ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި


"އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް" އައި.އޯ.އެން.އެސް 2016 ގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ. މިމަހުގެ 11 އިން 13 އަށް ބަންގްލަދޭޝްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަހާސިންތާއަކީ އިންޑިއާ ކަނޑުގައި ހިމެނޭ ޤައުމުތަކުގެ، ކަނޑުގެ ސިފައިން ޝާމިލުވާގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މިއަހަރު ބާއްވާ މަހާސިންތާގައި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްޞަ ގޮތެއްގައި މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގައި މެންބަރު ޤައުމުތަކުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭގޮތުން 22 ޤައުމެއް ބައިވެރިވާނެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަތަރު ޤައުމެއް ބައިވެރިވާނެއެވެ.ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ.