މުނިފޫހިފިލުވުން

ކަންގަނާގެ "އިމާޖެންސީ" އަށްވުރެ ކުރިން އެ ހާދިސާއަށް ބިނާކޮށް އެހެން ފިލްމެއް


  • މިއީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީ 1975 ވަނަ އަހަރު އިޢުލާނުކުރި އިމާޖެންސީއަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއް

  • ހަމަ މި ޙާދިސާއަށް ބިނާކޮށް މަރާ ޓީ ފިލްމެއް

  • މަރާ ޓީ ފިލްމު ރިލީޒްކުރުން ޖުލައި 28 ގައި

  • ކަންގަނާގެ ފިލްމު ރިލީޒްކުރުން ނޮވެމްބަރު 24 ގައި

ބަތަލާ ކަންގަނާ ރަނާވަތު ކުޅެ، ޑައިރެކްޓުކޮށްފައިވާ ފިލްމު "އިމާޖެންސީ" އަކީ އިޢުލާނުކުރީއްސުރެ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީ 1975 ވަނަ އަހަރު އިޢުލާނުކުރި އިމާޖެންސީގެ ދުވަސްވަރު ހުރި ލުކްގައި ކަންގަނާ ދައްކާލާއިރު، އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތުލް ބިހާރީ ބަޖްޕާއީގެ ލުކްގައި އަނޫޕަމް ކޭރު ދައްކާލާފައި ވުމަކީވެސް މި ފިލްމު ވަރަށް ބޮޑަށް ވައިގައި ހިފާ އެންމެ އިންތިޒާރުކުރާ ފިލްމަކަށް ވެގެން ގޮސްފައިވާ ސަބަބުތަކެވެ.

ނަމަވެސް އަންނަ ނޮވެމްބަރު މަހު 24 ގައި ފިލްމު އަޅުވަން ތައްޔާރުވަމުން އަންނައިރު އިމާޖެންސީ ހާދިސާއަށް ބިނާކޮށް އުފައްދާ އެހެން ފިލްމެއްގެ ވާހަކައިގެ އަޑުވެސް މިހާރު ވަނީ ފެތުރިފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ފިލްމަކީ ދިނޭޝް ޖަގްތަޕްގެ މަރާޓީ ފިލްމު "އާނީ ބާނީ" އެވެ. އާނީ ބާނީ އަކީ 1975 ވަނަ އަހަރު އިޢުލާނުކުރި އިމާޖެންސީއަށް މަރާޓީ ބަހުން ކިޔާ ނަމެކެވެ.

މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ކަންގަނާގެ "އިމާޖެންސީ" އަށްވުރެ 4 މަސް ދުވަސް ކުރިން އަންނަ މަހު 28 ގައެވެ. މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކާލާފައެވެ.

"އިމަޖެންސީ" މިހާރު އޮތީ ޝޫޓިން ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. މީގައި ކަންގަނާ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. "އިމަޖެންސީ" ގެ ވާހަކަ ބިނާކޮށްފައި ވަނީ އެކަމަނާގެ ވެރިކަމުގައި ޖޫން 25، 1975 ގައި ގައުމުގައި އިއުލާންކުރި ކުއްލި ހާލަތާއި އޭގެ ސަބަބުން އުފެދުނު ސިޔާސީ ކޯޅުންތަކާ އެކީ އިންޑިއާގެ މަސްރަހު ހޫނުވެގެން ދިއުމުގެ މައްޗަށެވެ.

މި އަހަރު އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އިމަޖެންސީ" އަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ އިން ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އިއްޔެ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޓީކޫ ވެޑްސް ޝޭރޫ" އެވެ.

"އިމަޖެންސީ" ގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން އަދި ޝްރެޔަސް ތަލްޕަޅޭ އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ވެސް ހިމެނެ އެވެ.