްސާސްތައް ކޮޅުންލައިފިއެވެ. ކަރުނައިގެ މުތީތައް އޭގެ މަޤާމު ދޫކޮށްލައިފިއެވެ. ލާރާގެ ފޯނުކޯލު ވެސް އައީ ހަމަ އެވަގުތުއެވެ. އުފާވުމުގެ ބަދަލުގައި އަހަރެން އިތުރަށް ހިތްދަތިވީއެވެ. އެ ހިތްދަތިކަން ރުޅިވެރިކަމާއި އެކުވެ، އިހްސާސްތައް މަސްހުނިވީއެވެ. ވަގުތު ކޮޅަކަށް ނަމަވެސް ވިސްނުމުގެ ބާރު ބަލިކަށިވީއެވެ. އަމަލުތަކުގެ އިހްތިޔާރު ގެއްލުނީއެވެ. ފޯނު އަތުކޮޅަށް ހޫރާލައި ބާރުބާރަށް ރޮއެ ގަނެވުނެވެ.

"ދަރިފުޅާ ޝާޔާ! ޝާޔާ!"

އެ އަޑަށް ކޮޓަރިއަށް އައިސް ވަދެގަތީ އެ އަންހެނާއެވެ. މި ދުނިޔެ މަތީން އަހަރެން އެންމެ ނަފުރަތު ކުރާ އިންސާނާއެވެ.

"ދަރިފުޅާ! ކިހިނެއްތަވީ! މަންމަގާތު ބުނެ...."

"ކިހާ ދެރަކަމެއް. ކޮންމެހެން މާ ހެޔޮ އެދޭކަމަށް ހަދާނެކަމެއް ނެތް. ކަލެއާ ހެދި މި ހުރިހާ ކަމެއް ވެސް މިވަނީ"

"ތިހެން..ތިހެން ނުބުނޭ"

އޭނާގެ ދެލޮލުން ހޯސް ލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ. ނަމަވެސް އެ ކަރުނަތަކަކީ ދަޅަތަކެވެ. އެ ރޯ ރުއިމުގެ ފަހަތުގައި ވަނީ މަކަރުވެރިކަމެވެ. ހިޔަޅު ކަމެވެ.

"ކޮން ދުވަހަކުންތަ ޝާޔާގެ ހިތް މި މަންމައަށް ހެޔޮވާނީ؟"

އަދިވެސް އޭނާ އެ ބަލަނީ އޭނާގެ ކެހިވެރިކަމުގެ ދަލުގައި އަހަރެން ޖެއްސޭތޯ ހެއްޔެވެ؟ ނުވާނެއެވެ. ދުވަހަކު ވެސް ނުވާނެއެވެ.

އަހަރެން އޭނާ އާ ދިމާއަށް ދެ ލޯ އަޅައިގަތީމެވެ. އިތުރު އެންމެ ލަފުޒެއް ވެސް ބޭރުކޮށް ނުލައި، ކަރުނަތައް ބާލަމުން ވަތް ދޮރުން ނުކުމެގެން އޭނާ ހިނގައްޖެއެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއް ފަދައިން އަހަރެންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން އޭނާއަށް މަޖުބޫރުވީ ތޯއްޗެކެވެ؟ ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ އަހަރެންގެ ނުރުހުމުގެ ބަސްތަކާއި އަމަލުތަކުން އޭނާގެ އަޒުމަށް ގުޑުމެއް ނާރާކަމެވެ. އަހަރެންގެ މަންމަގެ މަޤާމަށް އައުމަށް އޭނާ ހިތުގައިވާ ދަހިވެތިކަމަށް ކުޑަ ނަމަވެސް ބަދަލެއް ނާންނަކަމެވެ. އެކަމަކު އޭނާއަށް އެ މަޤާމު ދިނުމަކަށް އަހަރެންގެ ހިތާއި ނަފުސު ދެކޮޅު ހަދައެވެ. ނުވަ މަހާއި ނުވަ ދުވަހު، މާބަނޑުގައި އަހަރެން އުފުލައި، މި ދުނިޔެއަށް އަހަރެން ގެނައުމަށްޓަކައި ޤުރުބާންވީ މައިމިހާގެ މަޤާމު އެހެން އަންހެނަކަށް ދޭނީ ކިހިނަކުން ހެއްޔެވެ؟ އަމުދުން ދޮން މަންމަ އަށެވެ. ދޮން މަންމަ ވާނީ ދޮން ނިޔަނދުރަކެށޭ ބުނާ އަޑު އަބަދުމެ އަހަރެން އަހަމެވެ. އަހަރެން އަބަދު ވެސް ގަބޫލުކުރާނީ ކަޅާއި ހުދުގެ ފަލްސަފާއެވެ. ދޮން މަންމައިން ނުބައިވާނެއެވެ. ނުބައި މީހެއްގެ ފަރާތުން ކުޑަ ނަމަވެސް ހެޔޮކަމެއް ނުފެންނާނެއެވެ. ވީއިރު ދޮން މަންމަގެ ހިތްނިޔަތް ހެޔޮ ވުމީ ނާދިރުކަމެކެވެ.

