ޚަބަރު

ޗައިނާގެ އިސް ވަފްދެއް ރާއްޖެ ވަޑައިގެންފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސްގެ ޚާއްސަ ވަފްދެއް ރާއްޖެއަށް ވަޑައިގެންފިއެވެ. ޗައިނާ ސަރުކާރުގެ މިވަފްދުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ޗައިނާގެ ވައިސް ކޮމާސް މިނިސްޓަރ ގައު ޔަންގއެވެ. މި ވަފްދަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. ހައުސިންގ މިނިސްޓަރ ވަނީ މިވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކުރައްވާ، ބްރިޖްގެ މަޝްރޫޢާއި ގުޅިގެން މިހާރުވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. (ބްރިޖްގެ ފައިނަލް ޑިޒައިން ދައްކުވައިދޭ މަންޒަރެއް / ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ)މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު ރާއްޖެ ވަޑައިގެން ޗައިނާގެ ވަފްދަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާއްވަވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ ރައީސް ފޮނުއްވެވި ޚާއްސަ މަންދޫބުންތަކެއް ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި މި ވަފްދުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ބޭފުޅާ ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ ބްރިޖްގެ މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭނެ ކަމެއްކަމަށާއި، ބްރިޖްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާއްވަވާ ޚާއްސަ ރަސްމިއްޔާތުގައި ބްރިޖްގެ ޢަމަލީ މަސައްކަތްތައްވެސް ފެއްޓިގެންދާނެކަމަށެވެ.މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބްރިޖްގެ އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ކުންފުނި ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނީގެ ރައީސްއާއި، އެކުންފުނީގެ އިސްބޭފުޅުންވެސް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، ކަނޑުއަޑީގެ ޙާލަތު މޮނިޓަރކުރާ ސެންސަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، ބްރިޖުގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ހާބަރ އިންޖިނިއަރިންގ ކުންފުންޏާއި ހައުސިންގ މިނިސްޓްރީ އާއި  އެމް.އެން.ޑީ.އެފުން ގުޅިގެންނެވެ. މީގެ އިތުރުން، ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ކަނޑުއަޑީގައި ނަގަންޖެހޭ މިންތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދެއެވެ. ބްރިޖުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައިވަނީ، މާދަމާރޭ ދަރުބާރުގޭގައެވެ.