ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް ބުރުގެ ކިޔެވުން އަންނަމަހު ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ ސެމީފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަމަހުގެ 14 އިން 17 އަށެވެ. މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އަންނަމަހު 16 އިން 17 އަށެވެ.
ޤައުމީ ފެންވަރުގައި ބާއްވާ މި މުބާރާތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައިވެރިން ވާދަކުރާ އަދި ދިވެހިންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން އިސްކަންދީގެން ބާއްވަމުން އަންނަ ވަރަށް މުހިންމު މުބާރާތެކެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ މުބާރާތުގައި ވަނީ އޮޑިޝަން ބުރުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލޭގެ އިތުރުން 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ.
މި މުބާރާތުގެ އޮޑިޝަން ބުރުގައި 3،050 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ، 2742 ކުދިންނެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކީީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފައިވާ ބައިވެރިން ކިޔަވާ ތަރުތީބު ލިސްޓު މިހާރު ޕޯޓަލްގައި އާންމު ކޮށްފައިވާ ކަމަށެވެ.
މި މުބާރާތުގެ އުޞޫލުގައިވާގޮތުން ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން %85އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު އަދި ސެމީ ފައިނަލް ބުރު ކުރިއަށް ގެންދާނީ، މާލޭގައި ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގެ 4 ވަނަ ފަންގިފިލާއާއި 5 ވަނަ ފަންގިފިލާގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ.
ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި، ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އަންނަ ފަރާތްތައް ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ، ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށްށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލުކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.