ޚަބަރު

އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްސަ ޑޮކިއުމެންޓްރީއެއް


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއަށް ހިންގާ ތަފާތު މަޝްރޫޢުތަކުގެ ވީޑިއޯ ފުޓޭޖްނެގުމާއި، ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް - އެމް.އޭ.ސީ.އެލްއާއި، ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމްއާއި ދެމެދު މި ވެވުނު އެއްބަސްވުމަކީ، އެމް.އޭ.ސީ.އެލުން ހިންގާ ތަފާތު އިވެންޓްތަކާއި، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް އެކުންފުނިން ހިންގާ ތަފާތު މަޝްރޫޢުތަކުގެ ވީޑިއޯ ފުޓޭޖްނެގުމާއި، ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މުޅި އެއަރޕޯޓް ވީޑިއޯ ކުރުމާއި، ކަމާގުޅޭ ބޭފުޅުންގެ އިންޓަރވިއުތައް ނެގުމާއި، އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ތަފާތު މަޝްރޫޢުތަކާއި ގުޅޭގޮތުން ޑޮކިއުމަންޓްރީ ތައްޔާރުކުރުން ހިމެނެއެވެ. އަދި މުޅި ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއަރޕޯޓް ކުރިން އޮތްގޮތާއި، އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ޚާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، އެމް.އޭ.ސީ.އެލްއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ ތަރައްޤީއަށް ހިންގާ އެކި މަޝްރޫޢުތައް ވީޑިއޯކުރުމުގެ މަސައްކަތް އެކުންފުނިން ދުވަހުން ދުވަހަށް ކުރައްވަމުންގެންދަވާނެކަމަށެވެ. އަދި މުޅި އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢު އެއްކޮށް ނިމުމުން، ޚާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރައްވާނެކަމަށާއި، އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގުނު ތަފާތު މަޝްރޫޢުތަކުގެ ފޮޓޯ ހިމެނޭ ޚާއްސަ ފޮތެއް ޕީ.އެސް.އެމްގެ ފަރާތުން ނެރުއްވާނެކަމަށެވެ. އެމް.އޭ.ސީ.އެލްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއަށްޓަކައި، ގިނަ މަޝްރޫޢުތަކެއް ޕްލޭންކޮށް، އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެތިން އަހަރުދުވަހުގެ ތެރޭގައި މުޅި އެއަރޕޯޓުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށެވެ. އަދި މި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުންނަށް ވީހާވެސް ފުރިހަމައަށް މައުލޫމާތު ދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން، މި މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ.މި އެއްބަސްވުމުގެ ދަށުން، އަންނަ އަހަރަކީ އިބްރާހިމް ނާސިރު އިންޓަރނޭޝަން އެއަރޕޯޓްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރުކަމުން، މިދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.އޭ.ސީ.އެލުން ހިންގާ ތަފާތު ހަރަކާތްތައް ޕްލޭންކުރުމާއި، އެފަދަ ހަރާކަތްތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖް ޕީ.އެސް.އެމްގެ ފަރާތުން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.