ޚަބަރު

ސަރފް ފްރީސްޓައިލް ވޯލްޑް ޗެމްޕިއަންޝިޕް ނިއާ ސުއާޑިއާޒް ކާމިޔާބުކޮށްފި


  • ސުއާޑިއާޒް ވޯލްޑް ޗެމްޕިއަންޝިޕް ކަށަވަރުކުރީ ގްރޭން ކެނޭރިއާގެ ދެވަނަ ހޯދައިގެން

ވިންގްފޮއިލް ސާރފް ފްރީސްޓައިލް ވޯލްޑް ޗެމްޕިއަންޝިޕް ސްޕެއިންގެ ނިއާ ސުއާޑިއާޒް ކާމިޔާބު ކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ސުއާޑިއާޒް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ގްރޭން ކެނޭރިއާގެ އެލް ބުރޭރޯ ބީޗްގައި ބޭއްވި ގްރޭން ކެނޭރިއާ ޖީޑަބްލިޔުއޭ ވިންގްފޮއިލް ވޯލްޑް ކަޕްގެ ދެވަނަ ކަށަވަރު ކޮށްގެންނެވެ. އޮސްޓްރިއާގެ ވިއޯލާ ލިޕިޓްޝްގެ ފަހަތުން ދެވަނައަށް ދިއުމާއެކުވެސް މުޅި ސީޒަނަށް ބަލާއިރު ސުއާޑިއާޒް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އޭނާ ފަހަތަށް ޖައްސާލެވޭނެ އެހެން ސަރފަރެއް ނެތެވެ. މިއީ ސުއާޑިއާޒް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ.

ގްރޭން ކެނޭރިއާގައި ބޭއްވި އިވެންޓް ލިޕިޓްޝް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި 22.30 ޕޮއިންޓް ހޯދައިގެންނެވެ. ސުއާޑިއާޒްއަށް ހޯދުނީ 19.67 ޕޮއިންޓޭވެ. މިމުބާރާތުން ތިންވަނަ ހޯދީ އުމުރުން 12 އަހަރުގެ ސޯފިއާ ގިންޒިންގަރއެވެ. އޭނާއަށް ހޯދުނީ 16.10 ޕޮއިންޓެވެ. އަދި ހަތަރުވަނައަށް ދިޔައީ ނެދަލަންޑްސްގެ ބޯވިއެން ވެން ޑަރ ލިންޑެންއެވެ.

ގްރޭން ކެނޭރިއާ ފައިނަލް ވެގެންދިޔައީ މިހާތަނަށް ފެނިގެންދިޔަ އެންމެ ވާދަވެރި ފައިނަލަށެވެ. މިގޮތުން ސުއާޑިއާޒް އާއި ލިޕިޓްޝްގެ ފަރާތުން ފާހަގަ ކޮށްލެވޭ ސަރފިންގ ޓްރިކްސްތަކެއް ފެނިގެންދިޔައެވެ. މީގެތެރެއިންވެސް ލިޕިޓްޝް ފުރިހަމަ ކުރި ޕަލާއު ފްރަންޓްސައިޑް 360 އަކީ މިހާތަނަށް އެއްވެސް ސަރފަރަކަށް މުބާރާތެއްގައި ފުރިހަމަ ކުރެވިފައިވާ ޓްރިކެއްް ނޫންކަމަށްވެއެވެ.

ގްރޭން ކެރޭރިއާ މުބާރާތުގެ ފިރިހެނުންގެ ބަޔަށް ބަލާލާއިރު އެއްވަނަ ހޯދީ 28.24 ޕޮއިންޓް ހޯދި އެމެރިކާގެ ކްރިސްޓޮފަރ މެކްޑޮނާލްޑްއެވެ. ދެވަަނައަށް ދިޔައީ 27.67 ޕޮއިންޓް ހޯދި ޑެންމާކްގެ ބެންޖަމިން ކަސްޓެންސްކިއޯލްޑްއެވެ. އަދި ތިންވަނަ ފަރަންސޭސިވިލާތުގެ އެލެކްސް ޖެރާޑް ހޯދިއިރު ހަތަރުވަނަ އަށް ދިޔައީ އޮސްޓްރިއާގެ ޓޯމަސް އަޗޭރަރއެވެ.