ތަރައްްޤީ

ތިނަދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި، އާރްޑީސީގެ އަމާޒަކީ ދޮޅުމަހުން ނިންމާލުން


ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.

ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީގެ އިތުރުން ތިނަދޫ ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތިނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު ވިދާޅުވީ، މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔަ ފަހުން މިއަދާ ހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ނިމިފައިވާކަމަށެވެ.

އެގޮތުން އީ.އައި.އޭ އާއި ޓޮޕޮގްރަފިކް އަދި ޔޫޓިލިޓީ ސަރވޭއާއި، ޖިއޯ ޓެކްނިކަލް އަދި ހައިޑްރޯލޮޖިކަލް ސަރވޭއާ ގުޅޭ އެންމެހާ މަސައްކަތްތައް ނިންމުމުގެ އިތުރުން މުޅި މަޝްރޫޢުގެ ސަރވޭ އަދި ޑިޒައިނިންގެ މަސައްކަތްތައްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަގުތަކުގައި ކާރބް ސްޓޯން ޖެހުމުގެ %90 ނިންމާ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ތައްޔާރުކޮށް، ކޭބަލް ޖަންކްޝަންތަކާއި ޕައިޕްލައިންތައް އެޅުމުގެ މަސައްކަތުގެ %95 ނިމިފައިވާކަން މޫސާ ޢަލީ މަނިކު ފާހަގަކުރެއްވިއެވެ.

މޫސާ ޢަލީ މަނިކު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް މަހެއް ނުވަތަ ދޮޅުމަހެއްތެރޭގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް ނިންމާ އާއްމުންނަށް މަގުތައް ހުޅުވާލުންކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ މަގުތަކަކީ، ފެންވަރު ރަނގަޅު އެންމެ ޒަމާނީގޮތަށް ތަރައްޤީކުރެވިގެން ދާނެ މަގުތަކެއްކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

"މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުނުފަހުން ވޭރިއޭޝަންގެ ގޮތުގައި އިތުރު 554 މީޓަރު މިނިސްޓްރީގެ ފަރާތުން އެޕްރޫވްކޮށް މަޝްރޫއަށް އިތުރުކޮށްފައިވާކަން ވެސް މި ނޭވާގައި ފާހަގަކުރަން. އަޅުގަނޑުމެންގެ އަމާޒަކީ މިއަދު މިފެށޭ ތާރު އެޅުމުގެ އެންމެހާ މަސައްކަތް އެއްމަސް ނުވަތަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާ މަގުތައް ބޭނުންކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލެވޭ ވަރަށް މަސައްކަތްކުރިޔަށް ގެންދިއުން" މޫސާ ޢަލީ މަނިކު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ ޢަލީ މަނިކު ވިދާޅުވީ، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ޤާބިލް ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުންދިނުމުގެ ގޮތުން އެކުންފުނިންވެސް އެމަގަށް އަމާޒު ހިފައިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އާރު.ޑީ.ސީން ހިންގާ ހުރިހާ މަޝްރޫއެއްގައިވެސް އެ މަސައްކަތެއް ނުވަތަ މަޝްރޫޢެއް ކުރިއަށްދާ ސިޓީގެ ނުވަތަ ރަށުގެ ނުވަތަ ސަރަޙައްދުގެ ރައްޔިތުންނަށް އިސްކަންދީގެން މަސައްކަތައް މީހުން ނަގަމުންދާކަމަށެވެ.

ތިނަދޫގައި މި ހިނގާ މަޝްރޫޢުގެ ތެރެއިންވެސް ގާތްގަނޑަކަށް 55 ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަސައްކަތްކޮށް ޢާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ގާތްގަނޑަކަށް 55 ރައްޔިތަކަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާކަން އުފަލާއެކު ފާހަގަކުރަން. މިއީ 55 އާއިލާއަށް އަމިއްލަ ވަޒަނުގައި ތިބެ އާމްދަނީ ހޯދުމަށް ހުޅުވާލެވުނު ދޮރެއް. އަދި އޭގެ ސަބަބުން ރަށުގެ އިޤްތިސާދުގައި އަހަރު އެތައް މިލިޔަން ރުފިޔާއެއް ދަޢުރުވުމަށް މެދުވެރިވެގެން ދިޔަ ކަމެއް" މޫސާ ޢަލީ މަނިކު ވިދާޅުވިއެވެ.

ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކުރެއްވީ، 8 އޭޕްރީލް 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 14 މަގެއް ހިމެނޭހެން މުޅި ޖުމްލަ 6557.82 މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.

މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކުރިފަހުން، މަޝްރޫޢުގެ ސްކޯޕަށް ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. އެގޮތުން ކުރިން ހަދަންފަށާފައި ނުނިމިހުރި 5 މަގެއްގެ، ޖުމްލަ 594 މީޓަރުގެ މަސައްކަތް ކުރުމާއި، މަޝްރޫޢުގައި ހިމެނޭ މަގުތަކާއި، އެހެނިހެން މަގުތަކުގައިވެސް މަގުބައްތި ޖެހުމާއި، ހައުސިންގ ޔުނިޓް އޭރިއާގެ ފްލަޑިންގ ރެކްޓިފިކޭޝަން މަސައްކަތް ކުރުން ހިމެނެއެވެ.

މަޝްރޫޢަށް އިތުރުކުރި މަސައްކަތްތަކާއެކު މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވާ މުއްދަތު މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ސަރުކާރުން ވަނީ އިތުރުކޮށްދެއްވާފައެވެ.