ޚަބަރު

ރާއްޖޭގެ ފުރަތަމަ "އިންޓަރނެޓް ގަވަރނެންސް ފޯރަމް" ނިންމާލައިފި


ރާއްޖޭގެ ފުރަތަމަ "އިންޓަރނެޓް ގަވަރނެންސް ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިމަހުގެ 16 އިން 17 އަށް ކުރިއަށްދިޔަ މި ފޯރަމްގައި ތަފާތު އެކި ދާއިރާތަކުރެ ބައިވެރިވުމާއެކު ޖުމްލަ 13 ސެޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ.

މިއަހަރުގެ އައި.ޖީ.އެފްގައި ޖަމިއްޔާތަކާއި، ޓެލެކޮމް ޚިދުމަތްދޭ ފަރާތްތަކާއި، ތަޢުލީމީ ދާއިރާ، ޓެކްނޮލޮޖީ ދާއިރާގެ އެކި ފަރާތްތައް، ގާނޫނު ހަދާ ފަރާތްތައް، ލޯކަލް ކައުންސިލްތަކާއި، ޒުވާނުން، އަދި އަމިއްލަ ވިޔަފާރިތަކުން އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އަދި އިންޓަރނެޓް ގަވަރނެންސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗައް ހުށައެޅުންތަކެއް ހުށައަޅާފައިވެއެވެ.

މިފޯރަމް އިފްތިތާޙްކޮށްދެއްވަމުން ކޮށްދެއްވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒާ އާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި ޓެކްނޮޮލޮޖީ ބޭނުންކުރުމުގެ ފަރަގު ކުޑަކުރުމަށާއި، ޓެކްނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ނިންމާ ނިންމުންތަކަކީ ވަށާޖެހޭނެ ގޮތެއްގައި ތަންފީޒް ވެގެން ދާނެ ސިޔާސަތުތަކެއް ކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމުގެ ޚިދުމަތް ދިނުމުގައިވެސް ޓެކްނޮލޮޖީގެ ބޭނުންކުރައްވާކަމަށާއި، ބައެއް ޚިދުމަތްތަށް ޑިޖިޓަލް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޕޮލިސީތައް ތަންފީޒުކުރުމުގައި ޝަރުޢީ ދާއިރާކަމުގައިވިޔަސް، އަދި ދަޢުލަތުގެ އެހެން ފަރާތްތަކުން ކަމުގައިވިޔަސް އެއްވެސް ފަރާތެއް ބާކީނުވާނެހެން ޚިދުމަތްތައް ތަންފީޒު ވަރަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް އަލްއުސްތާޒާ އާއިޝަތު ރިޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޓަރނެޓްގެ ޚިދުމަތަކީވެސް އެއްވެސް ފަރާތެއް ބާކީނުވާނެހެން އެކަށީގެންވާ އަގެއްގައި ކޮންމެ ދިވެއްސަކަށްވެސް ލިބެން ޖެހޭނެ ޚިދުމަތެއްކަމުގައި ރިޒްނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ ބައިވެރިން ޚިޔާލުފާޅުކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ރާއްޖެއަށް އިތުރު އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރަކަށް ޖާގައޮތް މިންވަރު އަދި މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނަ އިނޮވޭޓިވް ސަރވިސް ޕްރޮވައިޑަރތަކަށް ޖާގަދިނުމާއި، ޤައުމީ ފެންވަރުގައި ޓެކްނޮލޮޖީގެ އުފެއްދުންތައް އިތުރުކުރުމާއި، ޚިދުމަތްތަކުގައި ޓެކްނޮލޮޖީގެ ބޭނުންކުރުމާއި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދިނުން ހިމެނެއެވެ. އަދި އީޖާދުތަކުގައި ދިވެހި ބަސް ބޭނުންކުރުމަށް ދިވެހި ބަހުގެ ޓޭޑާބޭސްއަށް އަށް އުފެއްދުންތެރިންނަށް ބޭނުންކުރެވޭނެ ގޮތެއް ހެދުމުގެ މުހިންމުކަމާއި، އިންޓަރނެޓް އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމެންޓް ހަރުދަނާކޮށް އޭގެ ފައިދާ ރާއްޖެއަށް އެންމެ ރަނގަޅަށް ކުރާނެ ގޮތައް ޕްލޭންކުރުން ހިމެނެއެވެ.

