ދުނިޔޭގެ ވިޔަފާރި

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް އެތެރެކުރުން އިންޑޮނޭޝިއާއިން މަނާކުރަނީ


އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަނާކުރަން އިންޑޮނޭޝިއާ ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ތިމާވެއްޓާއި ޖަންގަލިތަކާބެހޭ ވަޒީރު ސިތި ނޫރުބަޔާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މިފަދަ ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ތަކެތި އެ ގައުމުގައި ބޭނުންކުރުން 2029 ގެ ނިޔަލަށް މަނާކުރާނެއެވެ. އަދި މި މުއްދަތުގައި ތަކެތި ބަންދުކުރުމުގައި ބޭނުންކުރާ ޕްލާސްޓިކްގެ މިންވަރު 30 އިންސައްތައަށް މަދުކުރަން ވިޔަފާރިތަކަށްވެސް މަޖުބޫރުވާނެއެވެ.

ބޭނުންކުރުން މަނާ ތަކެތީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ހޮޅި އަދި ޕްލާސްޓިކް ސަމްސާ، އޫ ފަދަ ތަކެތީގެ އިތުރުން ކާތަކެތި ބަންދުކުރަން ބޭނުންކުރާ ސްޓައިރޮފޯމުވެސް ހިމެނެއެވެ.

ޕްލާސްޓިކް ކުނި މަދުކުރުމުގެ ރޯޑު މެޕެއް އެކުލަވާލުމަށް އިންޑޮނޭޝިއާގެ ޕްރޮވިންސްތަކަށް އަންގާނެ ކަމަށްވެސް ނޫރުބަޔާއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކުން އުފައްދާ ތަކެތި ބޭންކުރުން މަނާކުރި އިންޑޮނޭޝިއާގެ އެންމެ ފުރަތަމަ ޕްރޮވިންސަކީ ބާލީއެވެ. ބާލީއިން މިކަން މަނާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އޭގެފަހުން 2020 ވަނަ އަހަރު ވެރި ރަށް ޖަކާޓާ އިންވެސް ވަނީ ޕްލާސްޓިކް ކޮތަޅު ބޭންކުރުން މަނާކޮށްފައެވެ.

އިންޑޮނޭޝިއާ އަކީ ދުނިޔޭގެ އެންމެ ގިނައިން ޕްލާސްޓިކް ކުނި އުފައްދާ ގައުމެއް ގޮތުގައި ދިރާސާތަކާއި ރިޕޯޓުތަކުން ފާހަގަކޮށްފައިވާ ގައުމެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުން 270 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އިން 12.6 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި މިދިޔަ އަހަރު އެކަނިވެސް އުފައްދާފައިވެއެވެ.

އިންޑޮނޭޝިއާގެ އިތުރުން އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކުން އުފައްދާ ތަކެތި މަނާކުރުމުގެ ގޮތުން މެލޭޝިއާ އިންވެސް ވަނީ 2018 ވަނަ އަހަރު ރޯޑު މެޕެއް އެކުލަވާލާފައެވެ. އަދި ވިޔަފާރި ކުރުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން 2025 ވަނަ އަހަރުގެ ނިޔަލަށް މަނާކުރާނެ ކަމަށްވެސް މެލޭޝިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ނިކް ނާޒިމް ނިކް އަހުމަދާ ހަވާލާދީ ހަބަރުތައް ބުނެއެވެ.