ޚަބަރު

މަކުނުދޫ ސިލިންޑަރު ގޮވުން: ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ


  • މި ޙާދިސާގައި ދެ ބިދޭސީއަކު ނިޔާވި

  • ހާދިސާ ހިނގީ ހަވީރު 4:15 ހާއިރު

  • ސައިކަލްތަކަކާއި ފަޅުގައި އަޅާފައިވާ ދޯނިތަކަކަށްވެސް ގެއްލުންވި

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހިތާމަވެރި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު 4:15 ހާއިރު ހިނގި މި ޙާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ. މި ޙާދިސާގައި ގޮވާފައިވަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާގައި ނިޔާވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގެ ބިދޭސީ ދެ މުވައްޒަފުންނެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަޙްޤީޤުކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަޙްޤީޤު ޓީމެއް މަކުނުދޫގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މަކުނުދޫގައި މީހަކު ބުނިގޮތުގައި ގޭސް ސިލިންޑަރު ގޮވި ވަގުތު ވަރަށް ބާރު އަޑުފައްގަނޑެއް މުޅި ރަށައް އިވިފައިވާކަމަށެވެ. އަދި ސިލިންޑަރު ގޮވި ވަގުތު، ކައިރީގައި ހުރި ސައިކަލުތަކަކަށާއި، ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.