ޚަބަރު

ޙިމާޔަތްކޮށްފައިވާ ތަންތަން ބަލަހައްޓަންވީ ޤައުމީ ތަރިކައެއްގެ ގޮތުގައި ދެކިގެން: ޝައުނާ


ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ތަންތަން ބަލަހައްޓަންވީ ޤައުމީ ތަރިކައެއްގެ ގޮތުގައި ދެކިގެންކަމަށް މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ބ. އަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުގެ ރިވިއު ހެދުމަށް ޔުނެސްކޯއިން އަންގާފައިވުމުން، އެކަންކުރުމަށް ބޭނުންވާ މަޢލޫމާތު ހޯދުމަށް މިހާރު އެއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޔުނެސްކޯއިން ބ. އަތޮޅު އިތުރު 10 އަހަަރަށް ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިތުރު 10 އަހަރަށް ބަޔޮސްފިއަރ ރިސާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 ކަމެއް ޝަރުތުކޮށްފައެވެ.

އެއީ އާންމުން ހޭލުތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ގިނައިން ހިންގުމަށާއި، ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުން ލިބޭ ޢާމްދަނީން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގުޅުންހުރި ތަރައްޤީއާ އެނޫންވެސް ކަންކަމަށް ބޭނުންކުރުމަށާ، ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުގެ ތެރެއިން މެނޭޖްމަންޓް ޕްލޭން ނުހަދާ ހުރި ތަންތަނުގެ ޕްލޭންތައް ހެދުމަށް ޝަރުތުކޮށްފައެވެ.

އެންވަޔަރުމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވަނީ މިކަންކަން ރިވިއުކުރެއްވުމަށް ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އާ އެއަތޮޅު ކައުންސިލާ ބައްދަލުކޮށް މިކަމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

މިބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަ ޝައުނާ ވިދާޅުވީ ބ. އަތޮޅުގައި މިހާރު ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނުގެ ތެރޭގައި މުޅި ދުނިޔެއަށްވެސް މަޝްޙޫރު ތަންތަން އެބަހުރިކަމަށާއި، އެތަންތަން ޙިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އަދި އެތަންތަން ޙިމާޔަތްކޮށް ބަލަހައްޓަންވީ ޤައުމީ ތަރިކައެއްގެ ގޮތުގައި ދެކިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމަކީ އެންމެ މުހިންމު އެއް ކަންތައް. މިކަމުގެ ސަބަބުން ފަތުރުވެރިމަށް ބޮޑު ކުރިއެރުމެއް ދަނީ އަންނަމުން. ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ހަނިފަރުބޭ އަކީ މުޅި ދުނިޔެއަށްވެސް މަޝްޙޫރު މަޤުބޫލު ތަންތަން. އެހެންވީމާ މިތަންތަން މެނޭޖްކޮށް ބަލަހައްޓަންވީ ނޭޝަނަލް ޓްރެޝަރ އެއްގެ ގޮތުގައި ދެކިގެން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

10 ސަރަޙައްދެއް ބަޔޮސްފިއަރގެ ކޯއޭރިއާގެ ގޮތުގައި ކަނޑައަޅާފައި އޮތްއިރު މިހާތަނަށް ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކޮށް ބަލަހައްޓަމުން އަންނަނީ 3 ސަރަހައްދެކެވެ.

މެނޭޖްމަންޓް ނުހަދާ ހުރި ތަންތަނަށް މެނޭޖްމަންޓް ޕްލޭން ހަދާ ރައްކާތެރިކަމާއެކު އެތަންތަން ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާއުނާ ވިދާޅުވީ، މިކަންކަން ކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ބަޔޮސްފިއަރ ރިޒާވް އޮފީހަށާ އަތޮޅު ކައުންސިލާ ރަށްރަށުގެ ކައުންސިލްތަކަށާ ރިސޯޓްތަކަށް ދެއްވާނެ ކަމަށެވެ. މިތަންތަން ޙިމާޔަތްކޮށް އަތޮޅުގެ ނަފާ އިތުރުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅީއްސުރެ ޙިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަން ބަލަހައްޓަމުން ގެންދަނީ ރަނގަޅަށް ކަމަށް ޔުނެސްކޯއިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ދަށުން ޙިމާޔަތްކޮށް ބަލަހައްޓަމުން އަންނަތަނަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ، ބ. އަތޮޅުގެ ފަތުރުވެރިކަމުގެ ޓްރޭޑްމާކެވެ.