 
										
			ސައުދީ ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ ޚަރަދު ސަޢުދީ ސަރުކާރުން އަނބުރާ ދެއްވާނެކަމުގެ ފުރިހަމަ ޔަގީކަން އެބައޮތްކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ. 
ކިންގ ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ.
ސަޢުދީ ސަރުކާރުގެ އެހީގައި ޢިމާރާތްކުރަމުން އަންނަ މިސްކިތް ޢިމާރާތްކޮށް ނިމި އެތައް ދުވަހެއް ވޭތުވެގެންދާއިރުވެސް މިސްކިތް ރަސްމީކޮށް ބޭނުންކުރަން އަދި ފަށާފައެއް ނުވެއެވެ. މިސްކިތް ނުނިމި މަސައްކަތް ދިގުލައިގެން ދިޔުމުގެ ކަންބޮޑުވުމާއެކު މިހާރުވަނީ އިތުރު ކަންބޮޑުވުމެއް ކުރިމަތިވެފައެވެ. 
ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިސްކިތް ބިނާކުރަންފެށިނަމަވެސް މިސްކިތަށް ކުރާ ހޭދައިގެ ބޮޑުބައެއް ކުރަމުންދަނީ ދިވެހި ދައުލަތުގެ ބަޖެޓުންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން މިހާރު ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ވަނީ ކިންގް ސަލްމާން މިސްކިތަށް ދައުލަތުގެ ބަޖެޓުން 80 އިންސައްތަ ޚަރަދުކުރަމުންދާކަމަށް ބުނެ އެކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި ސުވާލުކުރައްވާފައެވެ. 
		
 
										
			ދާންދޫ ދާއިރާގެ މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ކިންގ ސަލްމާން މިސްކިތުގެ މަސައްކަތަކީ ސީދާ ސަޢުދީ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް މަޝްރޫޢުގެ ބައެއް ޚަރަދުތައް ދިވެހި ސަރުކާރުން ކުރަމުން އަންނަކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެފައިސާ ސައުދީ ސަރުކާރުން އަނބުރާދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ސައުދީ ސަރުކާރާ ދެމެދު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
"މިހާތަނަށް ކުރި ޚަރަދުގެ ބޮޑުބައެއް ދައުލަތުގެ ބަޖެޓުން ހިނގާފަވޭ. އެހެންނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން ސަޢުދީ ސަރުކާރުގެ ނިޔަތް އެބައޮތްކަން، އަދި ދެއްވާނެކަން އެލާރި ރީއިމްބަރސްކޮށްދެއްވާނެކަން. ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުން ސަޢުދީ ސަރުކާރާއެކު އެމަޝްވަރާތައް ކުރިއަށް އެބަގެންދޭ. އަދި ސައުދީ ސަރުކާރުން އެޚަރަދުކުރައްވާނެކަން ހަމަޔަގީން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. 
ސަޢުދީ ސަރުކާރާއި ގުޅިގެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އޭގެކުރިންވެސް މިސްކިތް ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދެއްވިނަމަވެސް އެކި ސަބަބުތަކާއި ހުރެެގެން ފަސްކުރަންޖެހިފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަހަރުގެ އޯގަސްޓްމަހު ސަޢުދީ ސަރުކާރުގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރައްކުރައްވާފައެވެ.