ޚަބަރު

ޑިޖިޓަލް ލުއިފަސޭހަތަކާއެކު ސައިބަރ ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރުން މުހިންމު: ޝައުނާ


  • ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު

  • އީޓުކުރި މޯބައިލް އެޕްއާއެކު ވިޔަފާރިތައް އިތުރު ހަރުފަތަކަށް

  • މުޅި އީ-ކޮމާސްގެ ދާއިރާއަށް އޮންނަ އިތުބާރު އިތުރުކުރަންޖެހޭ

ތަފާތު އެކި ޚިދުމަތްތައް ޑިޖިޓަލް ލުއިފަސޭހަތަކާއެކު އާއްމުންނަށް ފޯރުކޮށްދިނުމުގެ ކުރަމުންދާ މަސައްކަތްތަކާއެކު ސައިބަރ ސެކިއުރިޓީގެ ކަންކަންވެސް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އީޓުކުރި މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޑިޖިޓަލް އެކި އެކި ވަސީލަތްތަކުގެ ބޭނުން ހިފާ، އާއްމުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ޚާއްސަ ސިޔާސަތެއްކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށް ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާއެކު ކުރިއެރުންތަކެއްވެސް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން އީ-ފާސް އެޕް ތަޢާރަފްކޮށް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލޮގްއިން ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވާކަމަށާއި، ޑިޖިޓަލް އައިޓެންޓިޓީ ނިޒާމުގެ މޯބައިލް އެޕްލިކޭޝަންގެ އަރލީ ރިލީޒް މިއަހަރުގެ މެއިމަހު ތަޢާރަފުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 31،000 މީހުން މިހާރު މި މޯބައިލް އެޕް ޑައުންލޯޑްކޮށް ބޭނުންކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ޚިދުމަތްތަކަށް އެއްތަނަކުން އެދުމަށް ފަސޭހަ ނިޒާމެއް ޤާއިމުކުރުމުގެގޮތުން "ވަންގަވް" ޕްލެޓްފޯމުވެސް ތަޢާރަފްކޮށް ބޭނުންކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިފަދަ ޑިޖިޓަލް ލުއިފަސޭހަތަކާއެކު އާއްމުންގެ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކޮށްދީ، ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މި ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އިތުބާރުހިފޭ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ ކަންކަން ބެލެހެއްޓުމަކީވެސް މުހިންމުކަމެއް. އެގޮތުން އަޅުގަނޑުމެން މިހާރު މިވަނީ ސައިބަރ ސެކިއުރިޓީއާއި ގުޅޭ ބިލެއްވެސް ފަރުމާކުރުމުގެ މަސައްކަތް ފަށާފައި. އަދި ހަމައެއާއެކީގައި ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމަށް އަޅުގަނޑުމެން ބިލެއް ފަރުމާކޮށް މިހާރު މިވަނީ އާއްމުންގެ ޚިޔާލަށްވެސް ހުޅުވާލާފައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކީވެސް ޚާއްސަ ސިފަތަކެއް ލިބިފައިވާ ވަކި އިޤްތިޞާދެއް އޮންނަ ރަށްތަކެއްކަމަށެވެ. އެއާއެކު އީޓުކުރި މޯބައިލް އެޕްލިކޭޝަނަކީ ރާއްޖޭގެ މުޅި އީ-ކޮމާސް ދާއިރާއަށްވެސް ތަޢާރަފުކުރެވުނު ވަރަށް އިނޮވޭޓިވް ޕްލެޓްފޯމެއްކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އަދި މިއީ މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންގޮސް އެފަރާތްތަކުގެ ވިޔަފާރި މާކެޓްކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

"މާލެއަށް ކޮންމެ އެއްޗެއް ފޮނުވައިގެން ވިޔަފާރިކުރަނީނަމަ އެއީ ވަރަށް ހަނި ގޮތަކަށް އަޅުގަނޑުމެންނަށް މި ވިސްނެނީ ހއ. ތުރާކުނުގައި އުފައްދާ ތަކެތި ނުވަތަ ކުޅުދުއްފުށީގައި އުފައްދާތަކެތި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އެހެންނަމަވެސް މި ޕްލެޓްފޯމާއެކީގައި ތި ފޯރުކޮށްދޭ ޚިދުމަތަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި ދެންނެވި ލިމިޓޭޝަނަށް ހޯއްދަވައިދެއްވާ ވަރަށް މުހިންމު ޙައްލެއް. އަދި ރައްޔިތުންނަށް އެބަ އެނގޭ އެ އޯޑަރކުރާ ޕްރޮޑަކްޓު ކޮން އިރަކު ކޮން ވަގުތަކުކަން ގެއާހަމައަށް ޑޯ-ސްޓެޕަށް މި ފޯރުކޮށްދެނީ. ޓްރެކިންގ ނިޒާމެއްވެސް މި ޚިދުމަތާއެކީގައި އެބަލިބޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ސައިބަރ ވެށީގެ ރައްކާތެރިކަން އިތުރުވެގެންދާނެކަން ޔަޤީންކުރުމާއެކު އީޓުކުރި ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރާ ފަރާތްތަކުގެ މަސްލަޙައުތައްވެސް ޚިމާޔަތްކޮށް، މުޅި އީ-ކޮމާސްގެ ދާއިރާއަށް އޮތް އިތުބާރު އިތުރުކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19އަށްފަހު ވިޔަފާރިތަކާއި ތަފާތު އެކިއެކި ޚިދުމަތްތައް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ހޯދާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޚިދުމަތްތައް ކުރިއެރުވުމަކީވެސް މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.