ޚަބަރު

ފޮރިން މިނިސްޓަރ ފަލަސްތީނުގެ އޮނަރަރީ ކޮންސުލްއާއި ބައްދަލުކުރައްވައިފި


  • ރާއްޖޭން ފަލަސްތީނާއެކު ޚާރިޖީ ގުޅުން ޤާއިމުކުރީ 1982 ގައި

  • ރާއްޖޭން އަބަދުވެސް ފަލަސްތިނާއެކު ތިބޭނެކަމުގެ ޔަޤީންކަންދެއްވި

  • ފަލަސްތީނަށް އެހީވުމަށް ރާއްޖޭންވެސް ދަނީ ގިނަ މަސައްކަތްތަކެއްކުރަމުން

ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު އޮނަރަރީ ކޮންސުލް ރަޤީބް އަޙްމަދު ޚަލަފާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވީ މިއަދު ފޮރިން މިނިސްޓްރީގައެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި އައު އޮނަރަރީ ކޮންސުލްއަށް މަރުޚަބާ ދަންނަވާފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަށް އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ވަނީ އަރުވާފައެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖާރީމާތައް ދިވެހި ސަރުކާރާއި ރައްޔިތުން އަންނަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، ޔަހޫދީ އިސްރާޢިލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެއިން 2 މިލިއަން މަސްދަޅު ހަދިޔާކުރުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މި ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ދިވެހިންވެސް އަންނަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ހުޅުވާފައިވާއިރު، މި ފަންޑަށް ގިނަ ފަރާތްތަކުން ދަނީ ފައިސާ ހަދިޔާކުރަމުންނެވެ.

އައި.އޭ.ސީގެ އިތުރުން، ފަލަސްތީނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ޚާއްސަ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑު އެއްކުރުމަށް ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް މިހާރު އަރާފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.