ޚަބަރު

ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު، އެއްބާރުލުން ލިބޭނެ: ޝަރީފް


  • ދެން އޮތީ ނަތީޖާ ނެރުމަށްޓަކައި މަސައްކަތްކުރުންކަމަށް ވިދާޅުވި

  • މާލޭ ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވި

  • ލާމަރުކަޒީ ޤާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ފެށޭނެ

ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު ކަމަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު މާލެ ސިޓީ ކައުންސިލްގެ ބިއުރޯގައެވެ.

މި ބައްދަލުވުމަކީ އެ ވުޒާރާއާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައިކަމަށެވެ.

އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަކީ އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި ވުޒާރާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފަ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަކީ އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި މިނިސްޓްރީއެއް." ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވީ، ރައީސްގެ ކެމްޕޭނުގައި ވިދާޅުފަދައިން މުޅި ރާއްޖެ ގުޅި ލާމެހިގެން މަސައްކަތް ކުރާއިރު ސަރުކާރާއި ރައްޔިތުންނާއި، އަދި ކައުންސިލްތަކާއި ސިޓީތަކާއި ގުޅުވައިދިނުމަށްޓަކައި، ވުޒާރާއެއް އުފައްދަވައި ރައީސް ޑރ. މުޢިއްޒުގެ ވަޢުދު ފުއްދަވާފައިވާކަމަށެވެ. އަދި ދެން އޮތް މަސައްކަތަކީ މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނި ކަންތައްތަކުން ނަތީޖާ ނެރުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ސިޓީތަކާއި ކައުންސިލްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިފަދައިން މާލެ ސިޓީ ކައުންސިލާއި މާލެސިޓީގެ ރައްޔިތުންނާއި ގުޅުވައިދިނުމަށް މިނިސްޓްރީއިން އެއްބާރުލުން ފޯރުކޮށްދިނުމާއިއެކު، ހުރިހާ މާނައެއްގައި ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގައި އެ ވުޒާރާއާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ އެކްޓިންގ މޭޔަރގެ އިތުރުން ބައެއް ކައުންސިލަރުން ވަނީ ކައުންސިލް ހިންގުމުގައި ނިމިދިޔަ ސަރުކާރުގައި ދިމާވި ދަތިތަކުގެ ވާހަކަތައް ވަޒީރާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ދިމާވާ ގޮންޖެހުންތަކާއި، ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ކަންބޮޑުވުންތަކާއި ގުޅިގެން ވަޒީރު ވިދާޅުވީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މުހިންމު ކަންކަން ދިރާސާއަކަށް ނުގޮސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ޢިލްމީ ދިރާސާއަކަށްފަހު ކުރިއަށް ދާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިންގުމަށް އިސްކަން ދެއްވާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.