މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ބުރުގެ އެއްވަނަ ނިއުރޭޑިއަންޓަށް ލިބިއްޖެއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ މާޒިޔާއާ ނިއުރޭޑިއަންޓްގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.
އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗަށް މި ދެ ޓީމު ނިކުތްއިރުވެސް ވަނީ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ. މި މެޗާއެކު ދެ ޓީމަށްވެސް ވަނީ ލީގު ބުރުގައި ހަތް ޕޮއިންޓް ލިބިފައެވެ. ނިއުރޭޑިއަންޓަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
މި މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް ލީޑު ނަގައިދޭން އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މާޒިޔާގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފާސިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނިޓްގައި ވެސް ނިއުރޭޑިއަންޓަށް ލީޑު ނަގައިދޭން ފާސިރަށް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ނިއުރޭޑިއަންޓްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ބެންޖެމެން ތޯމަސް ކުކޫ އަށް ވަނީ ކައިރިކައިރީގައި ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ 63 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިއީ ނާސިހު އަހުމަދު ޝިހާމް ނަގައިދިން ހުރަހަކުން ޗަބެލް ގޮމޭޒް ކާމިޔާބުކޮށްދިން ގޯލެކެވެ.
މި ލަނޑާއެކު ނިއުރޭޑިއަންޓުން ކުރިއަށް ޖެހި މާޒިޔާގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 72 ވަނަ މިނިޓްގައި ނިއުރޭޑިއަންޓުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ އީތަން އިބްރާހީމް ޒަކީ ދިން ޕާހަކުން ބަދަލަކަށް ކުޅެންއެރި އަހުމަދު ހުސާމް ކާމިޔާބުކޮށްދިން ގޯލެކެވެ.
މި މުބާރާތުގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ. މި ފަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. އެ މެޗު ޕެނަލްޓީގައި ކުރިހޯދައިގެން ކާމިޔާބުކުރީ މާޒިޔާއެވެ.