އަހަރެން ދެރަވެ ރުޅިގަދަ ވެފައި ހުއްޓައި ދޮން މަންމަ ވަޑައިގަތުމުން އަހަރެންގެ ރުޅި އޭގެ އެންމެ މައްޗަށް ގޮއްސިއެވެ. ރޮވޭ ގިސްލެވޭ ހާލު އެނދުމަތީގައި ހުރި ބާލީސްތައް އުކަން ފެށީމެވެ. އަހަރެންގެ އިހްސާސްތައް ވެސް ބާލީސްތައް ފަދައިން ނެރެ އުކާލެވޭނެ ނަމަޔޭ ހިތަށް އަރައެވެ.

އަހަރެން ސިހިގެން ދިޔައީ އެއްޗެހި ވެއްޓި ތަޅައިގެން ދިޔަ އަޑަށެވެ. އޭގެ އަސްލު ހޯދުމަށް އަވަސްވެގަތީމެވެ. ސަހަރޯއެވެ. ބާލީހުން ޖެހި ވެއްޓި ތަޅައިގެން އެ ދިޔައީ ލިޔާ މޭޒުމަތީ ހުރި ފޮޓޯ ފުރޭމްއެވެ. އޭގެ މަތީގައި އެޅިފައިވާ ބިއްލޫރި ދޫލަ ތަޅައިގެން ގޮސް އެތެރޭގައިވާ ފޮޓޯގަނޑު ވެސް އެއާ ވަކިވެފައެވެ. އަހަރެން މަޑުމަޑުން އެ ފޮޓޯ ގަނޑަށް ނަޒަރެއް ދިނީމެވެ. އެއީ އަހަރެންގެ އަތުގައި ރައްކާކުރެވިފައިވާ މަންމަގެ ހަމައެކަނި ހަނދާނެވެ. އަހަރެންނަށް މަންމަގެ ކޯތާފަތުގައި ބޮޑުވައި އިނގިލިން ފިރުމައި ލެވުނެވެ. މަންމަގެ ހިނިތުންވެފައިވާ މޫނު ފެނި އަހަރެންނަށް ވެސް ހިނިތުންވެވުނެވެ. އެއާ އެކު އަހަރެންގެ ސިކުނޑީގައިވާ މަންމަގެ ހަނދާންތަކުގެ ސޮފުހާތައް ނިއުޅުގެން ދިޔައެވެ.

އަހަރެން ހަނދާނުގައި ހުންނަން ފެށީންސުރެއް މައެއްގެ ލޯބި އޭގެ އެންމެ މަތީ ދަރަޖައަށް ލިބެއެވެ. އެ ފިރުމުންތަކާއި ނާނާތަކުން މި ހިތް ފުރައިދެއެވެ. އެ ގާތްކަމާއި ލޯބި އަބަދާއި އަބަދު ލިބިލިބި ހުރެއެވެ. ނަމަވެސް ބައްޕައަކީ އަމަލުން ލޯބި އިހްސާސްކޮށްދޭ މީހެއް ނޫނެވެ. ބައްޕަގެ ލޯބީގެ ރަމްޒަކީ ހަދިޔާއެވެ. އެވަރު ވެސް އަހަރެންނަށް ފުދެއެވެ. މަންމަ ވެސް ބައްޕަ ވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އެ މީހުންގެ އަމަލު ތަކުން ހެކި ދެއެވެ. އަހަރެމެންގެ ކުޑަ އާއިލާއަށް އިތުރު އުފާވެރިކަމެއް ލިބުނީ ޝާޔަން އަށް މަންމަ ބަލިވެ އިން ކަމުގެ ޙަބަރު ލިބުމުންނެވެ. އެދުވަހުން ފެށިގެން ކޮއްކޮ އަށް ޓަކައި އިންތިޒާރު ގެ ވަގުތުތައް ގުނަމުން ދިޔައީ ކެތްތެރި ކަމެއް ނެތިއެވެ. ނަމަވެސް މި ފަހަރު އަހަރެންގެ އިންތިޒާރުގައި ފޮނި ރަހަ ފަށެއް ހުރި ނަމަވެސް ހިތިކަން ގަދަވީއެވެ. ކޮއްކޮއެއް ހަދިޔާ ކުރުމަށްފަހު އަބަދުގެ އަބަދަށް މަންމަ އަހަރެންނާ ވަކިވެ ދިޔައީއެވެ. ދެން ފެށުނީ ހަޔާތުގެ އެހެން ބާބެކެވެ. އުފާވެރިކަމުގެ ބާބު މާޒީއާ އެކުވެ، ވަޅުލެވިގެން ދިޔައީއެވެ.

