ޚަބަރު

ފުވައްމަލަކުގެ އިހުގެ ނެރު ބަންދުކުރުމުގެ މަސައްކަތާއެކު ރައްކާތެރިކަމުގެ އުންމީދު!


ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަނދު ކުރުމުގެ މަސައްކަތް އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފަށައިފިއެވެ.

މިމަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިމަސައްކަތުގެ ދަށުން ފުވައްމުލަކުގައި އިހުގައި ބޭނުންކޮށް އުޅުނު ހަތަރު ނެރެއް ބަނދުކުރާނެއެވެ. މިމަސައްކަތް ކުރަން ހަމަޖެހިފައިވަނީ، ޓެޓްރާޕޮޑް ގާ ބޭނުން ކޮށްގެންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވީ، މިނެރުތަކުގެ ސަބަބުން މާޒީގައި ފުވައްމުލަކު ރައްޔިތުންނަށް ހިތާމަވެރި އެތައް ޙާދިސާތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. މިހާރުވެސް މި ސަރަހައްދުތަކަށް މީހުން މޫދަށް ފައިބާތީ މިއީ ނުރައްކާތެރިކަން އޮތްކަމެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިމަސައްކަތް ފަސޭހަ މަސައްކަތަކަށް ނުވާނެކަމަށެވެ. ނަމަވެސް މިމަސައްކަތް އެންމެ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭ ނިންމާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކަކީ ރަށް ވަށައިގެން ހުރިހާ ދުވަސްވަރެއްގަ ހެން ރާޅު އަރާ ރަށެކެވެ. މިސިޓީގެ ރައްޔިތުން މޫދަށް އެރިއުޅެން ވަކި ޚާއްސަ ރައްކާތެރި ސަރަހައްދެއް މިހާތަނަށް ހަމަޖެހިފައި ނުވެއެވެ. އެހެންކަމުން އިހުގައި ރަށަށް ވަދެނުކުތުމަށް ހަދާފައިވާ ނެރުތަކުގެ ސަރަޙައްދަށް މީހުން މޫދަށް އެރެއެވެ. އެތަންތަނަށް މީހުން މޫދަށް އެރިއުޅުމުގައި ނުރައްކާތެރި ޙާދިސާތައް ހިނގާފައިވެއެވެ. އަދި ބައެއް މީހުން ގެއްލިފައިވެސް ވެއެވެ.

އިހުގެ ނެރުތައް ބަންދުކުރުމަށް މިފެށި މަސައްކަތް ނިމި ބަނދަރުގެ އިރުމަތީ ތޮށިލާއިރު ފަތާ ފެންގަނޑެއްވެސް ހަދާނެ ކަމަށް ފުވައްމުލަކު މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ އިހުގެ ނެރުތަކަކީ 1980ގެ ކުރީކޮޅު ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ލުއި ހޯދުމުގެގޮތުން ފުން ކޮށްފައިވާ ނެރުތަކެކެވެ.