ވިޔަފާރި

ފައިދާގެ ގޮތުގައި އެސްޓީއޯގެ ޙިއްޞާދާރުންނަށް ރެކޯޑް އަދަދެެއް!


ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރި ފައިދާއިން ޙިއްޞާއަކަށް 77 ރުފިޔާ ބެހުމަށް ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ނިންމައިފިއެވެ.

އެސްޓީއޯގެ އަަހަރީ އާއްމު ޖަލްސާގައި ޙިއްޞާއަކަށް 77 ރުފިޔާ ބަހަން ފާސްކުރިއިރު، މިއީ މިދިޔަ 10 އަހަރު ތެރޭގައި އެސްޓީއޯގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ޙިއްޞާއަކަށް 77 ރުފިޔާ ބަހަން ފާސްވީ 300 އަށްވުރެ ގިނަ ޙިއްޞާދާރުން ބައިވެރިވި ޖަލްސާގެ 99 ޕަސަންޓް ވޯޓުންނެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ބަހާފައިވަނީ ޙިއްޞާއަކަށް 65 ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 12 ރުފިޔާގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ޙިއްޞާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

ނިމުނު 2022 ވަނަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯގެ ކުއާރޓަލީ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު އަދަދެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.