ޚަބަރު

ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު


ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާއާއި މެލޭޝިޔާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏަކާއެވެ. މިމަޝްރޫޢުގެ ދަށުން 6 ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރުވޭނެއެވެ.

މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރއާއި ހަވާލު ކުރި މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ. މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގް ގޯއެވެ.

މި މަޝްރޫއިން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާރޗޭސިން އެގްރީމެންޓްގައި މި ދެކުންފުނިން ސޮއިކުރިއިރު، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ. މީގެ އިތުރުން މަޝްރޫޢުގެ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ފެނަކަ ކޯޕަރޭޝަން އަދި އެންވައިރޮމެންޓް މިނިސްޓްރީ ދެމެދުވެސް ވަނީ ސޮއިކުރެރިވިފައެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިދައުރު ނިމޭއިރު 555 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރެވޭނެކަމަށެވެ. އަދި މިއީ ސަރުކާރަށް ބޮޑުތަނުން ޙަރަދުތައް ސަލާމަތްވާނެ މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަދި މިދައުރު ނިމޭއިރު ޖުމްލަ 55.5 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވިފައި ހުންނާނެ. އޭގެ މާނައަކީ ދައުލަތުން ތެލަށް ހޭދަ ކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް މަދުކުރެވޭނެ" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމަށް 6 ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ބޭޓަރީ ސިސްޓަމް ޤާއިމުކުރެވޭނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރަނީ:

1. އައްޑޫސިޓީ - 3 މެގަވޯޓް
2. ފުވައްމުލަކުސިޓީ - 2 މެގަވޯޓު
3. ގދ. ތިނަދޫ - 2 މެގަވޯޓު
4. ކުޅުދުއްފުށި ސިޓީ - 1.5 މެގަވޯޓު
5. ބ. އޭދަފުށި - 1.5 މެގަވޯޓު
6. ޅ. ހިންނަވަރު - 1 މެގަވޯޓު

އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރެނިއުބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މިމަޝްރޫޢުއަށް 34 ކުންފުންޏަކު ޕްރީކޮލިފިކޭޝަން ހުށަހެޅިއިރު، ބީލަން ހުށަހެޅީ 4 ކުންފުންޏަކުންނެވެ. މިމަޝްރޫޢަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެއްބަސްވުމަކަށް އައިސްފައިވަނީ ސަރުކާރަށް ކަރަންޓު ވިއްކުމަށް އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏާއެކުއެވެ. އެގޮތުން ހެދުނުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހުށަހެޅީ އުފައްދާ ކޮންމެ ކަރަންޓް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ.

އެންވައިރޮމެންޓް މިނިސްޓްރީން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ސޯލަރ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެންމެ ހެޔޮ އަގުކަމަށެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 އިންސައްތައަށް ވުރެ ދަށް އަގެއްކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފުރަތަމަ ކުއާޓަރގައި ފެށި އަހަރުގެ ފަހުކޮޅުގައި ޙިދުމަތްދޭން ފެށޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިމަޝްރޫޢުގެ ސަބަބުން ތެލަށް ކުރާ ޙަރަދާއި އަދި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރެވޭ މިންވަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަޝްރޫޢުގެ 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ. އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެއެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12694 މެޓްރިކްޓަނުގެ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެސްޕަޔަރ މަޝްރޫޢޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީގެ ނިޒާމާއި ބެޓަރީ އެނރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ އިއުލާނުކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.