ޚަބަރު

ސިޓީ އަދި އަތޮޅު ވަޤުފްގެ ސަބަބުން އިސްލާމީ ޙަޟާރަތު ރާއްޖޭގައި ކުރިއަރާނެ: އާދަމް ޝަރީފް


  • ރާއްޖޭގައި ރަސްކަމުގެ ދުވަސްވަރުވެސް ވަޤުފްކުރެވިފައިވޭ

  • މިހާރުވެސް ވަޤުފްއިން ރައްޔިތުންނަށް އަދި ދީނީކަންކަމަށް ޚަރަދުކުރޭ

  • މި މަޝްރޫޢުއާއެކު ދީނީ ކަންކަމަށްދެވޭ ސަމާލުކަން އިތުރުވާނެ

  • ގިނަ ރަށްތަކަކުން ވަޤުފްކުރުމަށް ޝައުގުވެރިވޭ

ސިޓީ ވަޤުފް އަދި އަތޮޅު ވަޤުފްގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޙަޟާރަތު ބިނާކުރުމަށް ވަރަށް ބޮޑަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ސިޓީ ވަޤުފް އަދި އަތޮޅު ވަޤުފް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ހުރި ވަޤުފްތައް އިތުރުކޮށް ލިބޭ ޢާމްދަނީއިން ދީނީކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި ތަޢުލީމީ އަދި ސިއްހީ ކަންކަމަށް އެފައިސާއިން ހޭދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ތަސައްވުރެކެވެ. މިއާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޤުފްގެ ޢިމާރާތްތައް އިތުރުކޮށް އޭގެ މަންފާ ލިބޭނެހެން ސިޓީ ވަޤުފް އަދި އަތޮޅު ވަޤުފްވަނީ އިފްތިތާޙްކުރައްވާފައެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އިސްލާމީ ޚިލާފަތުގައި މިކަން ހިނގާފައިވާ އުސޫލުން ރާއްޖޭގައި ރަސްކަމުގެ ދައުރުގައިވެސް އެކި ސިފަސިފައިގައި ވަޤުފްގެ އެކި މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ މިއަދު އިފްތިތާޙްކުރެވިގެން މިދިޔަ ސިޓީ ވަޤުފް އަދި އަތޮޅު ވަޤުފްގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެ މީގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޙަޟާރަތު ބިނާކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް. އަދި އަތޮޅުތަކުގައިވެސް މި މަޝްރޫޢު ކުރިއަށްގެންދިޔުމުގެ ސަބަބުން ބޮޑެތި މަންފާކުރާނެކަމަށް." އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިހާރުވެސް ގިނަ ރަށްރަށުން ވަޤުފްގެ މަޝްރޫޢުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

"މިހާތަނަށް ވަޤުފްގެ މަޝްރޫޢުއަށް 3 ސިޓީއަކުން އަދި 8 އަތޮޅަކުންވަނީ ޝައުގުވެރިކަންފާޅުކޮށްފައި. އަދި 80 ރަށަކުން، ރަށު ވަޤުފްގައި ބައިވެރިވުމަށް ބޭނުންވޭ." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭވުޒާރާއިން ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަތަކުގައި އަދި ސިޓީތަކުގައި ޤާއިމުކުރެވޭ ވަޤުފް ޢިމާރާތްތަކަކީ އޭގެ މަންފާ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް ލިބޭނެގޮތަށް ކުރިއަށްގެންދާ މަޝްރޫޢުތައްކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިމަޝްރޫޢު އެސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމުގައި އިސްލާމީ ކަންތައްތަކަށް ޚަރަދުކޮށް އިސްލާމީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ޚަރަދުކުރާނެކަމަށް ޝަރުތުކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ މީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށްޓަވާނެކަމަށެވެ.