ވިޔަފާރި

އަހަރެއް ފަހުން، ކެނެރީފް ރިސޯޓު ހުޅުވަނީ!


އައްޑޫ ހެރެތެރޭގައި ހިންގަމުންދިޔަ ކެނެރީފް އައިލެންޑް ރިސޯޓު އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ހުޅުވާނެ ކަމަށް އެރިސޯޓުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލާއެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކެނެރީފް ރިސޯޓުން ބުނެފައިވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅަށް ރިސޯޓު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެކަމަށްޓަކައި ކުރަމުންދަނީ އެތަމުގެ ކުދިކުދި މަރާމާތުގެ މަސައްކަތް ކަމަށްވެސް އެ ރިސޯޓުން ވަނީ ބުނެފައެވެ.

އައްޑޫސިޓީ މޭޔަރާއި ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރިސޯޓު ހުޅުވުމަށް މިހާރު ހުރި ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ރިސޯޓު އަލުންހުޅުވާއިރު އެތަނަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެހެނިހެން ކަންކަމުގައިވެސް ކައުންސިލުގެ އެއްބާރުލުން ލިބޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫގައި 3 ރިސޯޓެއް އޮވެއެވެ. އޭގެ ތެރެއިން ޝަންގިރިއްލާ ވިލިނގިލި ރިސޯޓާއި، ކެނެރީފް އައިލެންޑް ރިސޯޓު، ކޯވިޑާ ގުޅިގެން ވަނީ ބަނދުކޮށްފައެވެ. ކޯވިޑުގެ ތެރޭގައި ކެނެރީފް ރިސޯޓު ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިގެން ދިޔައެވެ. މި ދެރިސޯޓުގެ ތެރެއިން ކެނެރީފް މިހާރު ހުޅުވުމަށް މަސައްކަތް ކުރާއިރު ވިލިނގިލި ހުޅުވޭނީ ބޮޑެތި މަރާމާތުތަކެއް ކޮށްގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދެރިސޯޓު އަލުން ހުޅުވުމަށް ގިނަ ދުވަސްތަކެއް ވަމުންދާތި އައްޑޫގެ ގިނަ ރައްޔިތުން ވަނީ މީގެ ކުރީންވެސް ކަނބޮޑުވުން ފާޅުކޮށްފައެވެ. އައްޑޫގެ ރިސޯޓުތަށް އަލުން ހުޅުވޭއިރު ސްރީލަންކަންގެ ދަތުރުތަށް ވެސް މިއަހަރު ފަހުކޮޅު އައްޑޫއަށް ފަށާނެ ކަން އެއާލައިނުން ވަނީ ބުނެފައެވެ.