ޚަބަރު

ތަޣައްޔަރުވެފައިވާ ޕްލާސްޓިކް ފެނިފައިވާތީ ޓޮބްލެރޯންގެ ބައެއް ބެޗުތައް ވިއްކުން މަނާކޮށްފި


  • މިކަން ދިމާވީ ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކުން

  • ޓޮބްލެރޯން އެއްކޮށް ވިއްކުން މަނައެއްނުކުރޭ

  • ވިއްކުން މަނާކުރި ބެޗުތަކުގެ މަޢުލޫމާތު އެމްއެފްޑީއޭއިން ވަނީ އާއްމުކޮށްފައި

ސްވިޒަރލޭންޑްގެ މަޝްހޫރު "ޓޮބްލެރޯން" ބްރޭންޑުގެ މިލްކް ޗޮކްލެޓުގެ ވަކި ބްރޭންޑްތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭން ވިއްކުން މަނާކޮށްފިއެވެ.

އެމްއެމްއެފްޑީއެއިން މިގޮތަށް އަންގާފައިވަނީ ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ބްރޭންޑްގެ މިލްކް ޗޮކްލެޓް ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ލިބުމާގުޅިގެންނެވެ.

މިކަމާގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެފްޑީއޭގެ ފުޑް ކޮލެޓީ އެޝުއަރެންސް ކޯޑިނޭޓަރ ހަލީސާ މުޙައްމަދު ވިދާޅުވީ، މިކަން ދިމާވީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށާއި، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ބެޗުތައް ދެނެގަނެވި އެ މަޢުލޫމާތު އެ އޮތޯރިޓީއަށްވެސް ލިބިފައިވާކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެ ބެޗުތަކުގެ ޓޮބްލެރޯން ޗޮކްލެޓް އެތެރެކުރުމާއި ވިއްކުން މަނާކުރީ، މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް ހަލީސާ ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ނެރެފައިވާ އެލާޓުގައިވަނީ ރާއްޖެއެތެރެކޮށް ވިއްކުން މަނާކުރި ޓޮބްލެރޯންގެ ބެޗްތަކުގެ ތަފްޞީލު ހިއްސާކޮށްފައެވެ.

ޓޮބްލެރޯން ވިއްކުން އެއްކޮށް މަނާކުރީ ނޫންކަމަށާއި، މިއީ ވަކި ބެޗުތަކަކަށް ދިމާވި މައްސަލައެއްކަމުން ވިއްކުން މަނާކުރީ ހަމައެކަނި އެ ބެޗްތައްކަން ހަލީސާ ފާހަގަކުރެއްވިއެވެ.

"މެނުފެކްޗަރަރގެ ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މެއިލްފަކްޝަނެއްގެ ސަބަބުން އެބޭފޫޅުންނަށް ވަރަށް ބޮޑަށް ޔަޤީންކުރެވިފައި މިއޮތީ ކިހާ ހިސާބަކަކުކަން މި އިންސިޑެންޓް ހިނގާފައި މިއޮތީ. އެހެންވީމަ އެ ބެޗްތައް އެކަނި މަނާކޮށްފައި މިވަނީ. އެބޭފުޅުންނަށް ރަސްމީ ޗެނަލްތަކުން މަޢުލޫމާތު ލިބިފައިވޭ ރާއްޖެއަށް އޭގެ އެއް ބެޗު އެތެރެވެފައިވާކަމުގެ. އެހެންނަމަވެސް ރާއްޖޭގައި ޕެރެލަލް އިމްޕޮޓޭޝަން އޮންނާތީވެ، އެހެން ހިސާބަކުންވެސް ރާއްޖެއަށް އެ ބެޗުތައް އައިސްފައި ހުރެދާނެކަމަށް ބަލާ މި ފިޔަވަޅު އެޅީ" ހަލީސާ ވިދާޅުވިއެވެ.

މިކަން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިވަނީ ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް، އާރް.އޭ.އެސް.އެފް.އެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވަރކް، އިންފޯސަން މެދުވެރިކޮށެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އަދި މަނާކޮށްފައިވާ ބެޗުގެ އެއްވެސް އުފެއްދުމެއް ފާހަގަކުރެވިފައިވާނަމަ އެކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.