ޚަބަރު

ރައީސް ވަނީ ޒުވާނުންނަށް ސިޔާސީ އައު ބިންގަލެއް އަޅުއްވައިދެއްވާފައި: ވަޒީރު


  • ޒުވާނުންނަށް ޚާއްސަ ވުޒާރާއެއް އުފެއްދެވުމާއެކު ޒުވާނުންގެ ހިއްސާ ޤައުމީކަންކަމުގައި އިތުރުވެފައިވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމާއެކު ޒުވާނުންނަށް ސިޔާސީ މައިދާނުގައި މުޅިން އައު ބިންގަލެއް އެޅިގެންގޮސްފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެކުނަށްކުރައްވާ ދަތުރުފުޅުގެތެރެއިން ގެނަމަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ޙަވާލުވެވަޑައިގެން ޒުވާނުންގެ ކަންކަމަށް ޒިންމާވާ ވަކި ވުޒާރާއެއް އުފައްދަވައި، އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަން ފައްޓަވާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތާއެކު ފެށިގެން ދިޔައީ ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއްކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިހާތަނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ނިންމެވި ކޮންމެ ނިންމެވުމެއްގައި ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކަންކަމުގައި ބަސްބުނުމާއި ބައިވެރިކުރުުވުމުގެ ފުރުސަތު އިންތިހާއަށް ފަހިވެގެންގޮސްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" ނޮވެމްބަރު 17 ވަނަ ދުވަހު ޒުވާނުންނަށް ޚާއްސަ ވުޒާރާއެއް ޤާއިމުކުރައްވާ އެޒިންމާ އަޅުގަނޑާއިވަނީ ޙަވާލުކުރައްވާފައި. އެދުވަހު ރައީސް އަޅުއްވައިދެއްވީ މިޖީލުގެ ޒުވާނުންގެ ސިޔާސީ ބިންގާ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ނިންމެވި ކޮންމެ ނިންމެވުމެއްގައިވެސް ޒުވާނުންނަށް ފުރުސަތު ހުރި މިންވަރު ބެއްލެވިކަމަށާއި ގެދޮރުވެރިކަމާއި މެޑިކަލް ޗެކަޕް ހެދުމާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި މިނޫންވެސް ކަންކަމުގައި ޒުވާނުންގެ ދައުރު ހިއްސާ އިތުރުކުރެއްވިކަމަށެވެ.

ޤައުމީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުދެއްވުމުގެ އިތުރުން، އެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.