"އާހް"

އެ ހިޔާލުތަކުން ނުކުމެވުނީ އަހަރެންގެ ފަޔަށް ބިއްލޫރިކޮޅެއް ހެރުމުންނެވެ. މަޑުމަޑުން އެ ފުޅިތޮށި ކޮޅު އަހަރެން ދަމައިގަތީމެވެ. ހޯސްލާފައި ލޭ ތިކިތައް އޮހިގަތެވެ. ނަމަވެސް އެ މަންޒަރުން އަހަރެން ހިތަކަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ފެނިފެނި ބައިވެފައިވާ މަންޒަރަކަށް ވާތީއެވެ.

ހިތް ޒަހަމްވެފައި ވަނިކޮށް ހަށިގަނޑުގައި އިތުރު ވޭނެއް އެޅުމުން އަހަރެންގެ ހިތްދަތިކަން އިތުރުވިއެވެ. މިއަދު ދިމާވި ކޮންމެ ކަމެއްގެ މަންޒަރުތައް ސިކުނޑީގައި އެނބުރެން ފެށިއެވެ. އެ ހިޔާލު ތައް ސިކުނޑި ހިސޯރު ކޮށްލިއެވެ. ބޮލަށް ބަރުވެ، ދުނިޔެ ވަށައިގެން އެބުރޭހެން ހީވާން ފެށިއެވެ. މަންޒަރު ފުސްވާން ފެށިއެވެ. އެ ފުސްކަމުގެ ތެރެއިން ވައި އަޑެއް އިވެން ފެށިއެވެ.

"ތީ ބޭކާރު މީހެއް. އެންމެނަށް ހުރި ބޮޑު ބުރަޔެއް"

މުޅި މީހާ އޮށްދާ ހިއްލަން ފެށިއެވެ. ނޭވާ އަވަސް ވާން ފެށިއެވެ. ދެން ވެސް އިވުނީ ހަމަ އެ އަޑެވެ. ނުފެންނަ މީހާގެ އަޑެވެ.

"އެހެން މީހުން ކަލޭ އާ ދުރުވާ ގޮތަށް ކަލޭ ވެސް އަބަދުގެ އަބަދަށް..."

އެ މީހާ އެ ބުނީ ތެދެކެވެ. އެއީ ދެން އޮތް އެންމެ ރަނގަޅު ގޮތެވެ. މިއީ އެ މީހާގެ އަޑު އަހަންވީ ވަގުތެވެ. އޭނާ ބުނާ ގޮތަށް އަމަލުކުރަންވީ ފަހަރެވެ.

މުށިގަނޑު މަތިން ފުޅިތޮށި ގަނޑެއް ނަގައި ވައަތުގެ މައިނާރުގައި ޖެއްސީމެވެ. ކުރެވެން މި އުޅޭ ފާފައިގެ ބޮޑުކަމެއް އަހަރެންނަކަށް ތަސައްވަރެއް ނުކުރެވުނެވެ. އެއަށްވުރެ އަހަރެންގެ ސިކުނޑީގެ ހައިޖާނު ގަނޑު ބޮޑެވެ. ދެ ލޯ މަރާ ތަގުޅި ކޮށްލުމަށްފަހު ގައިގައި ހުރި ބާރެއްލާފައި ބިއްލޫރި ގަނޑު ކޮށްޕާލީމެވެ. އެއާއެކު ބޮކިބޮކި ޖަހައިފައި ލޭތައް އޮހެން ފެށިއެވެ. މުޅި މީހާ ލެއިން ތަތްތެޅުނުވެ. ހަށިގަނޑުގައި އެޅި ވޭނުން މަންމާއޭ ކިޔައި ހަޅޭއްލަވައި ގަނެވުނެވެ.

