 
										
			އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ގަލްފުގެ އަރަބި ގައުމުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސަޢޫދީ އަރަބިއްޔާގެ ރިޔާޒް އިން ފުރާވަޑައިގެންފިއެވެ. 
 
މިދަތުރުފުޅުގައި ކެރީ ވަނީ ސަޢޫދީ ގެ އިތުރުން ގަތަރު، ބަހްރައިން، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ކުވައިތު އަދި އޮމާނަށް ވަޑައިގެން އެގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
 
މި ބައްދަލުކުރެއްވުންތަކުގައި ގަލްފުގެ އަރަބި ލީޑަރުންނާ ކެރީ ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އެމެރިކާ އީރާނާ ގާތްވުމުގެ ސަބަބުން އެގައުމުތައް ކަންބޮޑުވާ މައްސަލައާއި ސޫރިޔާގެ މައްސަލައާ ބެހޭގޮތުންނެވެ.
 
ކެރީވަނީ އީރާނާއި އެމެރިކާ ގާތްވިނަމަވެސް ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާއާ ދެމެދުގައިވާ ޚާއްސަ ގުޅުންތައް ދަމަހައްޓާނެކަމުގެ ޔަގީންކަން އެގައުމުތަކުގެ ލީޑަރުންނަށް ދެއްވާފައެވެ. ސައޫދީން ފުރާވަޑައިގެން ކެރީ ދެން ވަޑައިގަންނަވާނީ ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކަށް ކަމަށް ޚަބަރުލިބެއެވެ.