އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ އިތުރު ދައުރަކަށް އެކޮމިޝަންގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުންދާ ޢަލީ ނަޝާތު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި ނަޝާތުގެ ދައުރު ހަމަވާތީ ކޮމިޝަނަށް މެންބަރަކު ކުރިމަތިލުމަށް ފުރުޞަތު ހުޅުއްވައިލައްވައި ކުރެއްވި އިއުލާނަށް އިޖާބަދިން ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެ ނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަންފުޅަކީ ކޮމިޝަންގެ މިހާރުވެސް މެމްބަރު ޢަލީ ނަޝާތުގެ ނަންފުޅެވެ. 
ޢަލީ ނަޝާތު ގެންދަވަނީ 2018 ވަނަ އަހަރުން ފެށިގެން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވަމުންނެވެ. 
ނަޝާތުގެ ނަންފުޅު ދިރާސާ ކުރެއްވުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުއްވައިފައެވެ. 
އިލެކްޝަންސް ކޮމިޝަނަށް ޢައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ ބޭފުޅުންނެވެ.