ޚަބަރު

އަންނަމަހުން ފެށިގެން ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަނީ


  • ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުންޏަށް ނަގާނީ 750 ރުފިޔާ

  • ވެއި ބްރިޖް ޤާއިމްވެފައިވާ ފެސިލިޓީތަކަށް ގެންނަ ކުންޏަށް ނަގާނީ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާ

  • ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ވެމްކޯއިން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އަންނަމަހުން ފެށިގެން ކުޑަކުރަން ނިންމާފައިވާކަމަށެވެ.

ވެމްކޯއިން ބުނީ މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުންޏަށް ނަގަނީ ޓަނަކަށް 1060 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް، މިއަގު އަންނަ މާރިޗުމަހުން ފެށިގެން 750 ރުފިޔާއަށް ކުޑަ ކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަދަކަށް ޢާންމުންނަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަރާތުން ނަގާނީ 150 ރުފިޔާގެ ފީއެއް ކަމަށެވެ.

އަގަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބްރިޖް ޤާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން ޢާންމުންގެ އުޅަނދުތަކަށް ޗާރޖުކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާކަމަށްވެސް ވެމްކޯއިން ބުންޏެވެ. އަދި މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ޗާރޖުކުރާނީ 2660 ރުފިޔާކަމަށް ވެމްކޯއިން ބުންޏެވެ.

ވެއި ބްރިޖް ޤާއިމްވެފައި ނުވާ ފެސިލިޓީތަކުން ޢާންމުންގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ އުޅަދަނކަށް ނަގާނީ 750 ރުފިޔާކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.