ޚަބަރު

ސާކްގެ އައު ސެކްރެޓަރީ ޖެނެރަލަށް ފޮރިން މިނިސްޓަރ މަރުޙަބާ ދަންނަވައިފި


  • މިއީ 15 ވަނަ ސެކްރެޓަރީ ޖެނެރަލް

  • މިއީ މި މަޤާމް ފުރުއްވާ ބަންގްލަދޭޝްގެ 3 ވަނަ ބޭފުޅާ

  • ސާކްގެ ސެކްރެޓަރީ ޖެނެރަލެއްގެ ދައުރަކީ 3 އަހަރު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކްގެ އައު ސެކްރެޓަރީ ޖެނެރަލް އެމްޑީ ގޯލަމް ސަރްވާރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވައިފިއެވެ.

ސާކްގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމާއި ހަމައަށް އެމްޑީ ގޯލަމް ސަރްވާރު ފުރުއްވަމުން ގެންދެވީ ބަންގްލަދޭޝްއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ. މިއީ ސާކް ވުޖޫދުވިފަހުން މި މަޤާމަށް ޢައްޔަނުކުރެވުނު 15 ވަނަ ބޭފުޅާއެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ބޭފުޅަކު މި މަޤާމަށް ޢައްޔަނުކުރެވުނު 3 ވަނަ ފަހަރެވެ.

ސާކްގެ އައު ސެކްރެޓަރީ ޖެނެރަލަށް މަރުޙަބާ ދަންނަވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި އެޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އެމަނިކުފާނާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

ކެރިއާ ޑިޕްލޮމެޓެއް ކަމަށްވާ އެމްޑީ.ގޯލަމް ސަރްވާރަކީ ބަންގްލަދޭޝް ސިވިލް ސަރވިސް (ފޮރިން އެފެއާޒް)ގެ 10 ވަނަ ބެޗަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. 1991 ވަނަ އަހަރު ޑިޕްލޮމެޓިކް ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގެން އެމްޑީ.ގޯލަމް ސަރުވާރު ވަނީ އަމިއްލަ ޤައުމާއި، ޤައުމުން ބޭރުގައި އެކި މަޤާމުތަކުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

އެމަނިކުފާނު ވަނީ ބަންގްލަދޭޝްއިން އޮމާން އަދި ސްވިޑަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޖިއްދާގައި ހުންނަވާ ކޮންސުލް ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާގެ ޑިޕްލޮމެޓިކް ކެރިއަރުގައި ޔަންގޮން، ކުއާލަލަމްޕޫރު، ކަތުމަންޑޫ އަދި ވޮޝިންޓަން ޑީސީގައި ހުންނަ ބަންގްލަދޭޝްގެ މިޝަންތަކުގައިވެސް މަސައްކަތް ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ނޮއާޚާލީއަށް ނިސްބަތްވާ އެމްޑީ.ގޯލަމް ސަރްވާރު ވަނީ ޔުނިވަރސިޓީ އޮފް ޑާކާއިން މާސްޓާސް އިން އެކައުންޓިން ޙާސިލުކުރައްވާފައެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ 3 އަހަރު ދުވަހެވެ. އެންމެފަހުން މި މަޤާމު ފުރުއްވާފައިވަނީ ސްރިލަންކާއަށް ނިސްބަތްވެވަޑައިގަންނަވާ އީސާލާ ރޫވަން ވީރަކޫންއެވެ.

ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކޮށް، އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސާކް އުފައްދާފައިވަނީ 1985 ވަނަ އަހަރުގެ ތެރޭގައެވެ.