ޚަބަރު

ބްރިޖްގެ އަމަލީ މަސައްކަތް މިމަހުގެ 24 ގައި ފަށަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މި މަހުގެ 24 ގައި ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިމަހު 24 ވަނަ ދުވަހުގެ ރޭ ބާއްވަވާނެކަމަށާއި، ބްރިޖުގެ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމާއި، ފައިނޭންޝިއަލް އެގްރީމެންޓްގައި ސޮއިކުރުމާއި، އަދި އަމަލީގޮތުން މަސައްކަތް ފެށުންވެސް ކުރިއަށްދާނީ މި ރަސްމިއްޔާތުގެ ތެރެއިންކަމަށެވެ.މިހާރުވެސް ރާޅުގަނޑު ސަރަޙައްދު އެއްކޮށް ބަނދުކޮށް މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ރަސްމިއްޔާތުގެ މަޤްޞަދަކީ ބްރިޖުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާއި ހަމައަށް  ފޯރުކޮށްދެއްވުންކަމަށެވެ. ބްރިޖް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންނާއެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކުންފުނީގެފަރާތުން އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާކަމެއް ހަމަޖެހި، މާލެއަށް ގެންނަން ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، އެ މަސައްކަތް ކުރާ ޗައިނާ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދެ ޓީމެއް މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ، މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ.  ބްރިޖުގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ހެދުމަށް ބޮޑުތަކުރުފާނުމަގާއި، ދަރުބާރުގޭ އިރު ހުޅަނގު ކަންމައްޗާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާމިނުގައި، 20.3 މީޓަރު ހުރެއެވެ. އަދި މި ބްރިޖް ޑިޒައިން ކޮށްފައިވަނީ، ދުއްވާ އެއްޗެހީގެ އިތުރުން، އާއްމުންނަށް ހިނގާފައިވެސް އުޅެވޭނޭހެންކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.