************************

"ދަރިފުޅާ!"

އަހަރެންނަށް ހޭވެރިކަން ވުމާއެކު އިވިގެން ދިޔައީ ދޮން މަންމަގެ އަޑެވެ. އުދަނގޫ ގޮތަކަށް އެސްފިޔަތައް ހުޅުވާލީމެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ދޮން މަންމަގެ ފެންކަޅިވެފައިވާ ދެލޮލެވެ. ދޮން މަންމަގެ މޫނު މަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. އަހަރެން އަނެއް ފަރާތަށް އެނބުރި ގަތީމެވެ. އެއާއެކު ފެނިގެން ދިޔައީ ލާރާއެވެ. އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތި ވަނީ ދުޅަވެފައެވެ. ލާރާ މަޑުމަޑުން އޭނާގެ އަތް ނަގައި އަހަރެންގެ އަތުގައި އަޅައިފައިވާ ބޭސްގަނޑު މަތިން ފިރުމާލިއެވެ.

"އެންމެ ނިޝާނެއް ނޫން. ބައިވަރު ޒަހަމްތައް. ކީއްވެ؟"

ލާރާގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ. ވޭނެވެ.

"ކިޔައިދީ. ހުރިހާ އެއްޗެއް ކިޔައިދީ. ތި ހިތުގައިވާ އިހްސާސްތައް ބޭރު ކޮށްލާ!"

*************************

"ހީވަނީ އެންމެން ވެސް އަހަރެން ބާކީ ކޮށްލަން އުޅޭހެން. އަހަރެންނާ ދުރުވާން އުޅޭހެން. އެހެންވެ ދެރަވަނީ. ހިތަށް އަރަނީ އަހަރެން މީ އެއްވެސް މީހެއް ނޫނޭ،"

އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. ކުރިމަތީ އިން ވަސޭހަތްތެރިޔާ އަހަރެންގެ ވާހަކަ ކުރިއަށް ގެންދިއުމަށް އަތުން އިޝާރާތް ކޮށްލިއެވެ.

"ރުޅި ވެސް ކޮންޓުރޯލެއް ނުވޭ، ކިތަންމެ ބޭނުން ވިޔަސް. ފަހުން ދެރަ ވެސް ވޭ. އަހަރެން ހިތަށް އަރާ އަހަރެން މިއީ ހާދަ ގޯސް މީހެކޭ"

ފުރަތަމަ ފަހަރަށް އަހަރެންގެ އިހްސާސްތައް މީހަކާ ހިއްސާކޮށްލީމެވެ.

"ކީއްވެ ނަފުސަށް ގެއްލުން ދޭން ނިންމީ؟"

ވަސޭހަތްތެރިޔާ އަމާޒުކޮށްލީ ސުވާލެކެވެ. ޖަވާބު ދޭން އެންމެ ޖެހިލުންވާ ސުވާލެވެ. އަހަރެންގެ ޖެހިލުންވުން އޭނާއަށް ފާހަގަވީ ކަން ނޭނގެއެވެ.

" ޝާޔާ އަށް ކޮންމެ ވާހަކަ އެއްވެސް އަހަންނާ ހިއްސާ ކުރެވޭނެ"

ވަސޭހަތްތެރިޔާ އޯގާތެރިކަމާއެކު ބުނެލިއެވެ. މިކަމުން ސަލާމަތް ވެވެން އޮތް މަގަކީ އެ ވަސޭހަތްތެރިޔާގެ ނަފުސާނީ ފަރުވާ ކަމުގައި ވުމުން އޭނާއަށް ތެދުވެރިވުމަށް ނިންމީމެވެ. އަހަރެންގެ ބޮޑު ސިއްރު ހާމަ ކުރީމެވެ.

