ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓުގެ ދަތިކަން ޙައްލުކުރަން މަސައްކަތްކުރާނަން: ރައީސް


  • ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ވަނީ ބައްދަލުކުރައްވާފައި

  • ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ރައީސަށް ދަންނަވާފައިވޭ

  • ރައީސް ވަނީ، ކަންބޮޑުވުންތަކުގެ ވާހަކަތައް އަޑުއައްސަވައި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ އަޑުއައްސަވައި އެމަނިކުފާނުވަނީ އެކަންކަމަށް ޙައްލު ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ބަޖެޓުގެ ދަތިކަމުގެ ވާހަކައަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރާ ކަންބޮޑުވުމެއްކަމަށެވެ. އެހެންނަމަވެސް އެކަމަކީ ޤާނޫނުގެ ތެރެއިން ހައްލެއް ހޯދަންޖެހިފައިވާ ކަމަކަށްވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މިސަރުކާރުން ފަށްތަވާފައިވާ ބިޔަ މަޝްރޫޢު "އައިހެވަން"ގެ މުހިންމުކަމާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ޤާއިމުކުރަން ބޭނުންވާކަމާއި މަސްވެރިނަނަށް ބޭނުންވާ އައިސް ލިބުމުގައި ދިމާވެފައިވާ މައްސަލައާއި، މިއަހަރަށް ބަޖެޓުކުރެވިފައިވާ މަޝްރޫޢުތައް އަވަހަށް ފެށުމަށް ބޭނުންވާކަން ހިމެނެއެވެ.

މީގެ އިތުރުން މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައިހުރިކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. އަދި ރަށުން ބިން ހިއްކައިދެއްވައި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ކައުންސިލުންވަނީ ދަންނަވާފައެވެ.