ޚަބަރު

އަނގޮޅިތީމުގެ ފެނާއި ނަރުދަމާ ނިޒާމު ޖުލައިމަހަށް ނިންމަނީ


ރ. އަނގޮޅިތީމުގައި މެދުކެނޑިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމުކުރުމުގެ މަސައްކަތް އަލުން ފަށައި ޖުލައިމަހަށް ނިންމާލެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރާ ޙަވާލާދެއްވައި، އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އާބާދީގައި ގާތްގަނޑަށް 500 މީހުން ދިރިއުޅޭ އަނގޮޅިތީމުގައި މި މަސަކަތް ފެށީ 2021 ވަނަ އަހަރުއެވެ. ސަރުކާރުން މި މަސައްކަތް ޙަވާލުކުރައްވައިފައިވަނީ އަޒުރުވާ ކޮންސްޓްރަކްޝަނާއެވެ. އެ ކުންފުނިން މި މަސައްކަތް 2021 ވަނަ އަހަރު ފެށީ ސަބްކޮންޓްރެކްޓަށް އެހެން ކުންފުންޏަކަށް ދީގެންނެވެ.

އެހެންނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުދާތީ ކައުންސިލުން ޕްލޭނިންގް މިނިސްޓްރީގައި އެދިވަޑައިގެން މަސައްކަތް އަވަސްކުރުމަށް އަޒުރުވާ ކުންފުންޏަށް އަންގަވައިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ނިންމުމަށް އަޒުރުވާއަށް ދެއްވައިފައިވާ މުއްދަތު ހަމަވަނީ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށެވެ. އަޒުރުވާ ކުންފުނިން ބުނީ މި މަސައްކަތް ޖުލައިގެ ނިޔަލަށް ނިންމާލެވޭކަމުގެ އުންމީދު ބޮޑުކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، މިކަން އަވަސްކުރުމަށް އަޒުރުވާ ކުންފުންޏަށް ޕްލޭނިންގ މިނިސްޓްރީން އެންގުމުން ސަބްކޮންޓްރެކްޓަށް ދިން ކުންފުނީގެ ކިބައިން މަސައްކަތް ނަގައި، އަލުން މިހަފްތާ ތެރޭގައި ފެށުމަށް އެކުންފުނިން ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

"ކައުންސިލުން ފުރިހަމަ އެއްބާރުލުން އެބަދެން އެހެންނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށްނުދޭ. އެކަނބޮޑުވުން ކައުންސިލުން މިނިސްޓްރީއަށް ހުށައެޅިން އަދި އެކަން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީން މަސައްކަތްކުރަމުން އާދޭ. ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނަރުދަމާ މަސައްކަތް ނިމި އެ ޙިދުމަތް ލިބެން ފެށުން" ފައިސަލް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ މަސައްކަތުގެ ބޮޑުބައެއް މިރަށުގައި ވަނީ ނިންމައިފައެވެ. އެގޮތުން ފެނުގެ މައިހޮޅި އަޅައި ނިންމާފައިވާއިރު، ނަރުދަމާގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ނަރުދަމާ މައިހޮޅި އަޅައިފައިވާ ސަރަޙައްދުގެ ގެތަކަށް ކޮޅުތައް ވައްދާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގެ 81 ގެއަކަށާއި، އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކަށް މި ދެ ޚިދުމަތުގެ ކަނެކްޝަން ގުޅައިދޭނެއެވެ. އަދި މި މަސައްކަތުގެ ދަށުން އެރަށުގައި 7 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި ނަރުދަމާ ވިއުގައެއް ޤާއިމްކުރާނެއެވެ.

އާރުއޯ ޢިމާރާތުގެ މަސައްކަތައް ބަލާއިރު އެތެރޭގައި ކުރަންޖެހޭ ފިނިޝިން މަސައްކަތް ފިޔަވައި ހުރިހާކަމެއް ހުރީ ނިމިފައެވެ. އަދި ފެން ރައްކާކުރަން ބަހައްޓާ ތާނގީތައް ރާވާވެސް ވަނީ ނިމިފައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ ބުނީ ޕްލާންޓްތައް ރާއްޖެއަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި މިފެށޭ މަހުގެ ތެރޭގައި އެރަށަށް އެސާމާނު ގެންދާނެކަމަށެވެ.

މި ދެ މަސައްކަތުގެ ތެރެއިން ނުނިމިހުރި މަދު މަސައްކަތްތައް ނިންމާ ޚިދުމަތް ލިބެން ފެށުން ވާނީ ރަށަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް އަނގޮޅިތީމު ކައުންސިލުން ވިދާޅުވެއެވެ. ވަކިން ޚާއްޞަކޮށް ނަރުދަމާގެ ޚިދުމަތް ލިބެން ފެށުމަކީ އެރަށު މީހުން ކުރާ އެންމެ ބޮޑު އުންމީދެވެ.