ޚަބަރު

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ތ. އަތޮޅުގެ 10 ރަށަކަށް ވަޑައިގެން ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކުރެއްވި

  • ރަށްރަށަށް ބޭނުންވާ ކަންކަމާއި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވެވި

  • އެންމެ ބޮޑަށް ބޭނުންވާ އަދި އިސްކަންދޭ ކަންކަން ސަރުކާރަށް ހުށަހެޅުއްވުމަށް އެދިވަޑައިގަތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި އެކިރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލުތަކުންވެސް އެރަށެއްގައި މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް މާލީ ތަނަވަސްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސަކަތްތައްވެސް މިދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށާއި އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު މިދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގައި ފާހަގަކުރެއްވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ވަނީ ބައިވެރިވެފައެވެ.