"ހީވަނީ މީހަކު ބުނާހެން. މީހެއް ނުފެނޭ. އަޑު އިވެނީ. މީގެ ކުރިން ވެސް އެހެން ހެދީ އެހެންވެ. ދެރަވެ ރުޅިއަންނަ ކޮންމެ ފަހަރަކު އެ އަޑު އިވޭ. އަބަދު ވެސް ބުނާނެ އަމިއްލަ ނަފުސަށް ގެއްލުން ދޭން."

ވަސޭހަތްތެރިޔާ ގަބޫލުނުކޮށްފާނެތީވެ އަހަރެން ޖެހިލުންވިއެވެ. އެހެންކަމުން ކުށްވެރިޔަކު ފަދައިން އިސްޖަހާލީމެވެ.

"ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރ!"

"އޭން ކީކޭ"

އޭނާ ބުނެލީ އަހަރެން ދުވަހަކު ވެސް އަޑު އަހާފައި ނުވާ ލަފްޒު ތަކެކެވެ.

"ތީ މުޅިން ވެސް އެ ބަލީގެ އަލާމާތްތައް. އިހްސާސްތައް ކޮންޓުރޯލް ނުކުރެވުމާއި، ނަފުސު ކުށްވެރި ކުރެވުމާއި، ގާތް މީހުން ދުރުވާކަމަށް ވިސްނި އެކަމާ އަބަދާއި އަބަދު ކަންބޮޑުވުމާއި، ނަފުސަށް ގެއްލުން ދިނުމަށް ބުނާ އަޑުތައް އިވުން ވެސް."

ވާސިހު ތަފްސީލު ކޮށްދިނެވެ.

ސުބުހާނަﷲ އެވެ. އަހަރެންގެ ނަފުސުގައި އެޅިފައި މިވާ ކަސްތޮޅުގެ އަސްލަކީ ބޮޑު ބައްޔެއް ހެއްޔެވެ؟ އަމިއްލަ އިހްސާސްތައް ނަފުސުގެ ބާރުގެ ދަށުން ދޫވެ، އަބަދާ އަބަދު އަމިއްލަ ނަފުސަށް އިނގިލި ދިއްކުރެވެނީ ބަލީގެ ސަބަބުން ހެއްހެވެ؟ ކިޔާން އާއި ލާރާގެ ފަރާތުން އޯގާތެރި ކަމާއި ކުލުނާއި ލޯބި އޭގެ ނިހާޔަތައް ލިބުނު ކަމުގައި

ވިޔަސް އެމީހުންނާ މެދު އަހަރެންގެ ހިތް ވަހުމާއި ޝައްކުން ފުރިދިއުމުގެ އަސްލަކީ ނަފުސާނީ ބަލިމަޑު ކަމެއް ހެއްޔެވެ؟ ކަންފަތަށް އިވޭ އަޑުތަކީ ހަގީގަތެއް ނެތް ދަޅަ ތަކެއް ހެއްހެވެ؟

"ބޭނުންވާ ކަންކަމާ ގަޔާވާ އެއްޗެހި އަބަދު ބަދަލުވޭތަ؟"

އާއެކެވެ. އެއީ އަހަރެންގެ ކިބައިގައި ހުންނަ ސިފައެކެވެ. ޝާޔަން އަބަދުމެ އެކަން ފާހަގަކުރެއެވެ. އަހަރެންނަށް ކަމުދާ އެއްޗެހި ބަދަލުވާލެއް އަވަސްކަމުގެ ވާހަކަ ދައްކައެވެ.

"ވަކި މީހަކީ ތިމާއަށް ގެއްލުން ދޭން އުޅޭ ގޯސް މީހެކޭ ހީވޭތަ؟ މި ބަލީގެ މީހުން ގަބޫލުކުރާ ގޮތުގައި ކަމެއްގެ މެދުމިނެއް ނޯންނާނެ. އަމީހުންގެ ބަސް ފޮތުގައި އޮންނާނީ ރަނގަޅު އަދި ގޯސް. އެހެން ގޮތަކަށް ބުނަނީ ނަމަ ކަޅާއި ހުދު.

އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަސޭހަތްތެރިޔާ ހަމަ ހީވީ ސީދާ އަހަރެން ސިފަކޮށްލި ހެންނެވެ. ފުރަތަމަ ވެސް ސިކުނޑި އަށް އައީ ދޮން މަންމަ އެވެ. އަހަރެން ދޮން މަންމަ އަށް ނަފުރަތު ކުރަނީ ކޮންމެހެން އެ މަންމަ ގެ ފަރާތުން އުނި ކަމެއް ފެނިގެނެއް ނޫނެވެ. ދޮން މަންމަ އަކީ ހެޔޮލަފާ އަންހެނެކެވެ. އަރެންނާއި ޝާޔަން އަށް އުނިވެފައިވާ މައެއްގެ ލޯބި ދިނުމަށް އެ މަންމަ މަސައްކަތް ކުރިއެވެ. އަހަރެންގެ ނުރުހުމާއި ރުޅިވެރި ކަމާއި ކުރިމަތިލީ ކެތްތެރިކަމާ އެކުއެވެ. ނަމަވެސް އެކަން ގަބޫލުކުރަން ހިތް ނޭދުނީއެވެ. ސިކުނޑިން ވިސްނައި ދިނީ ދޮން މަންމަ އަކީ ކެހިވެރި ގޯސް މީހެއްގެ ގޮތުގައެވެ.

********************

ވަސޭހަތްތެރިޔާގެ ކޮޓަރިން އަހަރެން ނުކުތީ އަމިއްލަ ސިކުނޑިން ދައްކާ ދަޅަ ތަކަށް ނުހެއްލެން ކުރެވެން ހުރިހާ މަސައްކަތެއް ކުރުމަށް އަތުކުރި އޮޅާލައި ގެންނެވެ . ނަފުސުގައި އެޅިފައިވާ ކަސްތޮޅު ނައްޓާލައި، ނަފުސުގައި ހުރި އުނި ކަންކަން އިސްލާހުކުރަން އަޒުމް ކަނޑައަޅައި ގެންނެވެ.

"ދަރިފުޅާ!"

"ޝާޔޫ"

"ދޮންތީ"

ދޮން މަންމައާއި ލާރާއާއި ޝާޔަން އަހަރެންނަށް ގޮވައިލީ އެކުއެކީ އެއްފަހަރާއެވެ. މަޑު ފިޔަވަޅު ތަކެއްގައި އަހަރެން އެމީހުންގެ ގާތަށް ދިޔައީމެވެ.

"މަންމާ! އަހަރެންނަށް މާފު ކުރޭ!"

ދޮން މަންމަ ދިޔައީ ސިހިގެންނެވެ. އެ މަންމަގެ ލޯ އުފާވެރިކަމުގެ ކަރުނައިން ފުރުނެވެ. މި ފަހަރު އަހަރެންނަށް އެ ދެލޮލުން ފެނުނީ ލޯތްބެވެ. ކުލުނެވެ. އަހަރެން ދޮން މަންމަގެ ގައިގައި ބައްދައިލީމެވެ. ތުއްތު ޝާޔަން ވެސް އަހަރެންނާއި މަންމަގެ ގައިގައި އޮޅުލައިގަތެވެ. ލާރާ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންނަށް ހިނިތުންވުމެއް ހަދިޔާކޮށްގެން ދުރުގައި ބަލަހައްޓައިގެން ހުރި ކިޔާންނެވެ. އަހަރެން ވެސް ހިނިތުންވެލީ އަނދިރި ކަމުގެ ތެރެއިން އަލި މަގެއް ފެނުނިތީ އުފާކުރާ ހާލުއެވެ.

މަންމަގެ މަރަށްފަހު ފުރަތަމަ ފަހަރަށް އަހަރެންނަށް ހަގީގީ އުފާވެރިކަން އިހްސާސް ވެއްޖެއެވެ. މަންމަގެ ވަކިވެ ދިއުމުގެ ހިތާމާގައި އަހަރެން ވެއްޓިގެން ދިޔައީ ނަފުސާނީ ބަލިމަޑު ކަމުގެ ކިހާ ބޮޑު އަނދަވަޅަކަށް ކަން އިހްސާސް މިވީ މިއަދުއެވެ. އިރާދަކުރެއްވިއްޔާ އެއަނދަވަޅުން އަހަރެން އަރައި ގަންނާނަމެވެ. ނަފުސުގެ ކަސްތޮޅު ނައްޓައި ލާނަމެވެ. ވަސޭހަތްތެރިންގެ ވަސޭހަތުގައި ހިފައިގެންނެވެ. އަހަރެންދެކެ ލޯބިވާ މީހުންގެ މަދަދާ އެކުއެވެ.

- ނިމުނީ -