މި ފޯރަމްގައި ދިރާގު، އުރީދޫ މޯލްޑިވްސް، އޮކްސިކާ، ޖަވާބު ޕްރައިވެޓް ލިމިޓެޑް، އެސޯސިއއޭޝަން ފޯރ ޑިމޮކްރެސީ އިންދަ މޯލްޑިވްސް، ބްލައިންޑް އެންޑް ވިޝުައަލީ އިމްޕެއަރޑް އެސޯސިއޭޝަން، ވިމެން އިން ފުވައްމުލައް، ވިމެން އިން ޓެކް މޯލްޑިވްސް، ނޫނު އަތޮޅު ކައުންސިލް، އެން.ސީ.އައި.ޓީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޖެންޑަރ އިން ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރިއެވެ.

މި ފޯރަމްގައި ޒުވާނުންނަށް ޚާއްސަ ކުރެވުނު މަޝްވަރާތަކުގައި އިންޓަރނެޓް ގަވަރނެންސް ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު އަދި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ކިޔައިދިނެވެ. ފޯރަމްގައި މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޑިޖިޓަލް ޑިވައިޑް ކުޑަކުރުން، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން، ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން ހިމެނެއެވެ. އަދި އީޖާދީ އައު ޓެކްނޮލޮޖީތައް، ޑިޖިޓަލް އިކޮނޮމީއެއް ބިނާ ކުރުމަށް ޖާގަދިނުން އަދި ސައިބަރ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް ފަދަ މައުޞޫޢުތައް ހިމެނެއެވެ.

އައިޖީއެފްގެ އަސާސީ މަގުސަދަކީ އިންޓަނެޓް ގަވަރނަންސްއާ ބެހޭ ގޮތުން އެކި ފަންތީގެ މީހުންގެ މެދުގައި މަޝްވަރާ ކުރުމާއި، ބެސްޓްޕްރެކްޓިސް ހިއްސާކުރުން، ޚިޔާލު ހޯދުމުގެ އިތުރުން، ބިނާކުރަނިވި މަޝްވަރާތަކަށް މަގުހުޅުވާލުމެވެ. އަދި ޑިޖިޓަލް ދުނިޔޭގައި އުފެދިފައިވާ މައްސަލަތަކަށް އެއްބާރުލުން ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި އައިޖީއެފް އަކީ ދުނީޔޭގެ އެހެން ޤައުމުތަކުގައިވެސް މުހިންމު ދައުރެއް އަދާކުރާ ޕްލެޓްފޯމްއެކެވެ.

އިންޓަނެޓްގެ ގަވަރނަންސް ފޯރަމް (އައިޖީއެފް) އަކީ އިންޓަނެޓްގެ ގަވަރނަންސް އާއި ގުޅޭ މައްސަލަތަކުގައި މަޝްވަރާތަކާއި ސިޔާސަތު ކަނޑައެޅުމަށް މަގުފަހިކޮށްދޭ ގްލޯބަލް ޕްލެޓްފޯމެކެވެ. 2006 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް ނޭޝަންސް އިން އިސްނަގައިގެން، ދުނިޔޭގެ އެކި ގައުމުތަކުގައި މި ފޯރަމް ބާއްވައެވެ. އެކި ގައުމުތަކުގައި މި ފޯރަމް ބާއްވަނީ ގްލޯބަލް އިންޓަރނެޓް ގަވަރނެންސް ފޯރަމްގެ އިރުޝާދުގެ ދަށުން އެގައުމަކަށް ޚާއްސަ އެކި ދާއިރާތައް ހިމެނޭހެން އެކުލަވާލެވޭ ޓީމަކުންނެވެ.