ޚަބަރު

ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް އާރުސީސީއަށް


ށ.ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަޔަކާއި ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާއެވެ.

300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކުރި މި މަސައްކަތަށް ޕީއެސްއައިޕީ ބަޖެޓުން 40.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. މި މަޝްރޫގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސް އެޅުމެވެ. އަދި އެ ރޯހައުސްގެ ކޮންމެ ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފަޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެއާއި ލޯންޑްރީީގެ އިތުރުން ސްޓޯ ރޫމެކެވެ.

މީގެ އިތުރުން ޢިމާރާތުގެ ވަށައިފާރާއި، ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތައް ހިތް ފަސޭހަ ކޮއްދިނުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. އަދި ކުޑަކުދިންނަށް ކުޅެވޭނެ ޕާކަކާއި، ވެހިކަލް ޕާކް ކުރާނެ ޕާކިންގ ޒޯނެއްވެސް މި ހައުސިންގ ޔުނިޓް ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ޙަވާލުކުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެނަޓްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ އާދަމް ރަޙީމެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.ކޮމަންޑޫގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ.

ކޮމަންޑޫގައި ހަތަރު ފަސް ކުދިން ހިމެނޭ ޢާއިލާތައް އެއްކޮޓަޓީގައި ދިރިއުޅެ އެގޮތުގައި އެތައް ޖީލެއް ވަނީ ބޮޑެތިވެފައެވެ. މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ފާހަގަކުރައްވައެވެ. މިކަންކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ކޮމަންޑޫއާއި، މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމަވާ އެކަން އެމްޓީސީސީއާއި ޙަވާލުކުރައްވާފައެވެ.

ސަރުކާރުން ގެންދަވަނީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހުރި ގިނަ ރަށްތަކުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދަވަމުންނެވެ.