ޚަބަރު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭ އިޞްލާޙު ކޮމިޓީން ފާސްކުރައްވައި ތަޅުމަށް


ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙު މުޅި މަޖިލިސް ކޮމެޓީން ފާސްކުރައްވައިފިއެވެ.

މި އިސްލާހު ކޮމެޓީން ފާސްކުރެއްވި އެވަގުތު ކޮމެޓީއަށް ޙާޟިރުވެވަޑައިގެން ތިއްބެވި 63 މެމްބަރުންގެ އިއްތިފާޤުންނެވެ.

މި އިޞްލާޙު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. ޖީހާން ހުށައަޅުއްވި އިޞްލާޙުގެ ބޭނުންމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަ އެހެން މީހެއްގެ އެހީތެރިކަމާކާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ.

މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

މި އިސޞްލާޙުގެ ބަހުސްގެ މަރުޙަލާއަށްފަހު ކޮމެޓީން ވަނީ ހުށަހެޅި އިސްލާޙުތަކާއެކު ބިލު ފާސްކުރައްވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުންނަށް ކޮމެޓީ ރިޕޯޓް ފޮނުއްވައި، މިފެށޭ ހަފްތާގެ ތެރޭގައި ބިލު މަޖިލިސް ތަޅުމަށް އެޖެންޑާ ކުރައްވާނެކަމަށެވެ.

މަޖިލީހުގެ ޤަވާޢިދުގައި އޮންނަ ގޮތުން ކޮމިޓީ ރިޕޯޓް ހުށަހަޅުއްވައި، ރިޕޯޓަށް ބަހުސް ކުރެއްވުމަށްފަހު ވޯޓަށް އެހޭނެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ.

ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހައިފައިކަމަށް އިޞްލާޙުގައި ވެއެވެ.