ޚަބަރު

މާރަންދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރައްވައިފި


  • ރަށަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސާއި ހިއްސާކުރެއްވި

  • ކަރަންޓާއި، ލެބޯޓްރީ އަދި ބޭންކުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރަން ބޭނުންވޭ

  • "މާރަންދޫފަރު" އެ ރަށުގެ އިހުތިސާސްގެ ތެރެއަށްލުމަށް އިސްރަށްވެހިން ބޭނުންވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ދިއްދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކަރަންޓާއި، ލެބޯޓްރީ އަދި ބޭންކުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، މާރަންދޫފަރު، މާރަންދޫގެ އިހުތިސާސްގެ ތެރެއަށްލުމަށް ރަށުގެ އިސްރަށްވެހިން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ބަނދަރުގެ މަޝްރޫޢު ބާރަށް ކުރިއަށްގެންދަން ބޭނުންވާކަމުގައިވެސް ކައުންސިލުން ދެންނެވިއެވެ.

މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ. ކޮމިޓީތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަންސިލުން ފާހަގަކުރެއްވި ކަންކަން ކަމާގުޅޭ މުއައްސަސާތަކާ މަޝްރަވާކުރައްވައިގެން ހައްލު ހޯދުމަށް ބައްލަވާނެކަމުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.