ޚަބަރު

ތުރުކީގެ ޓޫރިޒަމް މިނިސްޓަރ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


  • ތުރުކީއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވި

  • ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގު ފާޅުކުރެއްވި

  • ރާއްޖެއިން ތުރުކީއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 ގައި

ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރ މެހްމަތް ނުރީ އާސޯއި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެލައްވާފައެވެ. އަދި ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރ މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވެއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެ މަނިކުފާނު ދަޢުވަތު އެރުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.