ޚަބަރު

އަޑުގެ އަހަރީދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް


ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ޢާއިލީ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު 4 ކުން ފެށިގެން 6 އަކަށް ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ބިލްޑިންގެ ގޯތިތެރޭގައެވެ. ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ގަޔާވާ ކަހަލަ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރުގެ ތެރެއިން ކުޑަކުދިންގެ އެކި ކަހަލަ ހުނަރުތައް ދައްކާލެވޭނެފަދަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާއިރު، އަޑުގެ މަސައްކަތްތައް އާއްމުންނަށް ފެންނާނެފަދަ ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ.މި ހަވީރާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރ ޕްރޮޑިއުސަރ، މަރިޔަމް އާތިފާ އަދްނާން ވިދާޅުވީ، އަޑުގެ ފަރާތުން މިފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ، ކުޑަކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުންކަމަށެވެ. އަދި އަޑުގެ ވަރަށް ގިނަ ޕްރޮގްރާމްތަކަކީ ތުއްތުކުދިން ބައިވެރިވާ ޕްރޮގްރާމްތަކަކަށްވެފައި، އެކުދިންނަށް އަޑުގެ މަސައްކަތްތައް ކުރިއަށްދާގޮތް އަންގައިދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އަޑުގެ އަހަރީދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އާތިފާ ވިދާޅުވީ، އަހަރީ ދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ. އަދި އަހަރީ ދުވަހު އަޑުން ގެނެސްދޭ ހުރިހާ ޕްރޮގްރާމްތަކެއްވެސް ޚާއްސަ ކުރެވިފައިވާނީ އަހަރީ ދުވަހާއި ގުޅުވާލައިގެންކަމަށެވެ. މީގެ އިތުރުން މިފަހަރުގެ އަހަރީ ދުވަހު ޙާއްސަ ކަމެއް ފެނިގެންދާނެކަން އާތިފާ ފާހަގަކުރިއެވެ. އެގޮތުން އަހަރީ ދުވަހު އަތޮޅުތަކުގެ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދާނެކަމަށް އާތިފާ ބުންޏެވެ. މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކުން ބައިވެރިވެފައިވާއިރު، މި ހަވީރުން ގިނަ ކަންތައްތަކެއް ދަސްވިކަން ޕީ.އެސް.އެމްއާއި ވާހަކަދައްކާލި ބައެއް ކުދިން ބުންޏެވެ. ދިވެހިރާއްޖޭގެ އަޑުގެ އަހާރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަވީރުގައި އަޑުގެ އިތުރުން ސަރުކާރުގެ ބައެއް މުހިއްމު މުއައްސަސާތަކުންނާއި، ސްކައުޓުން ވަނީ ބައިވެރިވެފައި. އެގޮތުން ފުލުހުންނާއި، ސިފައިން، އަދި މީރާ ފަދަ މުއައްސަސާތަކުން މިއަދުގެ ހަވީރުގައި ވަނީ ބައިވެރިވެފައެވެ. ދިވެހިރާއްޖޭގެ އަޑުގެ ޙިދުމަތް އާއްމުންނަށް އެންމެ ފުރަތަމަ ލިބެންފެށީ 29 ޑިސެމްބަރު 1962 ގައެވެ.