ކޯވިޑް-19

ކޯވިޑްގެ ތަފާސް ހިސާބު ހަފްތާއަކު އެއްފަހަރު ހާމަކުރާގޮތަށް ހަމަޖައްސައިފި


ކޯވިޑް-19ގެ ރާއްޖޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ހަފްތާއަކު އެއްފަހަރު ހާމަކުރާ ގޮތަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން އެޗް.ޕީ.އޭއިން ދިޔައީ ކޮންމެ ރެޔަކުވެސް އެންމެފަހުގެ ތަފާސް ހިސާބުތައް އާއްމުކުރަމުންނެވެ. އެގޮތުން 24 ގަޑިއިރުތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލާއި ސާމްޕަލް ނެގުނު ޢަދަދާއި، ކޯވިޑުން ރަނގަޅުވި އަދާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުފަދަ ތަފްސީލީ މައުލޫމާތުތައް ކޮންމެ ރެޔަކުވެސް އެޗްއީއޯސީން ދިޔައީ ހާމަކުރަމުންނެވެ.

އެޗް.އީ.އޯ.ސީން ވިދާޅުވީ، ކޯވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު މީގެފަހުން ހާމަކުރާނީ ހަފްތާއަކު އެއްފަހަރުކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތިދުވަހުގެ ރޭ، އެ ހަފްތާއެއްގައި މާލޭ ސަރަޙައްދާއި، އަތޮޅުތަކުގައި ކޯވިޑް ޕޮޒިޓިވިޓީ ރޭޓް ހުރި މިންވަރު ހާމަކުރާނެކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

އެޗް.އީ.އޯ.ސީން ވިދާޅުވީ މިގޮތަށް ނިންމީ ކޮންމެ ރެއަކުވެސް، ކޮންމެ ދުވަހެއްގެ ކޯވިޑް ޑޭޓާ އާއްމުކުރާއިރު، ބަލި ޖެހުނު މީހާ ނިސްބަތްވާ ތަން ސާފުނުވާ ބައެއް ކޭސްތައް ހިމެނޭތީ، އޭގެ ސަބަބުން ޕޮޒިޓިވް ރޭޓްގެ އަންދާޒާތަކަށް އަސަރުކުރާތީކަމަށެވެ. އަދި ކޮންމެ ހަފްތާއަކު އާއްމުކުރާ ޑޭޓާ މިހާރަށްވުރެ ޞައްޙަވެ، ޙާލަތު މިހާރަށްވުރެ ރަނގަޅަށް ދައްކުވައިދޭނެކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ.

މީގެފަހުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ހާމަކުރާ އެ ހަފުތާގެ މައުލޫމާތަކީ އޭގެ ކުރީ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އެއްކުރާ މައުލޫމާތުކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.