ޚަބަރު

"އެއްތިގިލި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން އަންނަމަހު ފަހުކޮޅު ހުޅުވާލާނެ"


ރ.އަލިފުށްޓާ އެއް ފަޅެއްގައި އޮންނަ އެއްތިގިލި، ރިސޯޓެއް ގޮތުގައި ތަރައްޤީ ކުރުމަށް އަންނަ އޮކްޓޫބަރު މަހު ފަހުކޮޅު ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދައިރާގެ މެންބަރު ޙަސަން އަޙްމަދު ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ހަސަން ލިއުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެންފައިވަނީ އަލިފުށި ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ ރިސޯޓުގެ މަސައްކަތް ފެށޭނެ ތާރީޚަކާ މެދުގައެވެ.

މިސުވާލަށް ލިއުމުން ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، އަލިފުށީ ފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 10 ހެކްޓަރާއެކު، އެއްތިގިލި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް 25 އޮކްޓޯބަރުގައި ހުޅުވާލެވޭ ބީލަމުގައި އިޢުލާން ކުރާނެ ކަމަށެވެ.

އެއްތިގިލީގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަން ފުރަތަމަ ހާމަކުރައްވާފައިވަނީ ކުރީގެ ސަރުކާރުގައެވެ. ނަމަވެސް އެކަމުގައި އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވެއެވެ.

އަލިފުށްޓާ އެއް ފަަޅެއްގައި އޮންނަ އެއްތިގިލި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު މިމަހުގެ އެއްވަނަ ދުވަހު އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ވަނީ ޙަވާލުކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.