ޚަބަރު

ފްލެޓްތަކުގެ ކުލި: 3 ކޮޓަރި 8000، 2 ކޮޓަރި 6000 ރުފިޔާ


  • ކުލި ދައްކަންޖެހޭނީ ޙަވާލުކުރާތާ 3 މަސް ފަހުން

  • މަރާމާތު ފީގެ ގޮތުގައި 1000 ރުފިޔާ ކޮންމެ މަހަކު

  • ކުލި ދައްކަންޖެހޭ މުއްދަތަކީ 25 އަހަރު

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައަޅާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކުރައްވައިފިއެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ މި 4000 ފްލެޓަށް މަހު ކުލީގެގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ފައިސާގެ ތަފްޞީލު ހިއްސާކޮށްފައިވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު މިނިސްޓްރީން އަލުން އާއްމުކުރެއްވި ދާއިމީ ލިސްޓާއެކުގައެވެ.

އެގޮތުން 3 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 7000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5000 ރުފިޔާއާއި މަރާމާތު ފީގެގޮތުގައި މަހަކު 1000 ރުފިޔާއެވެ.

މި ފްލެޓްތަކަށް ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފްލެޓް ޙަވާލުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހުކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މުއްދަތަކީ 300 މަހެވެ. އެއީ 25 އަހަރެވެ.

މި 4000 ފްލެޓަކީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ފްލެޓްތަކެކެވެ. އެއީ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި، ފްލެޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވާލީ 26 ޖޫން 2022 ގައެވެ.

ކުރީގެ ސަރުކާރުތަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޚިލާފަށް މި ސަރުކާރުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލިއިރު އާއްމުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހައަކީ ދިގު ކިއުއެއްގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ނުޖެހި، ފަސޭހަކާއެކު އެމީހަކު ހުރި ތަނެއްގައި ހުރެގެން ހައުސިންގ މިނިސްޓްރީގެ "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ގޮތް ހެދުމެވެ.