އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ 11:30 އިން 15:30 އަށެވެ. މި ދުވަސްވަރު ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ދަނީ ހުދު ސަމާލު ނެރެމުންނެވެ. މެޓް އޮފީހުން ވިދާޅުވީ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ރާޅު ބާނިތަކުގެ އުސްމިން ވަރަށް މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތުވެސް ވަރަށް ބޮޑު ކަމަށް ލަފާކުރެވޭއިރު، މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
Swell waves surges expected over the country in the coming hours. pic.twitter.com/yiOIm8hpD4
— Maldives Meteorology (@MetMaldives) July 28, 2026
ރާއްޖޭގެ މޫސުން މިއަދު ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމުނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މާލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވަމުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވިދާޅުވިއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2 - 5 ފޫޓާ ދެމެދުގައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވާތީ، އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.