ޚަބަރު

ހއ. ދިއްދޫ ނެރަށް ލޯންޗެއް އަރާ، 10 މީހަކު ޒަޙަމްވެއްޖެ


  • ނެރަށް އަރާފައިވަނީ ހއ. ވަށަފަރުން އައި ލޯންޗެއް

  • ޒަޙަމްވި 10 މީހުންގެ ތެރެއިން އެކަކު ހޭނެތިފައި

  • ޙާދިސާ ހިނގީ މިރޭ 7:40 ހާއިރު

ހއ. ދިއްދޫ ބަނދަރަށް ވަނުމުގެ ތެރޭގައި ލޯންޗެއް ނެރަށް އަރާ އެކްސިޑެންޓުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މިރޭ 7:40 ހާއިރުކަމަށެވެ. ދިއްދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރަށް އަރާފައިވަނީ 10 މީހުންނާއެކު ހއ. ވަށަފަރުން އައި ލޯންޗެކެވެ.

މި ޙާދިސާގައި ލޯންޗުގައި ދަތުރުކުރި 10 މީހުންނަށްވެސް އެކި ވަރުގެ ޒަޙަމްތައް ލިބިފައިވާއިރު، އެމީހުންނަށް ދިއްދޫ ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުންދާކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކު ހޭވެސް ނާރާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި ލޯންޗު ނެރަށް އަރަން ދިމާވި ސީދާ ސަބަބެއް އަދި ސާފުވެފައެއްނުވެއެވެ. ހާދިސާ ހިނގުމާއެކު އެރަށުގައި ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.