ޚަބަރު

މަގުމައްޗަށް ކުނި ނެރޭ މައްސަލަ ބޮޑުވެ އެކަން ނުކުރަން އީޕީއޭއިން އިލްތިމާސްކުރައްވައިފި


  • މިއީ ޞިއްޙީ ގޮތުން ބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެކަމެއް

  • ދުރާލާ ކުނި އުކާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިލްތިމާސްކުރެއްވި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީ އިލްތިމާސްކުރައްވައިފިއެވެ.

އީޕީއޭއިން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭކަމަށާއި، މިގޮތުން އުފެދޭ ކުނި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަ ކަމަށް އީޕީއޭއިން ފާހަގަކުރައްވައެވެ.

އީޕީއޭއިން ވިދާޅުވީ މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި، ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ދުރާލާ ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސެވުމަށް އީޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އީޕީއޭއިން ވަނީ ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.