ޚަބަރު

މީޑިއާ ކައުންސިލުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގައިފި


ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ އުސޫލުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ދައުރާއި މަސައްކަތްތައް ހާމަކޮށްދިނުމުގެ ގޮތުން ގއ. އަދި ދ. އަތޮޅަށް ކުރި ދަތުރު ނިންމާލައިފިއެވެ. މިއީ ޔުނިސެފްގެ އެހީގައި ހިންގުނު ޕްރޮގްރާމެއް ކަމަށް މީޑިއާ ކައުންސިލުން ހާމަކުރައްވައެވެ. އެގޮތުން މިމަހުގެ 10 ން 12 އަށް ގއ. ވިލިނގިލި، ކޮލަމާފުށި، އަދި ދ ކުޑަހުވަދޫއަށް މީޑިއާ ކައުންސިލްގެ ފަރާތުން ވަނީ ޒިޔާރާތްކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މިދަތުރުގައި ކުރިއަށް ގެންދެވުނު ސެޝަންތަކުގައި ވިލިނގިލި ސްކޫލުގެ ބެލެނިވެރިނާއި، ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން އަދި ވިލިނގިލި ކައުންސިލް މެމްބަރުންނާއި ސިވިލް ސަރވިސް މުވައްޒަފުންނަށް ވަނީ މަޢުލޫމާތުދީފައެވެ. މި ސެޝަންތަކުގައި ޖުމްލަ 36 ބޭފުޅުން ބައިވެރިވެފައިވާކަމަށާއި، ކޮލަމާފުށި ސްކޫލުން 14 ބެލެނިވެރިން އަދި ކޮލަމާފުށި ކައުންސިލްގެ 9 ބޭފުޅަކާއި، ދ. އަތޮޅު ކައުންސިލްގެ 11 ބޭފުޅަކު މި ސެޝަންތަކުގައި ބައިވެރިވެފައިވާކަމަށް މީޑިއާ ކައުސިންލުން މަޢުލޫމާތުދެއްވައެވެ. މޯލްޑިވްސް މީޑިއާ ކައުސިލްގެ މި ދައުރުގައި މިހާތަނަށް 5 އަތޮޅެއްގެ 9 ރަށެއްގައި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިންގުނު ރަށްތަކުގެ ތެރޭގައި ކ. ހިންމަފުށި، ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ، ލ. ގަން، ގދ. މަޑަވެލި، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ގއ. ކޮލަމާފުށި ހިމެނެއެވެ. އެގޮތުން ޖުމްލަ 514 ދަރިވަރުންނާއި، 386 ބެލެނިވެރިން އަދި 174 ސިވިލް ސަރވިސް މުވައްޒަފުންނަށް މަޢުލޫމާތު ދެވިފައިވާކަމަށް މީޑިއާ ކައުސިލުން ހާމަކުރައްވައެވެ.މިފަދަ އިތުރު ދަތުރަށް އަދިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ކައުސިލުން މަޢުލޫމާތުދެއްވައެވެ.