 
										
			އިސްރާއިލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އީ-ވަން ކިޔާ ސަރަހައްދުގައި
ދިރިއުޅެމުން އައި އެތައް ބަޔަކު މަގުމަތިކޮށް އެތައް ގެއެއް އިސްރާއިލުން ތަޅާ
ނައްތާލައިފިއެވެ. 
 
އިސްރާއިލްގެ ރަހުމެއް ނެތް މިއަމަލުގެ ސަބަބުން މަދުވެގެން ސަތާރަ ވަރަކަށް
މީހުން ގެދޮރު ނެތި މަގުމަތިވެފައިވާކަމަށް ޙަބަރުލިބެއެވެ. މީގެ ތެރޭގައި
ކުޑަކުދިންވެސް ހިމެނެއެވެ. 
 
އެހިސާބުގެ ކަމާބެހޭ އިސް މީހަކު މައުލޫމާތު ދިންގޮތުގައި ޖަބަލް އަލް ބާބާ
ކޮމިޔުނިޓީގައިވާ ހަތަރު ގެއެއްގައި ދިރި އުޅެމުން އައި މީހުން އިސްރާއިލް
ސިފައިން އައިސް ގަދަކަމުން ނެރުމަށްފަހު ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެ ހަތަރުގެ
ބިމާ ހަމަކޮށްލާފައިވެއެވެ. މި ގެތަކަކީ ހިފާފައިވާ އިރުމަތީ ޖެރޫސަލަމް ގެ ރަށްބޭރުގައި
ހުރިގެތަކެކެވެ. އަދި އިސްރާއިލް ސިފައިންގެ ރަހުމެއްނެތް މިއަމަލް ހިންގާފައިވަނީ
ފަތިހު ހަތަރެއް ޖެހިއިރު ކަމަށް މައުލޫމާތުދިން ފަރާތުން ބުނެފައިވެއެވެ. 
 
މިއަމަލު ރިޕޯޓްކުރާނެ ނޫސްވެރިންވެސް އެވަގުތު ނެތުމުން އިސްރާއިލް ސިފައިންގެ
އަނިޔާވެރިކަން އިތުރަށް މައްޗަށް ޖައްސާފައިވާކަމަށް މަޢުލޫމާތުލިބެއެވެ. 
 
ގެތައް ތަޅާލި ޖަބަލް އަލްބާބާ އަކީ ހުޅަނގު އައްސޭރީގެ މިހިސާބުގައި
ގާއިމްވެފައިވާ ފަލަސްތީންގެ ވިއްސަކަށް އަވަށުގެ ތެރެއިން އެއް އަވަށެވެ.
މިއަވަށުގައި ތިންސަތޭކައެއްހާ މީހުން ދިރިއުޅެއެވެ. އަދި ޖެހިގެން އޮންނަ އަބޫ
ނުވަރު ކިޔާ އަވަށުގައި ހަތް ސަތޭކައެއްހާ ފަލަސްތީން ރައްޔިތުން ދިރިއުޅެއެވެ.
އިސްރާއިލުން މިހާރު މަސައްކަތް ފަށާފައިވަނީ މިއެންމެން ގެދޮރުން ބޭރުކޮށް ފައްސާލުމަށްފަހު
އެސަރަހައްދުގައިވެސް ޔަހޫދީންނަށް އެކަނި ޚާއްސަކޮށްގެން ވެއްޓެއް ގާއިމް ކުރުމަށެވެ.
މިހެން ހަދަނީ ހުޅަނގު އައްސޭރިވެސް ދެބައިކޮށް ފަލަސްތީނުގެ އަމިއްލަ ސްޓޭޓެއް ޤާއިމްކުރުމަށް
ހުރަސް އެޅުމުގެ ގޮތުންނެވެ.