ސިއްހަތު

ކޯވިޑް ފެތުރޭ ރަށްރަށުން، ވެކްސިން ފުރިހަމަނުކުރާ މީހުން ދަތުކުރަންޖެހޭނީ ޓެސްޓްކޮށްގެން


ކޯވިޑް-19 ފެތުރެމުންދާ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުން ކޯވިޑް-19އަށް ޓެސްޓްކުރަންޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ނިންމަވައިފިއެވެ.

އެޗް.ޕީ.އޭއިން މިގޮތަށް ނިންމަވާފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތްތައް ކަނޑައަޅާ އަލަށް ނެރުނު އުޞޫލުގައެވެ.

މިފަދަ އުޞޫލެއް ކަނޑައެޅުމުގެ ބޭނުމަކީ ކޯވިޑް-19 ބަލިފެތުރުމުގެ ޙާލަތު ކަނޑައެޅުމާއި، ބަލި ފެތުރުމުގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައާއި، ރިސޯޓުތަކުގައާއި، އިންޑަސްޓްރިއަލް ރަށްރަށުގައާއި، ހަދަމުންދާ ރިސޯޓްފަދަ ތަންތަނުގައި އަމަލުކުރަންވީގޮތާއި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުންކަމަށް (އެޗް.ޕީ.އޭ)އިން ވިދާޅުވެއެވެ.

މި އުޞޫލުގައިވާގޮތުން ރަށެއްގައި ބަލިފެތުރުމުގެ ޙާލަތު އޮތްކަން ކަނޑައަޅާނީ ކަނޑައެޅިފައިވާގޮތުގެ މަތިން ބަލި ދެެނެގަތުމަށް ޓެސްޓުކުރުމާއި، ބަލިއުޅޭކަން ދެނެގަތުމަށް ކުރެވޭ ސަރވެއިލަންސްގެ މައުލޫމާތުގެ މައްޗަށް ބަލައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިންނެވެ. ނުވަތަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އެ ރަށެއްގައި ހުންނަ ހޮސްޕިޓަލުން ނުވަތަ ޞިއްޙީ މަރުކަޒުންނެވެ. ސަރވެއިލެންސް ގައިޑްލައިނާއި އެއްގޮތަށް ކޮންމެ ރަށެއްގައިވެސް ޓެސްޓް ކުރުމާއެކު ދުވަހުން ދުވަހަށް ބަލީގެ ހާލަތު ބަލަހައްޓާ، ޑޭޓާ އަޕްޑޭޓް ކުރަމުން ގެންދަންޖެހޭނެއެވެ.

ކޯވިޑް ފެތުރޭ ޙާލަތު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން:

  • ބަލިޖެހިފައިވާ މީހަކާ ގުޅުމެއްނެތް ކޯވިޑްގެ ކޭސްއެއް / ކޭސްތަކެއް ޓެސްޓުގެ ނަތީޖާއަކުން ފެނުން
  • ބަލީގެ އަލާމާތްތައް ހުރެގެން ޓެސްކުރުމުން ކޯވިޑްގެ ކޭސްއެއް / ކޭސްތަކެއް ޓެސްޓުގެ ނަތީޖާއަކުން ފެނުން
  • ޞިއްޙީ ފަރުވާކުރުމުގެ ތެރެއިން ޓެސްޓުކޮށްގެން ކޯވިޑްގެ ކޭސްއެއް / ކޭސްތަކެއް ފެނުން
  • ބަލި އިތުރަށް ދެނެގަތުމަށް އެކްޓިވް ސަރވެލަންސްގެ ދަށުން ކުރެވޭ ޓެސްޓުތަކުން ކޭސްތައް ފެނުން

މި އުޞޫލުގައި ކޯވިޑް-19 ފެތުރެމުންދާ ރަށެއްގައި ޙާލަތު ދެނެގަތުމާއި، ބަލި ދެނެގަތުމަށް ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވެއެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައިނަމަ، ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ މީހުން ޓޭސްޓުކުރަންޖެހޭނެއެވެ. ބަލީގެ އަލާމަތްތައް ހުންނަ ފަރާތްތަކަށް އެންޓިޖަން ނުވަތަ ޕީ.ސީ.އާރް ޓެސްޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ފުރާ މީހުންގެ ތެރެއިން ކޯވިޑް ވެކްސިން ފުރިހަމަ ނުވާ ފަރާތްތައް ކޯވިޑަށް ޓެސްޓްކުރަންޖެހޭނެއެވެ. ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހާގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ ނުރައްކާތެރިކަން ބޮޑު މީހުންގެ އިނީޝަލް ސާމްޕަލްވެސް ޓެސްޓުކުރަންޖެހޭނެއެވެ.

މި އުޞޫލުގައިވާގޮތުން އެރަށެއްގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށް ކަނޑައަޅާނީ ފާއިތުވި އެއް ހަފްތާގެ މުއްދަތުގައި ހެދޭ ކޯވިޑް-19ގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ %20އަށްވުރެ ދަށްވުމުންނެވެ.

އަލަށް އެކުލަވާލި އުޞޫލުގައި މީހުން ދިރިއުޅޭ ރަށްރަށުގައާއި، ރިސޯޓްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށް އަދި ހަދަމުންދާ ރިސޯޓުތަކުގައިވެސް ކޯވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމުގައި ޢަމަލުކުރަންޖެހޭ ކަންކަން ތަފްޞީލުކޮށްދީފައިވެއެވެ. އެގޮތުން ބަލި ފެތުރޭ ރަށްރަށުގައި ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އިޖްތިމާއީ ހަރަކާތްތައް ރާވާ ހިންގުމުގައާއި، އާއްމު ޚިދުމަތްތަކާއި، ފިހާރަތަކާއި ކެފޭ ރެސްޓްރޯރެންޓް ފަދަ ތަންތަނުން ޚިދުމަތްދޭއިރު، ބަލި ފެތުރުމުން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތައް ތަންފީޒުކުރަންޖެހޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމުގެ މިންގަނޑުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި އެހެނިހެން ފަންނީ މުއައްސަސާތަކުން އަޕްޑޭޓްކުރަމުންދާ ސައިންޓިފިކް ހެއްކާއި، ފަންނީ ލަފައިގެ މައްޗަށް ބަލައި މި އުޞޫލުގައިވާ ކަންކަމަށް ބަދަލުގެނެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.